ބޯ ވާރޭގައި ވެސް އިންސާފަށް ގޮވާލައި، ޒުވާނުންގެ މުޒާހަރާ ކުރިއަށް

ބޯ ވާރޭގައި، ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ----

މި މަހުގެ 18ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި، ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ޒުވާނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާ، މިރޭ ބޯ ވާރޭގައި ވެސް ކުރިއަށްގެންދަށް ފަށައިފިއެވެ.

މާލެއަށް ބޯކޮށް ވާރޭވެހެން ފެށީ މިރޭ 08:30 އެހާއިރެވެ. މި މުޒާހަރާ ފަށަނީ ކޮންމެ ރެއަކު އަށެއް ޖަހައިރެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މުޒާހަރާ ކުރިއަށް ނުގެންދާނެ ކަމަށް ބެލެވިފައި ވަނިކޮށް، މިރޭގެ މުޒާހަރާއަށް ހެންވޭރު ޕޮލިސްދޮށަށް ޒުވާނުން އެއްވީ ކުޑަހިފައިގެން ވިއްސާރަ ކޯޓު ލައިގެންނެވެ.

މުޒާހަރާ ފެށުމަށް ފަހު، މުޒާހަރާގެ ބައިވެރިން ވަނީ ވާރޭ ވެހުނަސް އިންސާފަށް ކުރާ މި މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ޝާމިލުވާ އެންމެނަށް އަދަބު ދިނުމަށް މުޒާހަރާގައި ގޮވާލާފައިވާއިރު، މައްސަލައިގައި ފުލުހުން ހަދަނީ ދޮގު ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

އެ މުޒާހަރާގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްއިތުފާއަށް ވަނީ ގޮވައިލާފައެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކެއް ވެސް ފާހަހަގަކޮށްފައިވެއެވެ.

އެއީ:

  • އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން
  • ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން
  • ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން
  • ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން
  • ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން
  • ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުގެ އިސްތިއުފާއަސް މީގެ ކުރިން މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ. މި އަޑުތައް ގަދަވެފައި އޮއްވައި އިއްޔެ ޝުޖާއު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

https://sun.mv/205245

އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭގެ ވަގުތެއްގައި އުފައްދަވާފައެވެ.

މި ކޮމިޝަނުގެ މެންބަރުންނަށް އައްޔަނުކޮށްފައި ވަނީ ޑރ. މުޙައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދާއި ޑރ. މުހައްމަދު ހަބީބެވެ.

https://sun.mv/205265

މިކޮމިޝަނުގެ ރައީސްކަމުގައި ކަނޑައަޅުއްވާފައި ވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.

comment ކޮމެންޓް