"ތިބާ މައިންބަފައިންނާއިމެދު އަމަލުކުރާގޮތަކީ ތިބާގެ ހަގީގީ ސޫރައެވެ."
***
"އޭނަ މަންމަގެ ހަރަކާތް ދެކެން އިނެވެ. އެތައް ހާސްފަހަރު މަންމަ އެ އަތުން ކުރި ކަންތައްތައްވެސް ހަނދާނެއްނެތް ފަދައިން ހަރަކާތް ކުރަމުން ދިޔަ އަތެކެވެ. ބައެއްފަހަރު އެ ނަޒަރު ވަކި މިސްރާބެއް ނެތި އެކި ދިމާލަށް ދަތުރުކޮށްފައި އެނބުރި އަންނަނީ ޔަގީންކަމެއްނެތް ފަދަ ގޮތަކަށެވެ.
"މަންމަ މިއަދުވެސް ހުސްފަޔާއި ވަރަށް ދުރަށް ހިނގައިފިން ދޯ..."މިރިއަމްއަށް ބޭ އިޚުތިޔާރުގައި ފުން ނޭވާއެއް ލެވުނެވެ. އަދި ދުރަށް ބަލަންފެށިއެވެ. އޭނަގެ އަތުގައިއޮތް ކެވެލިކޮޅު ދިއްލުނެވެ. އޭނަގެ ހަނދާނައަށް އައީ މަންމަ ފުރަތަމަ ދުވަހު ހަނދާން ނެތުނު ދުވަހެވެ. މަންމަ ހީކުރީ ބައްޕަ ދުނިޔޭގައި ހުރިކަމުގައެވެ. ރަޖާގަނޑުގެ އެއްކައިރިފަށުގައި އިނގިލިތައް ހިންގަން އިން ޖަމީލާ އިސްއުފުލާ ބަލައިލީ ކުއްލިއަކަށެވެ. އެ ނަޒަރުގައި ކޮންމެވެސް ވަރަކަށް ގެއްލިފައިވާ ގޮތެއް ހުރިނަމަވެސް ދެނެގަތުމުގެ ކުޑަކުޑަ މިންވަރެއްވިއެވެ.
"ތި ކެވެލި....."ދުންފިނިގަނޑެއްގެ ތެރެއިން ހަނދާން އަނބުރާ ގެންނަން އުޅޭފަދަ ގޮތަކަށް މަންމަ ބަލަހައްޓައިގެން އިނެވެ. އެ އަޑުވެސް ނިކަން ނާޒުކެވެ." ހަނދާންވެއްޖެ...ހަމްޒާ މަންމަ ދިން އެއްޗެއް...ނޫންތަ؟"
މިރިއަމްގެ ހިތް މުށްކަވައިލިފަދައެވެ. އެތައް އަހަރެއްގެ ބުރަދަން އެހިތުގައި ބަރާވެފައިވިއެވެ. މަޖުބޫރުން ހިނިތުންވެލިއިރު ހިފަހައްޓައިގެން ހުރި ކަރުނަތަކުން ލޯވެސް ވަނީ ބަރާވެފައެވެ.
"މަންމާ..މި ވަރަށް ޒަމާންވެއްޖެ..."
މަންމަގެ ލޮލުގައި ހުންނަ މަޑުމައިތިރިކަން އިތުރުވިއެވެ. އަތްތިލަ ގެނެސް އުނގުގައި ބޭއްވިއެވެ.
"ވަރަށް އަތާއި ގުޅޭ.."މަންމަ އަމިއްލަ ނަފުސާއި މުޚާތަބުކުރާފަދަ ގޮތަކަށް ބުނެލިއެވެ.
ޖަމީލާއަށް އެފަދަ ބައެއް ވަގުތުތައް އާދެއެވެ. މާޒީގެ ބައެއް ހާދިސާތަކާއި ހަނދާންތައް ކުއްލިއަކަށް ވަރަށް ގަދަޔަށް އަންނަ ހިނދުކޮޅަށްފަހު އަނެއްކާވެސް އެއްކޮށް ސިކުނޑި ހުސްވުމެވެ. އަމިއްލަ ދަރިފުޅު ވަކިކުރަންވެސް ނޭގުމެވެ. މިރިއަމްއަށްވެސް އެކަމުން އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުން ލިބެއެވެ. މަންމަގެ ހަނދާންތައްވަނީ އަރަތެއްގެ އެތިކޮޅުތައް ފަދައިން ވިއްސިވިހާލިވެފައެވެ. އެތިކޮޅުތައް އަލުން ރާވާދޭނެ އެއްވެސް މީހެއް ނެތެވެ. އެކަމުން ލިބޭ އުދަގޫތައް ބަޔާން ކުރަން ދަތްޗެވެ. މަންމަ ދެން އޭނައަށް ނަޒަރު ހުއްޓައިލިއިރު ލޮލުން ފެނުނީ އޮޅުން އެރިކަމެވެ. އަނގަ ހުޅުވާލާފައި އެއްޗެކޭ ނުބުނެ ބަލަން އިނީ ކައިރީގައިވި މޫނު ދެނެގަންނަން ނުކުޅެދިފައެވެ.
"ދަންނަ މީހަކައި ވައްތަރު...އެކަމަކު....އަހަންނަށް....ހަނދާނެއްނުވޭ. ކާކުތަ؟" ހުސްކަމުގެ ތެރެއަށް މަންމަގެ އަޑުވެސް ހަފުސްވިއެވެ.
"މަންމާ....މިއީ...މިރިއަމް..."ހިތަށް ކުރި އަސަރާއެކު އަޑު ބެދި ވިންދު ޖަހަމުން ދިޔަސް ގަދަކަމުން ބުނެލިއެވެ.
ޖަމީލާ އެސްފިޔަ ޖަހައިލުމާއެކު ބުމަ ކުޑަކޮށް ކައިރިކޮށްލިއެވެ.
"މިރިއަމް...."މަންމަ އެނަން ކިޔައިލީވެސް އެ ނަމަކީ މަންމައަށް ބީރައްޓެހި ނަމެއް ފަދައިންނެވެ.
" އާނ ހަނދާންވެއްޖެ....އެކަމަކު......"މަންމަ ރަޖާގެ ކައިރިފަށުގައި ހިފާ ބޮނޑިކުރަމުން ދިޔައީ ނުތަނަވަސްކަމާއެކުގައެވެ." މިހާރު ވަރަށް ތަފާތު.....ބޮޑުވެއްޖެ..."
"އާން މަންމާ....ހީވަނީ ދެމީހުންވެސް........"މިރިއަމް އަލުން ގޮނޑިއަށް ތިރިވިއެވެ.
އިރުގަނޑެއްވާންދެން އެތަނަށް ހިމޭންކަން ވެރިވިއެވެ. ހަމައެކަނި އިވެނީ ހޮސްޕިޓަލުގެ މެޝިންތަކުގެ އަޑެވެ. އޭނަ ގޮނޑިން ތެދުވެ އަތުން ޔުނިފޯމް އޮމާންކޮށްލަމުން ހިނގައިގަތީ ކުޑަދޮރާއި ދިމާލަށެވެ. ކުޑަކޮށް ހިތަށް ތަސައްލީއެއް ހޯދުމަށެވެ.
"މިރިއަން އަބަދުވެސް ވަރަށް ހެޔޮ....އަހަންނަށް....އެކަން އެނގޭ. ހުރިހާވަގުތަކު ހަނދާން ނެތަސް..."
އޭނަ ހިންދިރުވައިލިއިރު ޖަޒުބާތުތައް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ހަގީގަތުގައިވެސް އޭނައަކީ މަންމައަށް ހެޔޮ އަޅާލާ ދަރިއެއް ހެއްޔެވެ؟ މަންމަ ދެވަނަ ކައިވެންޏެއް ކުރުމާއެކު އޭނަ މަންމައާއި އޮތް ގުޅުން ހީނަރުކުރަން ނުކުރާ މަސައްކަތެއް ނެތެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރީ ފޯނުގައެވެ. އެކުވެރިންނާއެކުގައެވެ. ގަސްތުގައި އަވަދިނެތި އުޅުނެވެ. މަންމަ މަޑުމަޑުން މަންމައަކީ ކާކުކަން ނޭގެމުންދާއިރު އެދޭތެރޭގައިވާ ގުޅުން އަލުން ރަގަޅުކުރެވޭނެހެއްޔެވެ؟
"މިރިއަމްއަށް އިތުރަށް ލިބުން ހައްގުވޭ...." ޖަމީލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލޮލަށް ހިނިތުންވުން ނުފޯރައެވެ.
މިރިއަމް ލައިލައި ހުރި ނޭވާވެސް އެތެރެހަށީގައި ތާށިވިފަދައެވެ. މަންމަ އެބުނި ބަހުގެ މާނައެއް އޭނައަށް ފަހުމެއްނުވިއެވެ. އޭނަގެ މުސްތަގުބަލްހެއްޔެވެ؟ ކުރި ދިގު އިންތިޒާރުހެއްޔެވެ؟ހަމްޒާއަށްޓަކައެވެ.
