ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މައި އިންޖީނެއްގެ ދުން ހޮޅީގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިއަދު ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. މި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް, އެމްއެންޑީއެފުން ބުނެއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މި ހާދިސާގައި މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކަރަންޓް ކެނޑުންފަދަ ކަމެއް ވެސް ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.