އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީ ސިމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
އުރީދޫއިން ބުނީ އެޕަލް ވޮޗް ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް މިހާރު އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީސިމްގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.
އުރީދޫ އީސިމް ވެއާރަބަލްސްގެ ޚިދުމަތް އެޕަލް ވޮޗް ގެންގުޅޭ ކަސްޓަމަރުންނަށް ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ޚާއްސަ އޮފާގެ ދަށުން ޚިދުމަތް ނަންގަވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ޚިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ މި ޚާއްސަ އޮފާގެ މުއްދަތަށްފަހު ދެން މި ޚިދުމަތް ލިބޭނީ މަހަކު 200 ރުފިޔާއަށް ކަމަށެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ހުޅުވާލާފައިވާއިރު، ޚިދުމަތް ނަންގަވާ ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެއެވެ.
އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ-2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މި ކަމަށް ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް https://ore.do/applewatch އަށް ޒިޔާރަތްކުރުމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.