ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއާއި ބީއެމްއެލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.
ބީއެމްއެލްއިން ބުނީ މި ފަހުމުނާމާގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑުގެ އިތުރުން ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން މަސްވެރިންނަށް ލޯނާއި ކްރެޑިޓް ކާޑު ދޫކުރަނީ -- ފޮޓޯ/ ބީއެމްއެލް
މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެ ބޭންކުން ހަމަޖައްސައިދޭނެ ކަމަށާއި މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްއެވެ.
ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މި އެއްބަސްވުމުގެ މަގްސަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް
ބީއެމްއެލްއިން ބުނީ ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕާސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިން، ހޯމް ޕާޗޭސް ފައިނޭންސިން އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން އަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
މަސްވެރިންނަށް ބޭންކު ލޯނު މީގެ ކުރިން ލިބެން ނެތުމަކީ އެ މީހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމެކެވެ. އޭގެ ސަބަބުން ގެދޮރު ހެދުން ފަދަ، ދިރިއުޅުމުގެ ބޮޑެތި ކަންކަމަށް މާލީ ސްކީމްތަކުގެ އެހީ ހޯދުމަށް ދަތިތަކާ އައީ ކުރިމަތިވަމުންނެވެ.
އަދި ރަސްމީ މަސައްކަތެއްގެ ގޮތުގައި ބޭންކުތަކުން މި ކަން ބަލައިނުގަންނާތީ، މި މަސައްކަތަށް ނިކުންނަން ވެސް ޒުވާނުން ޖެހިލުންވެއެވެ.