"މަންމާ...."މިރިއަމް މަޑުމަޑުން ގޮވައިލިއެވެ. އަހަންވީ ގޮތެއް ނޭގުނަސް މަންމަގެ ދުލުން އަހަން ބޭނުންވިއެވެ."އަބަދުވެސް މަންމަ ބުނަމެއްނު ކެތްތެރިވާށޭ....ރަގަޅު އެއްޗެއް ލިބެންދެން މަޑުކުރާށޭ...."
މަންމަގެ ލޯ ކުޑަކޮށް މެރުނެވެ." އާނ. ކެތްތެރިކަމުގެ މާނައަކީ.....ބައެއްފަހަރު.....ބައެއް އެއްޗެހި ދޫކޮށްލަންވެސް ޖެހޭ މަގޭ ދަރި........."
އެލަފުޒުތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. މިރިއަމްގެ އެތެރެހަށީގައި ޖެހިފައިވާ ގޮށް އިތުރަށް ބާރުވެ އުދަގޫވިއެވެ. "ދޫކޮށްލުން" އެ ލަފުޒަކީ އޭނަގެ މަންމަ ނޫނީ ހަމްޒާ ނޫނީ އެއަށްވުރެ ފުން މާނައެއްވާ އެއްޗެއް ހެއްޔެވެ؟ އޭނަ ޔަގީނުންވެސް އަދި ސިދާ އެކަން ދެނެގަންނަން ތައްޔާރެއް ނޫނެވެ.
އިންތިޒާރަކީ މިރިއަމްއަށް ރަގަޅަށް ފަރިތަވެ އާދަވެފައިވާ އެއްޗެކެވެ. މިހާރު އޭނައަށް ބަރޯސާވެވެން އޮތް ހަމައެކަނި އެއްޗަކީ އިންތިޒާރެވެ.
***
މިރިއަމް ޑިއުޓީ ނިމިގެން ކުރަން ޖެހޭ އެންމެ ފަހު މަސައްކަތްތަކުގައި މަޝްޣޫލުވެގެން އިންއިރު ތަފާތު އަޑުތަކަށް ސަމާލުކަން ދެވުނެވެ. ދޭތެރެއަކުން ބައެއްކަހަލަ އުދަގޫ ދެނިވި ޚިޔާލުތައް އެއްފަރާތަށް ޖައްސަން މަސައްކަތްކޮށްލެވުނެވެ. އެއަށްފަހު ސްޓާފްއިން އަރާމުކޮށްލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ހަމަޖައްސައިލަން ވަގުތުކޮޅެއް ހޯދައިލުމަށެވެ.
"އެކްސްކިއުޒް މީ؟"
އޭނައަށް އެނބުރި ބަލައިލެވުނުއިރުވެސް ހަމަ ރަސްމީފާޑު މޫނުމަތީގައި ހުއްޓެވެ. ދޮރުމަތީގައި ހުރި ޒުވާނާ ފެނުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އިސްކޮޅުން ދިގެވެ.ކަޅު ކުލައިގެ ސޫޓެކެވެ. ސްޓައިލިޝް ޒަމާނީ އަދި ޝަޚުސިއްޔަތު ދައްކުވާދޭ އެއްޗެއްކަމުގައި އެ ހެކިދޭއިރުވެސް އެލައިގެން ހުރި ޒުވާނާގެ ގޮތުން ކަން ނޭގެއެވެ. އޭނަގެ ޓައި އޮތީ އޮރިއަކަށެވެ. ޖެކެޓްވެސް ރޫޖެހިފައެވެ. ބޫޓުގައި ކޫރުން އެޅިފައެވެ. ކުރިން ރީތިކޮށް އޮމާންކޮށްފައި އޮތް އިސްތަށިގަނޑން ބައެއް އިސްތަށި ނުކިޔަމަންތެރިކަމާއެކު ނިތުމައްޗަށް ވެއްޓިފައެވެ. އެ ސިފަތަކުން ދަންނަ ފާޑެއް ޖެހިޔަސް ވަގުތުން ނަގައިގަންނަން ދަތިވިއެވެ. އެ ޒުވާނާގެ ލޯވެސް ޝައުގުވެރިގޮތަކަސް އޭނައަށް ހުއްޓިފައިވިއެވެ. ހަތަރުކަޅި ހަމަވުމާއެކު އޭނައަށް ކާކުކަން ވަކިކުރަން އެނގުނެވެ. ޒުބޭރު އިސްކޮޅުން މިހާ ދިގުވީމަ ހަމަ ހައިރާންވެ އަންތަރީސްވެއްޖެއެވެ. އޭނައަށްވުރެވެސް އިސްކޮޅުން މާ ދިގެވެ.
