ޔޫޝައު އޭނާ ދެކެ ހަޤީގަތުގައި ލޯބިވާނަމަ އެއީ ކޮން އިރަކު ކިހިނެއް ވީކަމެއް ހެއްޔެވެ؟ ދެ އަހަރު ވަންދެން އޭނާ އޮތީ ކޯމާއެއްގައެވެ.

ޖަވާބު ބޭނުންވާ އެތަކެއް ސުވާލުތަކެއް ހުރިނަމަވެސް، އެއިން އެއްވެސް ސުވާލަކަށް ދޭނެ އެކަށޭނެ ޖަވާބެއް މައުވާގެ އަތަކު ނެތެވެ. ޒާޔާއާ ވާހަކަ ދެކެވުމުން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާ އެފަދަ ވިސްނުންތަކެއްގައި އިންދާ، ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު، ރާމިޒާ ވާހަކަ ދެއްކިއެވެ.

"ދަރިފުޅާ… ކާން ހަދާފަ މިއައީ. ހިނގާ…" ރާމިޒާއަށް އެހެން ބުނެލާފައި، ދެވަނަ ސިކުންތުގައި މައުވާއަށް ފުންކޮށް ބަލައިލެވުނީ އެ މޫނުމަތީގައިވި އަސަރުތަކުންނެވެ.

"ކަމެއްވީތަ؟" އޭނާއަށް ސުވާލުކޮށްލެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލާފައި، މައުވާ، އޭނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއްގެ އަސަރު ވެރިކޮށްލިއެވެ. އަދި އެނދުމަތިން ތެދުވެ މަޑުމަޑުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއްޗެއްގެ އެހީއާ ނުލާވެސް އެގޮތަށް މިހާރު އޭނާއަށް އުޅެލެވޭވަރުވެއެވެ. މާގިނައިރު ނުހިނގުނެއްކަމަކު، ފިޒިއޯތެރަޕިސްޓް ބުނެފައިވަނީ ގިނައިން ހިނގުމަށް މަސައްކަތްކުރުމަށެވެ.

*****

ޒާޔާއާއި ޔޫޝައުއާ ދެމީހުން ދެން ދިމާވީ ޖެހިގެން އައި ދުވަހު ކޮލެޖުންނެވެ. ޔޫޝައު އައީ ކްލާސް ފެށުނު ފަހުން ކަމަށް ވުމާއެކު ޒާޔާއަށް އޭނާއާ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ޒާޔާގެ ފަހަތުގައި ހުރި މޭޒުކައިރީގައި ޔޫޝައު އިށީނީ އޭނާ ޒާޔާއާ ވާހަކަ ދައްކަން ބޭނުންނުވާތީއެއް ނޫނެވެ. އެހެންނަމަވެސް ޒާޔާއަށް ހުރިހާ ކަމެއް އެނގިއްޖެކަން އެނގޭތީއެވެ. އިއްޔެ އެހާވަރަށް ޒާޔާ އޭނާއަށް ގުޅީ އެހެންވެގެންކަން ފަހުމްވުމުންނެވެ. ޔޫޝައުގެ އެ ޢަމަލުން ޒާޔާއަށް ހުރިހާކަމެއް ވެސް ޔަޤީންވެގެން ދިޔައެވެ. އޭނާ އިންތިޒާރުކުރީ ހުރިހާ ކްލާހެއް ނިމެންދެނެވެ.

