މި މަހުގެ 18ވަނަ ދުވަހު ހެނދުނު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
އާންމުންގެ ޕްރެޝަރު ބޮޑުވެ، ނުރުހުން ފާޅުކުރަމުން ދަނިކޮށް އޭނާ ހައްޔަރު ކުރީ ރޭ 18:20ގައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމީހުން އެރޭ ހަރަކާތްތެރިވިކަމަށް ބުނާ މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާ ވެސް ބަލާފައި ވާކަމަށް ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.
މި ހާދިސަގައި ހިމެނޭ ތިން ގޭގެ ތެރެއިން އެއް ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެއެވެ. އަދި މި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން ޝާމިލް ވެއެވެ. އެހެންކަމުން މި މައްސަލައަށް އަމީން ނުފޫޒު ފޯރުވާކަމަށް މީހުން ދަނީ ބުނަމުންނެވެ.
މިހާދިސާގައި ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދުގެ އެކަންޏެވެ.
އެހެންވެ، ފުލުހުންނަށް ފާޑުކިޔައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ވަނީ މީހަކު ހައްޔަރުނުކުރާތީއާއި ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އޭގެ ފަހުން ފުލުހުން އިއްޔެ ވަނީ ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު ހާމަކޮށް، އެ މީހުންގެ ގެތައް ބަލައި ފާސްކުރަން ފަށައިފައެވެ. ހާދިސާއަށް މިއަދަށް ވަނީ ހަފުތާއެއް ވެފައެވެ.