"ތިއީ ތަ އެ ނަރުސް؟" އޭނަގެ އަޑު އޮމާނެވެ. އެކަމަކު ޔަގީންނުވެފައެވެ.
"އާނ....އެހީއެއް ބޭނުންވެގެން؟"މިރިއަމް ޖެހިލުންވިޔަސް ރަސްމީ ތަމްރީނުތައް ވަގުތުން އޭނައަށް އެހީތެރިވެދިނެވެ.
ޒުބޭރު އިރުކޮޅެއްވާންދެން ބަލަން ހުރެފައި ހީލިއެވެ. "އަހަންނަށް ހީވަނީ..ބޭރުގައި ކޮންމެވެސް ކަހަލަ ސިޗުއޭޝަނެއް.....ހަސަންބެ އެބަ އެހީއަށް އެދޭ.."
އޭނަ ބޭރަށް އިޝާރާތްކޮށްލީ ބުނާނެ އިތުރު އެއްޗެއް ނޭގިގެން ކަހަލައެވެ. އެއާއެކު ލޯ ހަނިކޮށްލީ އެ މޫނުމަތިން ވިސްނާކަހަލަ ގޮތެއް ދައްކުވަމުންނެވެ."ޔޫ ލުކް....ފެމިލިއާ....އަހަރެމެން ކުރިން ދިމާވިތަ؟"
މިރިއަމް އެސްފިޔަ ޖަހައިލީ ސުވާލަށް ޖަވާބުދޭނެ ގޮތެއް ޔަގީން ނުވެފައެވެ. އެންމެ ފަހު ފަހަރު ދެމީހުން ދިމާވިއިރާއި ބަލާފައި އޭނަގެ ސިފައަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެކަމަކު ވަކިކުރާން ނޭގޭހާ ބޮޑު ބަދަލެއް އައީހެއްޔެވެ؟
"ކުރިން ދިމާވެފައި ކަމަށް ވެދާނެ." އޭނަ އެއްވަރަކަށް އަޑު ހިފަހައްޓަން މަސައްކަތްކުރިއެވެ."މިތާގައި ވަޒީފާ އަދާކުރާތާ ދުވަސްކޮޅެއް ވެއްޖެ......"
ޒުބޭރު އޭނަގެ މޫނު ދިރާސާކުރާފަދަ ގޮތަކަށް ބަލަން ހުރެފައި އެ ނަޒަރަށް ކުޑަ ބަދަލެއް އައެވެ. އެލޮލުން އޭނަ ވަކިކުރާން އެނގުނުކަމުގެ ކުޑަކުޑަ ފިޔައެއް ޖަހައިލިއެވެ.
"އަހަންނަށް ހީވާގޮތުން ތަންކޮޅެއް ކުރިން ދިމާވީ.....ވެލް...އެއަށްވުރެވެސް ކުރިން.."ޒުބޭރު ޚިޔާލަކަށް ގެއްލުނެވެ." އެކަމަކު ވަރަށް ޒަމާންވެއްޖެ...ކަންތައްތައް ބަދަލުވާނެ ނޫންތަ؟"
މިރިއަމްގެ ހިތުގެ ވިންދެއް މެދުކެނޑުނެވެ. އޭނަ އެއްޗެއް ބުނަން ބޭނުންވިއެވެ. އޭނައަކީ ކާކުކަން ބުނެދޭނެ ހަނދާނެކެވެ. އެކަމަކު އޭގެ ބަދަލުގައި ހަމައެކަނި ބޯ ޖަހައިލއެވެ. ކުއްލިއަކަށް ޒުބޭރު ތަންކޮޅެއް ކައިރިއަށް އައިސް ހުއްޓުނެވެ. މުޅިން އެމޫނު ދެނެގަތް ފަދައިންނެވެ. ވާނުވާގައި ހުރެފައި ކުއްލިއަކަށް ހައިރާންކަމެއް ލިބުނެވެ."ވެއިޓް އެ ސެކަންޑް....."
އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ. ޔަގީނެވެ. ޒުބޭރުއަށް އޭނަ އެނގިއްޖެއެވެ.
"މިރިއަމް؟" ޒުބޭރުގެ ދެލޯ ތަންމިނަށް ބޮޑުކޮށްލިއެވެ.
ނުނިމޭ,