"ޔޫޝައު… އައި ވޯންޓު ޓޯކް ޓު ޔޫ…" ލެކްޗަރތައް ނިމި ހުރިހާ ކުދިން ތެދުވެގެން ކްލާހުން ނުކުންނަން އަވަސްވި ވަގުތު ޒާޔާ ފަހަތަށް އެނބުރިލާފައި ޔޫޝައުއަށް ބަލައިލިއެވެ. އަދި އޭނާ ކްލާހުން ނުކުންނަން ދިޔަ އަފްނާންއަށްވެސް އަވަސް ނަޒަރެއް ދިނެވެ. "ޔޫޝައު…"

"އިނގޭ ދޯ އަހަރެން ކުރަން މިއުޅެނީ ކޮން ސުވާލެއްކަން؟" ޒާޔާ ބުމަ އަރުވައިލަމުން ސުވާލުކޮށްލީ އެންމެން ގޮސް ކްލާސްތެރެ އެކީ ހިމޭންވުމުންނެވެ. އޭސީ ޖައްސާފައިވާ ކްލާސްރޫމުތެރޭން ޒާޔާގެ އަޑު ކެނޑުމާއެކު އާދަޔާ ޚިލާފް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އޭނާ ޖަވާބު ބޭނުންވާ ފަދައަކުން ޔޫޝައުއަށް ބަލަން އިނެވެ. ޔޫޝައު ހީވަނީ ޒާޔާއާ ކުރިމަތިލާން ނުކެރިގެން އުޅޭ މީހެއް ހެންނެވެ. އޭނާ ޒާޔާއާ ހަތަރު ކަޅި ހަމަކޮށްނުލީވެސް އެހެންވެގެން ކަންނޭނގެއެވެ.

"ޔޫޝައު…. " ޒާޔާ ގޮައިލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ.

"އޯކޭ ފައިން. އައި ޑިޑް އިޓް." ކުއްލިއަކަށް ޔޫޝައު ގޮނޑީގައި ލެނގިލަމުން ދެ އަތް އުފުއްލައިލަމުން ބުނެލިއެވެ.

"ވައި؟ ޔޫޝައު… ކީއްވެގެންތަ އެހެން ހެދީ؟" ޒާޔާއަށް ސުވާލުކޮށްލެވުނެވެ. "ޔޫ ނޯ ދޯ މައު އަދިވެސް ލޯބިވަނީ އަފްނާން ދެކެކަން؟ ދެން ވައި؟"

"ބިކޯޒް އައި ލަވް ހާ… އައި ރިއަލީ ޑޫ…" ޔޫޝައުއަށް ބުނެވުނެވެ. އަސަރާއެކުގައި ނުކުތް ޖުމްލަތަކުގައި ވަނީ ވޭނެކެވެ.

"އެކަމަކު މައުވާ ޑަޒަންޓް ލަވް ޔޫ އޭ! ރޭގަ މައު އަހަންނަށް ގުޅި…" ޒާޔާ ހާމަކޮށްލިއެވެ.

"ކީކޭ ބުނީ؟" ޔޫޝައުގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ފެނިލިއެވެ.

"އަހަންނަކަށް އެ ގަޑީގަ ފޯނެއް ނުނެގުނު. ފަހުން ގުޅަން އުޅެނިކޮށް ރިފާ ގުޅާފަ މައު އޭނާއަށް ގުޅާފަ ހުރިހާ ވާހަކައެއް އެހި ވާހަކަ ބުނި. ދެން ފަހުން އަހަންނަކަށް ނުވެސް ކެރުނު މައުއަށް ގުޅާކަން. މައުއާ ދިމާކުރުމުގެ ކުރިން އަހަރެން ބޭނުންވޭ ޔޫޝައުއާވެސް ވާހަކަ ދައްކަން. ތީ މީގެ ކުރިން ޔޫޝައު އުޅުނު ގޮތެއް ނޫން. ދެން ކީއްވެ މިހާރު މާ ބޮޑު ބަދަލެއް ޔޫޝައުއަށް ތި އައީ؟ އެެއެއް ބުނެދީބަލަ." ޒާޔާގެ މޫނުމަތިން ފެންނަނީ ޔޫޝައުގެ ފަރާތުން ޖަވާބު ބޭނުންވެފައި އިން ފަދަ އަސަރެކެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް ޔޫޝައުއަށް އެތަނަކުން ނުދެވޭނެޔޭ ޒާޔާ ބުނާ ފަދައެވެ. އެކަން ޔޫޝައުއަށް ވެސް އެނގެއެވެ. އެހެންނޫނަސް ޒާޔާ އެ ސުވާލުކުރުމުން ޒާޔާއަށް އެ ސުވާލުގެ ޖަވާބު މިއަދު އޭނާ ދޭނެއެވެ. އިތުރަށް އެއްވެސް ކަމެއް ފޮރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ލޯބިވުމަކީ ކުށެއް ނޫނެވެ. ލޯތްބަށް އެދެވުމަކީ ވެސް ކުށެއް ނޫނެވެ. ހިތުގައި އުފެދޭ އިޙްސާސްތަކަށް ޤަދަރުކުރުމަކީ ވެސް ކުށެއް ނޫނެވެ. އެހިތުގެ އަޑު އަހާ އެ ހިތަށް ޙަމްދަރުދީވުމަކީވެސް ކުށެއް ނޫނެވެ. އަދި އެހިތުގެ އެދުންތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީވެސް ކުށެއް ނޫނެވެ.

