ޔުމްނުގެ މައްސަލަ: ރިޔާސީ ކޮމިޝަން އުފެއްދެވިތާ އެއް ދުވަސް ތެރޭ ހަބީބު އިސްތިއުފާ ދެއްވައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހަބީބު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އާދިއްތަ ވިލޭގޭ ދަންވަރު, އުފެއްދެވި ޚާއްސަ ކޮމިޝަނުގެ މެންބަރު ކަމުން ޑރ. މުހައްމަދު ހަބީބު, އިސްތިއުފާ ދެއްވައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހަބީބު އެ މަގާމަށް ރައީސް އައްޔަން ކުރެއްވީ އޭނާއަށް އެކަން ހުށަހެޅުމުން އެ ކަމަށް އޭނާ އެއްބަސްވެވަޑައިގަތުމުންނެވެ.

ނަމަވެސް ރައީސް އޮފީހުން މިދިޔަ އާދިއްތަ ވިލޭރޭ އެކަން އިއުލާން ކުރިފަހުން ހަބީބު މިހާރު ވަނީ އެ ކޮމިޝަނުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ކަން ރައީސް އޮފީހަށް އަންގައިފައެވެ.

އިސްތިއުފާ ދެއްވި ސަބަބު ސާފު ކުރަން "ސަން" އިން ހަބީބަށް ގުޅުމުން ވިދާޅުވީ "ތި ވާހަކަ އަޅުގަނޑާ ނުދައްކަފާނަންތޯ?" އެވެ. އިތުރު ވާހަކައެއް ނުދެއްކެވިއެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ ހިތަދޫއަށް ނިސްބަތްވާ ހަބީބާއި، މި މައްސަަލައިގައި ހިމެނޭ ރައުދު ޒިލާލުގެ މަންމައަކީ ދެބެއިންގެ ދެދަރިއަށްވުރެ ދެ ދަރިކޮޅު ދުރު މީހެކެވެ.

ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ހަބީބަކީ މީގެ ކުރިން ވެސް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު, ޑރ. މުޙައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދެވެ.

އޭގެ ތެރެއިން ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރައްވާފައި ވަނީ މުނައްވަރެވެ.

އަންހެން ކުއްޖަކަށް ލިބުނު އަނިޔާގެ މައްސަލަ ބަލަން ރައީސް އުފެއްދި އެ ކޮމިޝަންގައި އަންހެނަކު ނެތުމުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.

ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.

މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދިއްވުމަށް ދަނީ ގޮވާލަމުންނެވެ.

މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.

comment ކޮމެންޓް