ޖަރުމަނު ބުންޑެސްލީގާގެ ތަށި މިލީގުގެ އެންމެ ކާމިޔާބު ޓީމު ބަޔޭން މިޔުނިކް ހޯދުމާއި އެއް މެޗަށް ގާތް ކޮށްފިއެވެ.
ބަޔޭން އިން ވަނީ އަމިއްލަ ދަނޑުގައި ރޭ މެެއިންޒް ޒީރޯ ފައިވް އާއި ބައްދަލުކުރި މެޗު 0-3 އިން ކާމިޔާބު ކޮށްފައެވެ. މިއާއެކު ބަޔޭން މިހާރު އުޅެނީ 75 ޕޮއިންޓްގައެވެ.
އަދި ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އުޅެނީ އަށް ޕޮއިންޓް ފަހަތުން 67 ޕޮއިންޓްގައެވެ. އެހެން ކަމުން މި އަންނަ ހަފްތާގައި ލެވަކޫސެން އެ ޓީމުގެ މެޗުން މޮޅުވި ނަމަވެސް ބަޔޭން އެ ޓީމުގެ މެޗު ކާމިޔާބު ކޮށްފިއްޔާ ލީގު ކަށަވަރު ވެގެންދާނެއެވެ.
މި އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބަޔޭން ކުޅުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރުގައި އާރްބީ ލެއިޕްޒިގް އާއެވެ. އެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ބުންޑެސްލީގާގެ ތަށި އެ ޓީމަށް 33 ވަނަ ފަހަރަށް ކާމިޔާބު ކުރެވިގެންދާނެއެވެ.
މެއިންޒްއާ އެކު ރޭ ކުޅުނު މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭނުންނެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ މެޗުގެ ލީޑު ނަގައިފައެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިރޯއި ސާނޭއެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މައިކަލް އޮލީސޭ ވަނީ ބަޔޭންގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކޮށްދީފައެވެ.
އަދި ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެރިކް ޑައާއެވެ. މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަލު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިމެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބަޔޭންގެ ތަޖްރިބާ ކާރު ކުޅުންތެރިޔާ ތޯމަސް މުލާ ވަނީ ކުޅެން އަރާ ބުންޑެސްލީގާގައި އޭނާ ކުޅުނު 500 ވަނަ މެޗު ހަމަކޮށްފައެވެ.
ރޭގެ މެޗުން ބަލިވުމުން މެއިންޒް އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.