"ޒާ ބުނެބަލަ. އަހަރެންގެ ކުށަކީ ކޮބާ؟ މައު ދެކެ ލޯބިވުން؟ މައުގެ ލޯބި ހާސިލްކުރަން މަސައްކަތްކުރުން؟ " ޔޫޝައުގެ ވާހަކައާއެކު ޒާޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން؟ ދެން ކީއްވެގެންތަ އަހަންނާ ތި ސުވާލުކުރަނީ؟ އަފްނާން މައުވާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަށް ނޫންކަން އެނގި ހުރެ މިއަދު ކީއްވެގެން ޒާ އަހަރެންގެ ކުރިމަތީގައި އިނދެ ތި ސުވާލު ތި ގޮތަށް ތި ކުރަނީ؟ އަހަރެން ހަމައެކަނި ބޭނުންވަނީ މައުގެ ލޯބި… އައި… " ޔޫޝައުގެ ވާހަކަ މެދު ކަނޑައިލީ ޒާޔާއެވެ.

"އެންޑް ޔޫ ޓުކް ރިވެންޖް ފްރޮމް އަފްނާން ބިކޯޒް ޔޫ ލަވް ހާރ؟" ޒާޔާ ބުނެލިއެވެ.

"ޒާ… ޕްލީޒް… ކީއްވެތަ އަންޑަސްޓޭންޑް ނުވަނީ؟" ޔޫޝައު ފުންނޭވާއެއް ދޫކޮށްލިއެވެ.

