އިޓާލިއަން ސެރީއާގައި ނަޕޯލީން ޓޮރީނޯ ބަލިކޮށް، އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީންނެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފެށުން ރަނގަޅުވީ ވެސް ނަޕޯލީގެއެވެ.
ހަތްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ނަޕޯލީން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސްކޮޓް މެކް ޓޮމިނޭއެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީފައިވަނީ ވެސް މެކް ޓޮމިނޭއެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
ނަޕޯލީން ފުރަތަމަ ހާފު، ދެ ލަނޑުގެ ލީޑެއްގައި ނިންމާލިއިރު ދެވަނަ ހާފަށް ޓޮރީނޯއިންވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. މި ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އޮތީ ކުޅުނު 34 މެޗުން ލިބިފައިވާ 74 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ޓޮރީނޯ އޮތީ 43 ޕޮއިންޓާ އެކު 10 ވަނައިގައެވެ.
ނަޕޯލީއަށް އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނީ ކުރިން އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރި މެޗުން އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ބަލިވުމުންނެވެ. އެއާއެކު އިންޓާ މިހާރު އޮތީ 71 ޕޮއިންޓާ އެކު ދެވަނައަށް ވެއްޓިފައެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މެޗުގައި ރޯމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި މަޓިއަސް ސޫލާއެވެ.
މި ކާމިޔާބީއާ އެކު ރޯމާ މިހާރުވަނީ 60 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ.
އިޓާލިއަން ސެރީއާގެ އުސޫލު އޮންނަ ގޮތުން ސީޒަން ނިމޭއިރު ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެނަމަ ލީގު ކާމިޔާބުކުރާ ޓީމެއް ކަނޑައަޅާނީ ދެ ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޮފް މެޗަކުންނެވެ. މެޗު ކުޅޭނީ ދެ ޓީމަށް ބަލާއިރު ފައިދާ ގޯލުން ކުރިހޯދާ ޓީމެއްގެ ދަނޑުގައެވެ.
މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު އެޓަލާންޓާއާއި ލެއްޗެ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވިއިރު ފިއޮރެންޓީނާއާއި އެމްޕޯލީ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ފިއޮރެންޓީނާއެވެ. އަދި، އޭސީ މިލާނާއި ވެނޭޒިއާ ބައްދަލުކުރި މެޗު 2-0 އިން މިލާން ކާމިޔާބުކުރިއިރު ކޯމޯއާއި ޖެނޯއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ކޯމޯއެވެ.