ސަހަރާތެރެއިން މެންބަރު ފިއްޓޭއަށް ހަމަލާދީފި

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން މަޖިލިސް ދޮށަށް އެއްވެ ކުރި އިހުތިޖާޖުގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު "ސަން"އާ ވަހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ, ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް މީހަކު ހަމަލާދީފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު "ސަން" އަށް ޔަގީން ކޮށްދިން ގޮތުގައި ފިއްޓޭއަށް އިއްޔެ ހަމަލާ ދީފައިވަނީ އަސުރު ނަމާދަށް ފަހުގައި އޮތް, ކަށުނަމާދަކަށް އާސަހަރާ މިސްކިތަށް ގޮސް ހުއްޓައި ސަހަރާ ތެރެއިންނެވެ.

ފިއްޓޭގެ ބުރަކަށީގައި އަތުން ޖަހައި އޭނާއަށް ހަމަލާދިނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ހަދާފަ ބުނީ ތިހެން އުޅެން ރަށަށް ދާށޭ.. އޭރު އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް އެތަނުގައި ތިބި. އެކަމަކު ވަރަށް ދުވަސްވީ މީހެއް ވީމައި އެކަން މާބޮޑު ކަމަކަށް ހަދައި އޭނާ ފުލުހުންނާ ހަވާލު ކުރަން ބޭނުން ނުވީ," "ސަން" އާ ވާހަކަ ދެއްކި މެންބަރު ވިދާޅުވިއެވެ.

އެއީ އާއްމުކޮށް ވަރަށް ރުޅިގަދަ މީހެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ އުމުރުން ދުވަސްވީ މީހެއްކަމުން އެ މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަލާދިން މީހާގެ އާއިލާއާ ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި ދެ ވަނަ ދައުރެއް ފުރަމުން ގެންދަވާ ފިއްޓޭއަކީ މަޖިލީހުގެ މިހާރުގެ މެންބަރުންގެ ތެރެއިން އެންމެ މަގުބޫލު އެއް މެންބަރެވެ. ފިއްޓޭ އާއްމުންގެ ތެރޭގައި މަގުބޫލުވީ އޭނާގެ ވާހަކަ ދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސިޔާސީ ވާހަކަ އޭނާ ދައްކަވަނީ ސަމާސާ ރާގަކަށް ވަރަށް ހެއްކާ މިސާލުތައް ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ޚާއްސަ ރައްކާތެރިކަމަކާއި އިމްތިޔާޒުތަކެއް ލިބިގެންވާ ބައެކެވެ. މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުންނަށް ހަމަލާތައް ދީފައި އެބަހުއްޓެވެ. އެފަދަ އެންމެ ހިތާމަވެރި ހާދިސާއަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަ ކޮށްލުމެވެ.

comment ކޮމެންޓް