މިއަހަރުގެ ފައިނަލްގައި ވެސް ވާދަކުރާނީ ނައިފަރު ޗެލްސީއާއި ވިންޑް ވޯރިއޯސް އެސްސީ!

މިއަހަރުގެ ފައިނަލްގައި ވެސް ވާދަކުރާނީ ނައިފަރު ޗެލްސީއާއި ވިންޑް ވޯރިއޯސް އެސްސީ!

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ސެމީ ފައިނަލްގެ ދެވަނަ މެޗް މިރޭ ކުޅެފިއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމް، މާޅެންދޫ އެފްޓީ އާއި ގްރޫޕް އޭ ގެ ދެވަނަ ޓީމް، ވިންޑް ވޯރިއޯސް އެސްސީއެވެ. ވިންޑް ވޯރިއޯސް އެސްސީ އަކީ މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

ވިންޑް ވޯރިއޯސް އެސްސީ ން ވަނީ މެޗްގެ ކުރީކޮޅު ގޯލެއްޖަހައި ލީޑް ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމްގެ ޖާޒީ ނަންބަރ 10 އަހުމަދު ރިޒުވާން (ރިޒޭ)އެވެ. މެޗްގެ 34ވަނަ މިނެޓްގައި ވިންޑް ވޯރިއޯސްއަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް އެ ޓީމުން ވަނީ ލީޑް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމްގެ ޖާޒީ ނަންބަރ ހަތެއް އަބްދުﷲ ޔާމީން (ޔާނު)އެވެ.

ދެވަނަ ހާފް ފެށިގެން 59ވަނަ މިނެޓް އަދި 66ވަނަ މިނެޓްގައި ޔާނު ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށް، ހެޓްރިކް ފުރިހަމަކޮށް ލީޑް ފުޅާކޮށްފައެވެ. އަދި މެޗްގެ 80ވަނަ މިނެޓްގައި ރިޒޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފަހެއް ސުމަކަށް ނަތީޖާ ބަދަލުކޮށްލާފައެވެ. ވިންޑް ވޯރިއޯސްއިން ވަނީ މެޗް ފެށިގެން ނިމެންދެން ޑޮމިނެންޓް ކޮށްގެން ކުޅެފައެވެ.

މެޗްގެ އިތުރު ވަގުތުގެ ތެރޭގައި މާޅެންދޫން ވަނީ ގޯލެއްޖަހައި ނަތީޖާ ފަހެއް އެކަކަށް ބަދަލުކޮށްލާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ އަށެއް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އިއްބެ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް އެސްސީގެ ޖާޒީ ނަންބަރު ހަތެއް އަބްދުﷲ ޔާމީން (ޔާނު)އެވެ.

މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ނައިފަރު ޗެލްސީ އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީއެވެ. މި ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއޯސް އެސްސީއެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 30ވާ ބުދަ ދުވަހުގެ ރޭގަނޑުއެވެ. މުބާރާތުގެ ފައިނަލް މެޗް ވެސް އެސްއެސް ޓީވީގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖް އިން ލައިވް ކުރާނެވެ.

comment ކޮމެންޓް