ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް އެމްޓީއޭއިން ގޮވާލައިފި

ޒުވާނުން ކުރާ މުޒާހަރާގެ ތެރެއިން: އެ ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް އެމްޓީއޭއިން ވަނީ ގޮވާލާފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިމަހުގެ 18ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ މުޒާހަރާ ކުރާ ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން މިއަދު ގޮވާލައިފިއެވެ.

މި މައްސަލައިގައި އެމްޓީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ދުޅަހެޔޮ އިގުތިޞާދެއްގެ ބިންގަލަކީ އަދުލު އިންސާފާއި ހައްގުތައް ކަށަވަރުވެފައިވާ މުޖުތަމައުއެއް ކަމަށެވެ.

ގައުމުގެ އިގުތިޞާދާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު ގާއިމުކުރުމާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން މުސްތަގުބަލުގައި ވެސް އެހީތެރިކަން ކަށަވަރު ކުރުމަށް އަދަލު އިންސާފު ގާއިމުވެ، ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި އެމްޓީއޭއިން ބުނެފައިވެއެވެ.

އެހެންވެ، ޔުމްނުގެ މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާއެކު މި މައްސަލައަށް ސުލްހަވެރި އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުގެ ދެ ވަޒީރަކާ މެދު ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށާއި ވަޒީރުންނަކީ ނޭއްގާނީ އަމަލުތަކުން ދުރުވެފައިވާ ބައެއްކަން ކަށަވަރުކުރުމަށް އެމްޓީއޭއިން ވަނީ ސަރުކާރަށް ގޮވައިލާފައެވެ.

އެހެންކަމުން، ހީނަރުވެފައިވާ އިގުތިޞާދަށް ނުރަނގަޅު އަސަރެއް ކޮށްފާނެ އެއްވެސް ކަމަކަށް ޖާގަ ދިނުމެެއް ނެތި، ގާނޫނުން ލިބިދީފައިވާ އިހުތިޖާޖު ކުރުމުގެ ހައްގުގެ ބޭނުންކޮށް މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް އެ ޖަމިއްޔާއިން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޒުވާނުން މުޒާހަރާ ކުރަނީ މި މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތުން ޝައްކު ކުރެވޭ ކަންތައްތަކެއް ކުރިކަމަށް ބުނެއެވެ. އަދި މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެއާއި އޭނާއަށް ބޮޑުބޭބެ ކިޔާ ދެމީހުން ޝާމިލްވާތީ މި މައްސަލައަށް އަމީން ނުފޫޒު ފޯރުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ:

  • އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން
  • ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން
  • ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން
  • ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން
  • ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން
  • ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން
  • މިނިސްޓަރު އަމީނާއި ހޯމް މިނިސްޓަރު އަލި އިހުސާނު އިސްތިއުފާ ދިނުން

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުގެ އިސްތިއުފާއަށް މީގެ ކުރިން މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ. މި އަޑުތައް ގަދަވެފައި އޮއްވައި އިއްޔެ ޝުޖާއު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް