މިރެއިން ފެށިގެން ސޮރީގެ ޓިކެޓު ދޫކުރަން ފަށަނީ

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ, ފާތިމަތު ނަހުލާގެ 'ސޮރީ'ގެ ޓިކެޓު މިރެއިން ފެށިގެން ދޫކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ނަހުލާގެ ފޭނުން ބަލަން ކެތްމަދުވެފައިވާ ފިލްމަކަށް ވާއިރު، ފިލްމު ރިލީޒް ކުރާ ތާރީޚު ކައިރިވާއިރު ޕްރޮޑަކްޝަނުން އަންނަނީ ފިލްމުގެ ގިނަ ޓްރެއިލަރާއި އެ ނޫން ވެސް ޕްރޮމޯޝަނަލް ތަކެތި އާންމުކުރަމުންނެވެ. އެގޮތުން މިފަހުން ވެސް ވަނީ، ސޮރީ ފިލްމުގެ މުޅި އޯޑިއޯ ޓްރެކު އާންމުކޮށްފައެވެ.

ނަހުލާ ބުނީ، ޓިކެޓު ދޫކުރަން ފަށާނީ މިރޭ 08:00 އިން ފެށިގެން ކަމަށެވެ. ޓިކެޓު ދޫކުރާނީ މަޖީދީ މަގު، މއ. ވޭސައިޑް, މާލޭ ގްރޭންޑް ޓާޓާ ބިލްޑިންގުގެ އެއް ވަނަ ފަންގިފިލާއިންނެވެ.

މިރޭ ޓިކެޓު ދޫކުރަން ނިންމާފައިވަނީ، ފިލްމުގެ ނުވަ ޝޯއެއް ބުކް ކުރުމަށް ފަހުގައި ކަމަށް ނަހުލާ ބުންޏެވެ.

ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ނަހުލާގެ މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.

ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.

comment ކޮމެންޓް