ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ން ޤާއިމުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީ އިންކިއުބޭޓާ ކަމުގައިވާ 'އެމްއެންޔޫ އިނޮވޭޓްހަބް'ގެ ފުރަތަމަ ބެޗަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އިނޮވޭޓްހަމް ލޯންޗުކުރީ ޖުލައި 4، 2024 ގައެވެ.
އެއީ، އެމްއެންޔޫއިން އުފައްދާފައިވާ އީޖާދީ ޚިޔާލުތަކާއި ވިޔަފާރީގެ ކުރިއެރުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕައިނިއަރިން އިނީޝިއޭޓިވްއެއް ކަމަށާއި މި ފުރުސަތުގެ ދަށުން ދަރިވަރުން ހުށަޅާ ޕްރޮޕޯޒަލް މުރާޖާކޮށް ފަންޑިން ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
އެ ޔުނިވާސިޓީން ބުނީ, އާ އީޖާދުތައް ހެދުމުގެ މަގުސަދަކީ ގައުމު ބިނާކުރަން ކުރާ މަސައްކަތުގެ ތެރެއިން މުޖްތަމައާއި ދަރިވަރުންނާއި އެމްއެންޔޫއާ އެކުއެކީ ޤައުމު ކުރިއެރުވުން ކަމަށެވެ.
އިނޮވޭޓްހަބްއިން ދޭ ސީޑް ކެޕިޓަލްއަކީ ޔުނިވާސިޓީއާއި ޔުނިވާސިޓީއާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި އުފެއްދުންތެރި އީޖާދީ ޚިޔާލުތަކަށް ހިތްވަރުދޭން ދެވޭ ފުރުސަތެކެވެ. އެގޮތުން، އިނޮވޭޓްހަބްއަށް ހުޅުވާލައިފައިވަނީ އެމްއެންޔޫގެ ފުރަތަމަ އަހަރުގެ ކިޔެވުން ނިމި ކިޔެވުން ކުރިއަށްގެންދާ ދަރިވަރުންނަށް ކަމަށް އެމްއެންޔޫއިން ވަނީ ބުނެއެވެ.
އެ ޔުނިވާސިޓީން އިންކިއުބޭޓާ ލެވެލްގައި ފަންޑިން ދެނީ ސީޑް ކެޕިޓަލްގެ ނަމުގައެވެ. އެމްއެންޔޫއިން ބުނީ، ސީޑް ކެޕިޓަލް ބަހައިލާނީ މައިގަނޑު ތިން ފަންތިއަށް ކަމަށެވެ. އެއީ:
- އެންމެ ކުޑަމިންވަރުން 50،000 ރުފިޔާ
- މެދުމިންވަރުން 225،000 ރުފިޔާ
- މަތީމިންވަރުން 500،000 ރުފިޔާ
އެމްއެންޔޫއިން ބުނީ، މި މަރުހަލާގައި ނަގާނީ އެންމެ ގިނަވެގެން 10 އެޕްލިކޭޝަން ފޯމު ކަމަށެވެ. މި މަރުހަލާގެ މުއްދަތު ތެރޭގައި ކުދިންނަށް އިންޑަސްޓްރީ އެކްސްޕާޓުންގެ ފަރާތުން އިރުޝާދު ލިބޭނެ ކަމަށާއި ކޮލެޖްގައި ލިބެންހުރި ވަސީލަތްތަށް ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްއެމްޔޫއިން ވަނީ ބުނެފައެވެ.
އެމްއެެންޔޫއިން ބުނީ، މި މަރުހަލާ ތެރޭގައި ސީޑް ފަންޑިން ދެނީ 50-20 ޕަސެންޓާ ހަމައަށް ކަމަށާއި އެއީ، ޕްރޮޓޯ ޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިން ރިސާޗް ހެދުން ފަދަ ކަންކަމާއި ގުޅިގެން ކަމަށެވެ. ސީޑް ފަންޑިން ދެނީ ދެވިފައިވާ ލަޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރުން ކަމަށާއި ޑިވެލޮޕްކުރާ މަރުހަލާގެ މުއްދަތު ނިމުމުން ދެންދާނީ އެކްސެލެރޭޓާ މަރުހަލާއަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެ މަރުހަލާގައި ހޮވާނީ ޖުމްލަ ތިނެއް ނުވަތަ ފަސް ކުދިންނެވެ. އެ ކުދިންގެ ވިޔަފާރި ކުރިއަރުވަން ބާކީ ފަންޑިން ދެނީ ގުރޯތް ކެޕިޓަލްގެ ގޮތުގައި ކަމަށާއި އެ ފައިސާގެ އެހީ ފޯރުކޮށްދެވޭނީ ޔުނިވާސިޓީއަށް ނުވަތަ މުޖުތަމަޢަށް މަންފާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނެ ފަދަ ޚިޔާލުތަކަށް ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.
ނަމަވެސް، ބޮޑަށް އިސްކަންދެވޭނީ އީޖާދީ ޚިޔާލުގެ ގޮތުގައި ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށް ކަމަށް ވަނީ ބުނެފައެވެ. އެމްއެންޔޫ އިނޮވޭޓްހަބްގެ ސީޑް ކެޕިޓަލަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކަކީ އެމްއެންޔޫގެ ދުރުރާސްތާ ޕްލޭންގައިވާ މަޤްޞަދުތަކާ ގުޅުންހުރި ހުށަހެޅުންތަކަކަށް ވާން ވާނެ ކަމަށާއި އަދި އދގެ ސަސްޓައިނަބަލް ޑެވެލޮޕްމަންޓް ގޯލް (އެސްޑީޖީ)އަކަށް ވެސް ވާންވާނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.
އެމްއެންޔޫއިން ވަނީ އިނޮވޭޓްހަބްގެ ޕޮލިސީ މެދުވެރިކޮށް އިނޮވޭޓްހަބާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބުނެފައެވެ.