އަންހެން ކުއްޖަކު ވެއްޓުން: ފުލުހުން އަމަލުކުރީ އިންސާފަށް ހުރަސް އެޅޭހެން: އެމްޑީޕީ

އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ: އެމްޑީޕީން ބުނީ ފުލުހުން އަމަލުކުރި ގޮތުން އިންސާފަށް ހުރަސް އެޅޭ ކަމަށް -- ސަން ފޮޓޯ

ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުން އިންސާފަށް ހުރަސް އެޅޭ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ.

އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ. އަދި އެ ކަމުގައި ސިޔާސީ ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވެއެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ރޭ ވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހައިތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާއެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެއީ އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.

https://sun.mv/205151

މި ކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައިވަނީ، އަންހެން ކުއްޖާ އުސް އިމާރާތަކުން ވެއްޓުނު މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ، ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެއީ މި މައްސަލައިގައި އިންސާފަށް އެޅޭ ހުރަހެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރިއެވެ.

ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާމެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީން ހަރު އަޑުން ވަނީ ގޮވާލައިފައެވެ.

އެ ޕާޓީގެ ފަރާތުން ފުލުހުންނަށް ގޮވާލާފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް ކުރިޔަށް ގެންގޮސްދީ، ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. އަދި މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާނަމަ، އެ މައްސަލައެއް ބަލައި، ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވެސް އެމްޑީޕީން ގޮވައިލިއެވެ.

އަދި ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، އެ ވަބާގައި ޒުވާން އެތައް ކުދިންނެއް ޖެހި، އިޖުތިމާއީ ފޭރާން ވީރާނާވަމުން އަންނައިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، އެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އެ ޕާޓީން ވަނީ ފުލުހުންނަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތައް އަދާކުރުމުގައި ދެމިތިބުމަށް ހަނދާންކޮށްދީފައެވެ.

އަދި މި ހާދިސާގައި ޒުވާނާއަށް ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓަލުން ފަރުުވާ ދެމުން އަންނައިރު، އޭނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.

މި ހާދިސާއަށް ފަހު އެ ޒުވާނާއަށް ފުރަތަމަ ފަރުވާދިނީ އައިޖީއެމްޗަށް ގެންގޮސް ވެންޓިލޭޓަރުގައެވެ. ރޭ ފުލުހުން ބުނީ އެ ޒުވާނާ ވެންޓިލޭޓަރުން ނަގައިގެން ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް