މި އަހަރުގެ ކާންސް ފެސްޓިވަލުގައި ޕްރީމިއާކުރާ އިންޑިއާގެ ފިލްމު "ހޯމްބައުންޑް"ގެ ޓީމާ އެމެރިކާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު މާޓިން ސްކޯސޭޒީ ގުޅެން ނިންމައިފިއެވެ.
އޮސްކާ އެވޯޑުގެ އިތުރުން ހަތަރު ބަފްޓާ އެވޯޑު އަދި ތިން އެމީ އެވޯޑާ އެކު ގްރެމީ އެވޯޑު ވެސް ހާސިލުކޮށްފައިވާ މާޓިން "ހޯމްބައުންޑު"ގެ ޓީމާ ގުޅޭނީ އެ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުންނެވެ.
މި ފިލްމަކީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ އިންޑިއާގެ ފިލްމު ޑައިރެކްޓަރު ނީރަޖް ގެވާންގެ އުފެއްދުމެކެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް ނީރާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ ކާންސްގެ "އަން – ސާޓެއިން ރިގާޑް" ސެކްޝަންގައެވެ.
ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ހައްތަރު ލީޑް ރޯލްއިން ފެންނާނެ "ހޯމްބައުންޑު" ކާންސްގައި ޕްރީމިއާކުރާނެ އިރު މި އަހަރުގެ ފިލްމު ފެސްޓިވަލު ކުރިއަށްދާނީ ކުރިއަށް އޮތް މެއި މަހުގެ 13 އިން 24އަށެވެ.
މި ފިލްމަކީ، އަހަރުތަކަކަށްފަހު ނީރަޖް ކާންސަށް އެނބުރި އަންނަ ފުރަތަމަ ފިލްމެވެ. ނީރަޖްގެ އުފެއްދުމެއް ކަމަށްވާ ފިލްމު "މަސާން"2015 ވަނަ އަހަރު ކާންސް ފިލްމު ފެސްޓިވަލުގައި ޕްރީމިއާކުރިއިރު އެ ފިލްމު ވެސް ޕްރީމިއާ ކުރީ "އަން – ސާޓެއިން ރިގާޑް" ސެކްޝަންގައެވެ.

ފިލްމު "ހޯމްބައުންޑް"ގެ ލީޑް ތަރިން ކަމަށްވާ ޖާންވީ އާއި އިޝާން--ފޮޓޯ/ބޮލީވުޑްހަންގާމާ
މަޝްހޫރު "ކިލާސް އޮފް ދަ ފްލާވަ މޫން"ގެ ޑައިރެކްޓަރު މާޓިން ބުނެފައި ވަނީ 2015 ވަނަ އަހަރު ކާންސްގައި ޕްރީމިއާކުރި ނީރަޖްގެ ފިލްމު އޭނާ ބެލި ކަމަށާއި ނީރަޖްގެ އެ ފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ.
އެހެންވެ މި އަހަރު ނީރަޖުގެ ދެވަނަ ފިލްމެއް ކާންސްގައި ޕްރީމިއާ ކުރާކަން އެނގުމުން ފިލްމުގެ ސްޓޯރީ ކޮންމެ ވެސް ވަރަކަށް ބެލި ކަމަށެވެ. ފިލްމު "ހޯމްބައުންޑު"ގެ ވާހަކަ އާއި އެ ފިލްމުގައި ދައްކުވައިދ ސަގާފަތް މާޓިންއަށް ވަރަށް ކަމުދިޔަ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
މިއީ އިންޑިއާގެ ސިނަމާއަށް ވަރަށް ބޮޑު ޝަރަފެއް ގެނުވައިދޭނެ ފިލްމަކަށްވާނެ ކަމަށް މާޓިން ވަނީ ބުނެފައެވެ. މާޓިން މި ފިލްމުގެ ޓީމާ ގުޅުނު ކަމީ ދަރުމާ އަށާއި ނީރަޖްއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.