އަންނަ އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑް ބަތަލާ ރާނީ މުކަރުޖީގެ "މަރުދާނީ"ގެ ފްރެންޗައިސްގެ ތިންވަނަ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
ފިލްމުގައި ރާނީ ފެންނާނެ ގޮތުގެ ޕޯސްޓަރާ އެކު "މަރުދާނީ 3" ބެލުންތެރިންނަށް ގެނެސްދޭނެކަމަށް އިއުލާނުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ގައެވެ. ފިލްމު "މަރުދާނީ"ގެ ފްރެންޗައިސް އަކީ އިންޑިއާގައި މި ފަހުން އުފެއްދި އެކްޝަން ތުރިލާ ފިލްމަކުން ބަތަލާއަކު އަންހެން ފުލުސް އޮފިސަރެއްގެ ރޯލްގައި ލީޑް ކުރާ ފުރަތަމަ ފްރެންޗައިސްއެވެ.
ފިލްމު "މަރުދާނީ"ގެ ކުރީގެ ދެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ތިންވަނަ ފިލްމުގެ ވާހަކަ ވެސް ބިނާކޮށްފައިވަނީ އިންޑިއާގެ ކުށުގެ މާހައުލުގައި ހިނގާ ހަގީގީ ހާދިސާތަކުގެ މައްޗަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ރާނީ މުކަރުޖީ "މަރުދާނީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ރާނީ މުކަރުޖީގެ ފިރިމީހާ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔަ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖްއިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ، އަބީރާޖް މިނަވާލާއެވެ. އަބީރާޖަކީ ޔަޝް ރާޖް ފިލްމްސްއިން ގެނެސްދީފައިވާ "ޓައިގާ 3"، "ގުންޑޭ' އަދި "ސުލްތާން" ފަދަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
ބަތަލާ ރާނީ މުކަރުޖީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ. ރާނީގެ ފިލްމު "މަރުދާނީ 2" ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2019 ވަނަ އަހަރުއެވެ.