"ލުކް… އަހަރެން އަހަރެންގެ ލޯބި ސެކްރިފައިސް ކުރިން. އަފްނާންއަށް ފުރުސަތު ދިނިން. އެ ހުރިހާ ދުވަހު އަހަރެން ހުރީ ދުރުގަ. ހަމަ އެކަނި މައުގެ ލޯތްބަށް ޤަދަރުކުރާތީ. މައުގެ އުފާތަކަށް އިސްކަން ދޭތީ. މައުގެ ހިތްހަމަޖެހުމާ ދޭތެރޭ ވިސްނާތީ. އަހަންނަށް އަހަރެންގެ ހިތުގެ އެދުންތަކެއް މުހިންމެއް ނުވި. އަހަންނަށްވެސް އަޑު އިވޭ ލޯތްބަކީ އަބަދު ލޯބިވާ މީހާ ހާސިލްވުމެއް ނޫނޭ ބުނާ އަޑު. އަނެކާގެ އުފަލަށް އެދުމަކީވެސް ލޯތްބޭ… އަހަރެން މައުއަށް އަހަރެންގެ ލޯބި ސިއްރުކުރީ އެ ސަބަބަށްޓަކައި. ލޯބި ނޫންނަމަ އެކުވެރިކަންވެސް ބޭނުން ވާތީ. އެކަމަކު މިހާރު އަހަރެން މައުގެ ލޯބި ބޭނުން. އެ ދުވަހު ހޮސްޕިޓަލުގައި އެހެން ބުނެފައި އޮޅުވާލީވެސް މައުއަށް ވީގޮތް ފެނިފަ. އަހަންނަށް އެނގޭ އަހަންނަށް އޭނަ އެފަދަ ނަޒަރަކުން ނުބަލާކަން. އޭނަ އަހަންނާ އޮތް ގުޅުން އެއްކޮށް ކަނޑާލަފާނެތީ ބިރުގަތީ. ޒާ… އަމިއްލަ އިޙްސާސްތައް ހިތުތެރޭގަ ފޮރުވައިގެން ހުރުމަކީ މިހާރު އަހަންނަށް ފަސޭހަކަމެއް ނޫން. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މައުއަށް އަހަރެންގެ ހިތުގެ ޙާލު އަންގައިދޭން އަހަރެން ބޭނުން. މައު އަހަރެންގެ ލޯބި ރިޖެކްޓްކުރިޔަސް… މިހާރު ބޭނުންވަނީ އަހަރެން އޭނަ ދެކެ ލޯބިވާ ވާހަކަ ބުނަން. އައި ޖަސްޓް ވޯންޓު ލެޓް ހާރ، ހައު މައުޗް އައި ލަވް ހާރ!"

ޔޫޝައު އޭނާގެ ހިތުގެ އިޙްސާސްތައް ޒާޔާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. މައުވާގެ ލޯތްބަށް އޭނާ އެދެމުންދާވަރު އެހާ ހާމަކަން ބޮޑުގޮތެއްގައި ޔޫޝައު އެ ހާމަކުރީ އަލަށެވެ. ހިތުގައިވާ އިޙްސާސްތައް ލަފުޒުތަކެއްގެ އެހީގައި ބަންޑުންކޮށްލެވުމުން ހިތުން ހީވީ ބަރުއެއްޗެއް ނަގާ އެއްލާލެވުނު ހެންނެވެ. އޭނާ ޒާޔާއަށް ބަލައިލިއެވެ.

"އެންޑް އިފް ޝީ ރިޖެކްޓްސް ޔޫ؟…" ޒާޔާ ސުވާލުކޮށްލިއެވެ. މައުވާ ޔޫޝައުގެ ލޯތްބަށް އިންކާރުކޮށްފިނަމަ ޔޫޝައުއަށް ކުރާނެ އަސަރު އޭނާއަށް އެނގެއެވެ.

"އޭރުން އެކަންވެސް ޤަބޫލުކުރާނަން. އަހަރެން ދެކެ ލޯބިވާކަށް އަހަންނަކަށް މައުއަކަށް މަޖުބޫރެއް ނުކުރެވޭނެ. ލޯތްބަކީ ތިމާ ބޭނުންވާހާ މީހަކަށް، ބޭނުންވާހާ ގޮތަކަށް ދެން ހުންނަ މީހާގެ ހިތުގައި އުފެދޭނެ އިޙްސާސްއެއް ނޫން." ޔޫޝައު އިސްޖަހައިލިއެވެ. ހީވީ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިހެންނެވެ. މައުވާ އޭނާގެ ލޯބި ޤަބޫލުނުކުރާނެކަން މިހާރުވެސް އޭނާއަށް އެނގެއެވެ. ސަބަބަކީ މައުވާގެ ހިތުގައިވަނީ އަފްނާންކަން ޔަޤީންވާތީއެވެ. އެހެންނަމަވެސް، އޭނާވެސް އެހިތަށް ހަމަޖެހުމެއް ބޭނުމެވެ. މައުވާގެ ގާތުގައި އެ އިޙްސާސްތައް ހާމަނުކޮށް ހުރެއްޖެނަމަ އެހިތުގައިވާ އުންމީދުތައް މަރުވުމަކީ ނާދިރުކަމެކެވެ. އަދި ވަކިން ޚާއްސަކޮށް މައުވާ ދެން އިތުރު ފުރުސަތެއް އަފްނާންއަށް ދޭން ބޭނުމެއް ނޫނޭ ބުނާ ހިނދުގައެވެ. ލޯބިވިއެއްކަމަކު، މައުވާ އިތުރު ފުރުސަތެއް ދޭން ބިރުގަންނަނީކަން ޔޫޝައުއަށް އެނގެއެވެ.

"މައު ޔޫޝައުއާ އޮތް އެކުވެރިކަން ނިންމާލައިފިއްޔާއޯ؟" ޒާޔާ ދެވަނަ ސުވާލެއް ޔޫޝައުއާ އަމާޒުކޮށްލިއެވެ. ޔޫޝައުގެ އެ އަަމަލުން ކަންތައް ވެގެންދާނެ ގޮތްތަކުގެ އިޝާރާތްތައް އޭނާ ދެމުން ދިޔައީ ޔޫޝައު އެކަމާ ކުރިމަތިލުމުގެ ކުރިން އޭނާގެ ސިކުނޑިއެކަމަށް ހޭނުވުމަށެވެ.

ޒާޔާއަށް ބަލައިލުމާއެކު ޔޫޝައު ހިތި ހިނިތުންވުމެއް ޒާޔާއަށް ހަދިޔާކޮށްލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ޚުދު އޭނާގެ އަތުގައިވެސް ނެތެވެ. އެހެންނަމަވެސް، ފަސް އެނބުރި ބަލައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒާޔާ އިތުރު އެއްޗެއް ބުނަންވެގެން އުޅުުނު ވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅީ މައުވާއެވެ. އެއްފަހަރު ފޯނަށް އަނެއް ފަހަރު ޔޫޝައުއަށް ޒާޔާ ބަލައިލިއެވެ. ޒާޔާގެ އެ ނަޒަރުން އެކަނިވެސް ގުޅަނީ ކާކުކަން ޔޫޝައުއަށް ދެނެގަނެވުނެވެ.

"މައުވާ…" ޒާޔާ އެހެން ބުނެލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު މައުވާ ވަގުތުން ޝަކުވާކުރީ އޭނާގެ ފޯނު ރޭގައި ނުނެގުމުން އެކަމާއެވެ.

"އަހަންނަށް ފޯނު ސައިލެންޓަށް ލެވިފަ އޮތީ…" ޒާޔާ ބުނެލިއެވެ. އޭރުވެސް އޭނާ އިނީ ޔޫޝައުއަށް ބަލަހައްޓައިގެންނެވެ.

"ދެން ކީއްވެ ކޯލްބެކް ނުކުރީ؟ އަހަރެން ގުޅާފަ އިނިއްޔާ މީގެ ކުރިން ކޯލްބެކް ކުރޭ." މައުވާގެ އަޑުން ކުޑަ ނުރުހުންތެރިކަމެއް ފާޅުވަމުން ދިޔަހެން ޒާޔާއަށް ހީވުމާއެކު އޭނާ މާފަށް އެދުނެވެ.

"ޔުނިވާސިޓީގަތަ؟" މައުވާ ދެވަނަ ސުވާލެއްވެސް ޒާޔާއާ އަމާޒުކޮށްލިއެވެ. ޒާޔާގެ އާބަހާއެކު މައުވާގެ ދެވަނަ ސުވާލެއްވެސް އޭނާއާ އަމާޒުވިއެވެ. "އާރ ޔޫ ވިތް ޔޫޝައު؟"

"އާނ. ހީޒް ވިތް މީ…" ސުވާލުގެ ނަޒަރަކުން ޒާޔާއަށް ބަލަހައްޓައިގެން އިން ޔޫޝައުގެ ހިތް ތެޅިލިއެވެ. އޭނާއަށް އެއްޗެއް ހީވެގެން ޖީބުގައި އޮތް ފޯނު ނަގާ ބަލައިލިއިރު މައުވާގެ ދެ މިސްކޯލެއް ލިބިފައި އޮތެވެ.

