އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން ވެއްޓުމުގެ ކުރިން، އޭނާއާއެކު އެ ވަގުތު އުޅުނު ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިންގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހިމެނޭ ރައުދު ރޭ ހައްޔަރުކޮށް، މިއަދު ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ.
އެގޮތުން އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ.
އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށް ބުނެ "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައި އައިއޯގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވަނީ:
- ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާއެކު ހަރަކާތްތެރިވާ ތަން ފެންނަކަމަށް
- ވެއްޓުނު ވަގުތަށްފަހު، ޔުމްނުއަށް ގޮވައި ހޯދަން އުޅޭ މަންޒަރު ފެންކަމަށް'
- ނަމަވެސް މިކަމާ ގުޅޭ އެއްވެސް ރިޕޯޓެއް އެއްވެސް ފަރާތަކަށް ހުށަހަޅައިފައިނުވާ ކަމަށް އައިއޯ ފަހަގަކުރި
- ރައުދުގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް
ފުލުހުން މި މައްސަލައިގައި މީގެ ކުރިން ބުނީ، ޔުމްނު ވެއްޓިފައި އޮތްކަން އެނގުނީ އެ ދުވަހުގެ ހެނދުނު އެ މައްސަަލަ ރިޕޯޓުކުރުމުން ކަމަށެވެ. އޭގެ ކުރިން ކަމެއް ހިނގައިގެން އުޅޭކަން ނޭނގޭކަމަށް ވެސް ބުނެފައިވެއެވެ. އަދި ރައުދާއި ޔުމްނުއާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގިކަމަށް ވެސް ކުރިން ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށާއި، އެ ފަދަ ބައިވެރިވުމެއް އޮތްކަން މިހާތަނަށް އެނގިފައިނުވާކަމަށް ވަނީ ފުލުހުން ބުނެފައެވެ.
ކޯޓު އަމުރުގައި ހުރި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހްމަދު ޝިފާނާ ސުވާލުކުރުމުން އޭނާ ވިދާޅުވީ މައްސަލައިގައި އިތުރު ތަފްސީލެއް ދެވޭނީ އިންވެސްޓިގޭޝަން އޮފިސަރާ ވަހަކަދެއްކުމަށްފަހުގައި ކަމަށެވެ.
ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މިއަދަށް މައްސަލައަށް ހަފުތާއެއްވީއިރު، މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.