ސިނާސްގެ އާމްދަނީ 500 މިލިއަނާ ދިމާލަށް، ރިކޯޑެއް

ހޮލީވުޑްގެ މަގުބޫލު އެކްޓަރު މައިކަލް ބީ ޖޯޑަން ލީޑުން ފެންނަ ވެމްޕަޔާ ފެންޓެސީ ބިރުވެރި ފިލްމު "ސިނާސް"ގެ އާމްދަނީ 500 މިލިއަން ޑޮލަރާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ޖޯޑަން ޑަބަލް ރޯލު ކުޅޭ މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ފަހު ސިނަމާއަށް އަނެއްކާ ވެމްޕަޔާ ތީމު ގެނެސްދޭނެ ފިލްމެކެވެ. ވެމްޕަޔާ ތީމުގެ ފިލްމުތަކަކީ އާންމުކޮށް ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާ ފިލްމުތަކެކެވެ.

އެގޮތުން، "ޓްވައިލައިޓް" އާއި "އަންޑަވޯލްޑް" އަދި "ބްލޭޑް" އަކީ ބޮޑެތި ފްރެންޗައިޒްތަކަށް ވެފައިވާ ވެމްޕަޔާ ތީމުގެ ސީރީޒް ފިލްމުތަކެވެ.

އަލަށް ނެރުމަށް ތައްޔާރުވާ ފިލްމު ސިނާސްއަކީ ވޯނާ ބްރޮސް (ޑަބްލިއުބީ)އިން ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ 1900ގެ ކުރީކޮޅުގެ ވަގުތަކަށް ސެޓުކޮށް ކުޅެފައިވާ މަންޒަރުތަކެކެވެ.

ފުރަތަމަ ގިނަ ބަޔަކު ތިބީ ފިލްމާ މެދު ޚިޔާލު ތަފާތުވެފައެވެ. ނަމަވެސް، ދާދިފަހުން ފިލްމުގެ ރިވިއުތައް ވަނީ ޑެބިއޫ ކޮށްފައެވެ. ރޮޓެން ޓޮމާޓޯސްގައި މި ފިލްމު ޑެބިއޫ ކުރީ 32 ކްރިޓީކުންގެ ރިވިއުއާ އެކު 100 އިން 100 އެއް ލިބިގެންނެވެ. އަދި، މިހާރު ފިލްމުގެ ރިވިއުތައް 92 އިން މަތިވެފައިވާއިރު އަދިވެސް ފިލްމުގެ ކްރިޓީކުންގެ ރިވިއުތައް އިނީ 99 ގައެވެ.

ފިލްމު އެޅުވިތާ ހަފުތާއެއްވީއިރު މި ފިލްމުގެ އާމްދަނީ އަންނަނީ ރެކޯޑު މުގުރަމުންނެވެ. އެގޮތުން، މި ފިލްމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ނެރުނު އެންމެ ކާމިޔާބު އޮރިޖިނަލް ފިލްމަށް ވަނީ ވެފައެވެ. މި ފިލްމަކީ އެއްވެސް ފްރެންޗައިޒްއެއް، އަދި އެއްވެސް ސީކުއަލް އެއް އަދި އެއްވެސް ރީބޫޓެއް ނޫނެވެ. އެއާއެކު މިއީ އެއްވެސް ބޮޑު ޓައިޓަލްއަކާ ގުޅުން ނެތް ފިލްމެއް މި ފަހުގެ ތާރީހެއްގައި މިފަދަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ އާމްދަނީ މިހާރު ވަނީ 300 މިލިއަން ފަހަނައަޅާ ގޮސްފައެވެ. މި ފެށޭ ހަފުތާ ބަންދުގައި ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފިލްމުގައި މައިކަލް ބީ ޖޯޑަންގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ ހެއިލީ ސްޓައިންފީލްޑް (ސްޕައިޑާމޭން މައިލްސް މޮރާލެސް)، އާއި ވުންމީ މުސާކޫ (ހިސް ހައުސް) އާއި ލީ ޖުން ލީ (ބެބިލޯން)އެވެ.

ސިނާސް ޑައިރެކްޓު ކޮށްފައިވަނީ ބްލެކް ޕެންތާ، ކްރީޑްގެ ޑައިރެކްޓަރު ރާޔަން ކޫގްލާއެވެ.

comment ކޮމެންޓް