"އަހަރެން ބޭނުން ޔޫޝައުއާ މީޓްކުރަން." މައުވާ ބުންޏެވެ. "މިރޭ އަހަރެން ގުޅާނަން. ޔޫޝައު ކައިރީގަ ބުނާތި ފޯނު ނަގާށޭ، އެން ޒާ ވެސް، ޕްލީޒް.... އަހަރެން ގުޅީމަ ފޯނު ނަގާތި."

މައުވާ ފޯނު ބޭއްވުމާއެކު، ޒާޔާ ވެސް ޔޫޝައުއަށް ބަލައިލިއެވެ. ދެންވާނީ ކިހިނެއްކަން އެ ދެމީހުން ކުރެ އެކަކަށްވެސް ލަފާކޮށްލާކަށް ނޭނގުނެވެ. އެހެންނަމަވެސް ޔޫޝައު ގޮތެއް ނިންމިއެވެ. އޭނާ މިރޭ އެ ހިތުގެ ޙާލު މައުވާއަށް ހާމަކުރާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ވެސް ވަރިހަމައެވެ. މައުވާ އާއެކޭ ބުނެފިނަމަ އޭނާ އުފާވާނެއެވެ. ނޫނެކޭ ބުނެފިނަމަ އެ ހިތުގައިވާ އުންމީދުގެ ކަނި އެކީ ނިވި ޙަޔާތުގައި ދެން ކުރިއަށް ދިޔުމަށް އޭނާއަށް ފަސޭހަވެގެން ދާނެއެވެ.

"ހިނގާ ދާން…" އެހެން ބުނެފައި ޒާޔާ ތެދުވުމުން އޭނާގެ ފަހަތުން ޔޫޝައުވެސް ތެދުވިއެވެ. އެއަށްފަހު ގޮސް ކްލާހުން ނުކުތެވެ. ދެވަނަ ފަންގިފިލާއިން އެންމެ ތިރިއަށް އައިއިރު ކެންޕަސްތެރޭގައި ހުރި ގޮނޑިއެއްގައި އަފްނާންއާއި ޝަހުމްއާއި ދެމީހުން ތިއްބެވެ. އެ ދެމީހުން ފެނުމާއެކު އަފްނާންމެން ވާހަކަ މެދުކަނޑައިލިއެވެ. ޔޫޝައު އަފްނާންއަށް ބަލައިލާފައި ފިޔަވަޅުތައް ބާރުކޮށްލުމުން ޒާޔާއަށް އަފްނާންއާ ދިމާލަށް ބަލައިލެވުނެވެ. އޭނާ އެއްޗެއް ނުބުނެ ހިނގައިގަންނަން އުޅުނު ނަމަވެސް، އަފްނާން އޭނާ ހުއްޓުވިއެވެ.

"ޒާ…." އަފްނާން ގޮވައިލުމުން ޒާޔާ "ހޫމް"އެކޭ ބުނެ މަޑުކޮށްލިއެވެ. އެއާއެކު އަފްނާން އެދުނީ އޭނާ ދައްކާ ވާހަކަ އަޑު އަހާލުމަށެވެ. ޝަހުމްވެސް އޭނާ އެބަ އަންނަމޭ ބުނެފައި އެތަނުން ދިޔައީ އަފްނާންއަށް ފުރުސަތު ދިނުމުގެ ހިތުންނެވެ. ޒާޔާ ގޮސް ބެންޗުގައި އަފްނާންއާ ކުރިމައްޗަށް ވާގޮތަށް އިށީނުމުން އަފްނާން ވާހަކަ ދައްކަން ފެށިއެވެ.

