އާންމު ރައްޔިތަކަށް ދޭންޖެހޭ އެންމެ އަސާސީ އިންސާނީ ހައްގުތައް ވެސް މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޔާމީނާ ދެކޮޅަށް ހިންގާ މައްސަލައެއްގެ ޝަރީއަތެއް މިއަދު ވެސް ބޭއްވިއެވެ. މި ސަރުކާރުން ވެރިކަމަށް އައީ ޔާމީނުގެ ވަރަށް ބޮޑު ތާއީދަކާ އެކުގައެވެ.
"ސަން"ގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މި ވެރިކަމުގައި ކުރީގެ ރައީސް ޔާމީނާ ދޭތެރޭގައި ކަންތައްތައް ކުރާ ގޮތާ ގުޅިގެން ޖަމީދު ވިދާޅުވީ، އަދުލުވެރި ގޮތަކަށް މި ވެރިކަމުގެ ތެރެއިން ޔާމީނަށް އެއްވެސް ކަމެއް ކޮށްނުދެއްވާނެ ކަމަށެވެ. ރާއްޖޭގެ އެންމެ އާންމު ރައްޔިތުންނަށްދޭ "ބޭސިކް ފަންޑަމެންޓަލް ހިއުމަން ރައިޓްސް" ވެސް މި ސަރުކާރުން ޔާމީނަށް ދެއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، މިނިވަން އިންްސާފުވެރި ޝަރީއަތެއް ދޭނަމަ ޔާމީނުގެ މައްސަަލަ އެ މަނިކުފާނުގެ ނަންފުޅުގައި އައި ސަރުކާރެއްގެ ތެރޭގައި ކުރިއަށް ނުގެންދަވާނެ ކަމަށެވެ.
އެހެންކަމުން މި ސަރިކާރުން ޔާމީނަށް ކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް: އޭނާ ވިދާޅުވީ ސަރުކާރުން ޔާމީނަށް އަސާސީ އިންސާނީ ހައްގުތައް ވެސް ނުދޭނެ ކަމަށް -- ސަން ފޮޓޯ
އެ މައްޗަށް ބިނާކޮށްފައި ވެރިކަމަށް އައީ. ތިމަންނަމެންނަށް ވެރިކަން ދެއްވައިފިކަމުގައި ވާނަމަ، މި ބުނަނީއޭ މިކަން ނިމޭނެއޭ. ސަބަބަކީ ނުފޫޒު ނުފޯރުވޭ ވަގުތަކީ މިކަން ހުއްޓޭ ވަގުތޭ. އެއީ އެއް ކަމަކީ. އެހެންވީމާ މިކަން ހިނގައިގަތުން މިއީ ސީދާ ސަރުކާރުން ރައީސް މުއިއްޒު އަންގަވައިގެން ކުރިއަށްގެންދަވާ ކަމެކޭ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ދެވަނަ ކަމެއްގެ ގޮތުގައި ޖަމީލް ފާހަގަކުރެއްވީ ޔާމީނުގެ މައްސަލައިގައި މިހާރު ކުރިއަށްގެންދަނީ ޝަރީއަތެއް ނޫން ކަމަށެވެ. އެއީ، ސިޔާސީ ގޮތުން ޔާމީނަށް އޮތް ތަރުހީބު ބޮޑުވުމުން ވާދަކުރަންނުކެރޭތީ ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ސިޔާސީ ގޮތުން ރައީސް ޔާމީނުގެ ތަރި އެހެން މީހުންނަށްވުރެ ބޮޑަށް ވިދާތީ ނުވަތަ ރައީސް ޔާމީނަށް ސިޔާސީ ގޮތުން އޮތް ސަޕޯޓް ބޮޑުކަމުން, އަޅުގަނޑު ސާފުކޮށް ބުނާކަމުގައި ވާނަމަ ރައީސް ޔާމީނާ ސިޔާސީ ގޮތުން ވާދަކުރަން ނުކެރޭތީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޖަމީލް ވިދާޅުވީ، ހަމައެކަނި ޔާމީނުގެ މައްޗަށް ކަންތައްތަކެއް އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމުން ދޭހަވަނީ އެންމެ ކަމެއް ކަމަށާއި އެއީ ޔާމީނުގެ މައުސޫމުކަން ކަމަށެވެ.
މިދިޔަ ސަރުކާރުގައި ޔާމީންގެ މައްޗަށް ޚިޔާނާތުގެ ދެ ދައުވާއެއް ސާބިތުވިއެވެ. އޭގެ ތެރެއިން ފުރަތަމަ އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވީ މަތީ މަރުހަލާ ކޯޓުންނެވެ. އެ ފަހުން އަނެއްކާ ވެސް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ކުރި ދެ ދައުވާ ސާބިތުވެ ޔާމީނަށް އިތުރު ހުކުމެއް އިއްވިއެވެ.
މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލުކުރީ އެ މައްސަލައިގައި ޖަލުގައި އޮންނެވުމުންނެވެ. ޔާމީންގެ ކެންޑިޑެސީ ބާތިލުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމެއްގައެވެ.
ޔާމީނަށް ވާދަނުކުރެއްވުމުން ޕީއެންސީގެ ސެނެޓުގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް އިންތިޚާބަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވަނީ ޔާމީން ޖަލުން މިނިވަންކޮށްދެއްވަން ވައުދުވެލައްވާފައެވެ.
ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޖަލުން ގެކޮޅަށް ޔާމީން ބަދަލުކޮށްފައެވެ.