ދުނިޔޭގައި އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ, އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މެންޗެސްޓާ ސިޓީއިން ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ސިޓީ ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގައި ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި ދެ ޓީމު އެންމެ ފަހުން ފޮރެސްޓްގެ ދަނޑުގައި ބައްދަލުކުރިއިރު ސިޓީއަށް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ.
ނަމަވެސް ރޭގެ މެޗުގެ ފެށުން ދިޔައީ ސިޓީއިން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ ދެ ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ސިޓީއިން ވަނީ ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޓިއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރީކޯ ލުއިސްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ސިޓީއިން ވަނީ މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއިސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި ހާފުގައި ފޮރެސްޓް ފެނިގެންދިޔައީ އެއްވެސް ވަރަކަށް މެޗުގެ ތެރެއަށް ނުވަދެވިގެން އުޅުނު ތަނެވެ. އަދި މި ސީޒަންގައި އާންމުކޮށް ވަރުގަދަ ކޮށް ފެނިގެން ދިޔަ ޑިފެންސް ހާސްކަމުގެ ތެރޭގައި އުޅުނު ތަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފަށް ފޮރެސްޓް އިން ނިކުތީ އެއް ބަދަލާ އަދި އާ ހިތްވަރަކާއެކުއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގައި އެ ޓީމުގެ ބަދަލު ކުޅުންތެރިޔާ އެންތަނީ އެލާންގާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިިބި ބޭކާރު ވެގެންދިޔައެވެ. އެލާންގާއަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ގޯލަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑި ކައިރިން ބޭރަށެވެ.
މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ފައިދާ ސިޓީއިން ވަނީ އެންމެ ރަނގަޅު ގޮތުގައި ނަގާފައެވެ. މިގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ސިޓީއިން ވަނީ ދެވަނަ ލަނޑެއް ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮސްކޯ ގުވަޑިއޯލްއެވެ. މި ހާފުގައި ސިޓީއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ފޮރެސްޓަށް މެޗުގެ ނަތީޖާ ނުރެވޭ ވަރަށް ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
ނަމަވެސް މި މެޗުގައި ފޮރެސްޓް ފެނިގެންދިޔައީ ވަރަށް ނަސީބު ދެރަކޮށެވެ. މި މެޗުގައި ކެޕްޓަން މޯގަން ގިބްސް ވައިޓް ގޯލަށް ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު އިތުރު ދެ ހަމަލާއެއްވެސް ވަނީ ގޯލް ދަނޑިއަށް އަމާޒުވެގެންގޮސްފައެވެ. އަދި މޯގަން ގިބްސްއަށް ލިބިގެން ދިޔަ ދެ ފުރުސަތުގެ ތެރެއިން އެއް ފުރުސަތުގައި އޭނާ ގޯލަށް ބޯޅަ ފޮނުވާލައިފާވަނީ ކީޕަރުވެސް ކަޓުވާލުމަށްފަހުއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ސިޓީ ނުރައްކާތެރި ދެތިން ހަމަލާ އުފެއްދިއެވެ. މި ކާމިޔާބީއާއެކު ސިޓީއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ކްރިސްޓަލް ޕެލަސް އާއެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ސިޓީ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. މި ފަހަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.