"ސޮރީ…." އަފްނާން ބުނެލިއެވެ. "އަހަރެމެންގެ އެކުވެރިކަން ގެއްލުނީ އަހަރެންގެ ސަބަބުން. އަހަރެން އެގޮތަށް ކަންތައް ނުކުރިނަމަ މޭބީ މިއަދު އަހަރެމެން އެންމެން އަދިވެސް އުޅޭނީ އެއްކޮށް ކަންނޭނގެ. އަހަންނަށް އެނގޭ މިއަދު އެއްވެސް ކަމެއް ބަދަލު ނުކުރެވޭނެކަން. މާޒީއަށް ގޮސް އެ ހުރިހާކަމެއް ރަނގަޅުކުރެވޭނެނަމަ އަހަރެން އެކަން ކުރީމުސް. އެކަމަކު އެއީ ވާނެކަމެއް ނޫން…. އަހަރެންގެ ފަރާތުން ޒާއަށް ދެރަވާގޮތަށް އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެކަމަކަށް ވަރަށް ބޮޑަށް ސޮރީ..... މައު އަހަންނަށް މާފުނުކުރާނެކަން އެނގޭ. އަހަރެން ކަންތައްކުރީ މާފު ހައްޤުވާގޮތަކަށް ވެސް އެނގޭ. އެކަމަކު ޒާ އަހަންނަށް މާފުކޮށްދީ. "

އަފްނާންގެ ވާހަަކަތަކަށް ދޭނެ ޖަވާބެއް ނޭނގިފައި، ޒާޔާ އިނެވެ. އަފްނާންގެ ވާހަކަތަކުން ފާޅުވަމުންދިޔަ ވޭން އޭނާއަށް ވެސް ތަސައްވަރުކޮށްލެވުނެވެ.

"ބާއި…." އެހެން ބުނެލާފައި ޒާޔާއަށް ހިނިތުންވުމެއް ދީފައި އަފްނާން ތެދުވީވެސް ޒާޔާ އެ އިން ގޮތަށް އިންދައެވެ. އޭނާ ފަސްދީފައި ގޮސް އަފްނާން ޝަހުމްގެ ކައިރީގައި މަޑުކޮށްލި މަންޒަރު ފަސް އެނބުރުނު ޒާޔާ ބަލައިލިއެވެ. ޝަހުމް އަފްނާންގެ ކޮނޑުގައި ޖަހާލަމުން އޭނާ ގޮވައިގެން އެތަނުން ދިޔަ މަންޒަރު ބަލަން ވެސް ޒާޔާއަށް އިނދެވުނެވެ. އޭނާއަށް ސިހުން ލިބުނީ ޔޫޝައު އައިސް ވާހަކަ ދެއްކުމުންނެވެ.

"ކީކޭ ކިޔާފަ އެ ދިޔައީ؟" ޔޫޝައުގެ އަޑުގައިވަނީ ނުރުހުމެވެ.

"ހީ ސެއިޑް ސޮރީ…" ޒާޔާ ބުނެލިއެވެ. ޒާޔާ އިތުރަށް ވާހަކައެއް ނުދައްކައެވެ. އޭނާ ވެސް ޔޫޝައުއާއެކު ކޮލެޖުން ނުކުތެވެ.

*****

ގެއަށް ވަތް އަޒްލަފްގެ ފަހަތުން އާއިން މައްޗަށް ދިޔުމުން ރިސާމާ ސޯފާގައި ހަމަޖެހިލާފައި ފޯނު ނަގާ ރައިޙާނާއަށް ގުޅައިލިއެވެ.

ރިސާމާގެ ފޯނު ކޯލު ރައިޙާނާއަށް ލިބުނުއިރު، ރައިޙާނާގެ ކައިރީގައި ރައްޔާވެސް ހުއްޓެވެ. އެ ދެމީހުން ތިބީ ގޭގެ ސިޓިން ރޫމުގައި ޓީވީ އަޅުވާލައިގެންނެވެ. ރިސާމާ ގުޅުމުން ރައިޙާނާގެ އިތުރުން ރައްޔާވެސް އުފާވިއެވެ. މަންމައާއި ރިސާމާ ދައްކާ ވާހަކައަކަށް ސަމާލުކަން ދިނުމުގެ ގޮތުން ރައްޔާ ޓީވީގެ އަޑު މަޑުކޮށްލިއެވެ. ހިނިތުންވެފައި ވާހަކަ ދައްކަން ފެށިނަމަވެސް ހިސާބަކުން ރައިޙާނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވެ، އެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރުތައް ވެރިވެގެން ދިޔަ މަންޒަރު ރައްޔާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ މޫނުމައްޗަށްވެސް ސީރިއަސްކަމުުގެ ކުލަވަތުރައް ވެރިވިއެވެ. ދެބުމަ ގޮށްޖަހައިލި ރައިޙާނާ ވާހަކަ ދެއްކިއެވެ.

"އަފްނާން މިގުޅުމަށް ބޭނުންނުވާކަން ކީއްވެ ކުރިން ނުބުނެވުނީ؟ ރިސާމާއަށް ހަމަ ރަނގަޅަށް އެނގޭނެ ރައްޔާ އަފްނާން ދެކެ ކިހާ ލޯބިވާކަން. ކިހާ ގަޔާވާކަން." ރައިޙާނާ ބުނެލުމާއެކު ވެގެން އުޅޭ ގޮތް ރައްޔާއަށް ނަގައިގަނެވުނެވެ.

"ރައިޙާނާ. އަހަންނަށް މާފުކުރޭ، އަހަންނަށް އެނގޭ…" ރިސާމާ ވާހަކަ ދައްކަން އުޅުނު ނަމަވެސް، އެ ފުރުސަތެއް ރައިޙާނާ ނުދެއެވެ. ރިސާމާމެން ހީކުރީ ކީކޭކަމަށްހެއްޔެވެ؟ އޭނާގެ ދަރިފުޅުގެ އިޙްސާސްތަކާ އެގޮތަށް ކުޅުމުގެ ހައްޤެއް އެކަކަށްވެސް ނޯންނާނެއެވެ. އެހާ ގިނަ ދުވަހު އެ ދަރިފުޅު އިންތިޒާރެއްގައި ބަހައްޓާފައި ކުއްލިއަކަށް އެހިތް ހަލާކުކޮށްލާއިރު ހަމަ ހިތަށް އެކައްޗެއްވެސް ނާރަނީހެއްޔެވެ؟ އޭނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ދަރިފުޅަކީ ކުޅޭކުޅޭ އެއްޗެއް ނޫނޭ. ރިސާމާވެސް ބޭނުންވެގެން ދޯ އަހަރެމެން މިގުޅުމަށް އެއްބަސްވީ. މިގުޅުން އިތުރަށް ކުރިއަށް ގެންދެވެން ނެތޭ ބުނާނީ މިއަދުތަ؟ ރިސާމާމެން އަފްނާން ދެކެ ލޯބިވާހެން އަހަރެމެންވެސް ރައްޔާ ދެކެ ލޯބިވެޔޭ…" ރައިޙާނާއަށް ބުނެވުނެވެ. އެ ވާހަކަތައް އަޑު އަހަން އިން ރައްޔާގެ ހިތުގައި ހީވީ މީހަކު ވިކައިގެންހެންނެވެ. ހިތުގައި ރިއްސައިލިއެވެ. މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ.

"މަންމާ… ދީބަަލަ އަހަރެން އަތަށް ފޯނު." ލިބެމުންދިޔަ ތަކުލީފުތަކާ އެކުވެސް ހިތް ހަމައަކަށް އަޅުވަމުން ރައްޔާ އޭނާގެ އަތް ދިއްކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު