އަންހެނުންގެ ދިރިއުޅުމުގައި އަންހެން ރަޙްމަތްތެރިން ތިބުމަކީ ކިހާ މުހިއްމުކަމެއް؟

ދިރިއުޅުމުގައި އަންހެން ރަޙްމަތްތެރިން ތިބުމަކީ އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

"އަހަރެން އަހަރެންގެ ފިރިމީހާ ދެކެ ވަރަށް ލޯބިވޭ، އެކަމަކު އެއީ އަހަރެންގެ އިހުސާސްތައް ދަންނަ އަންހެން ރަޙްމަތްތެރިއަކާ އެއްގޮތް ކުރެވޭނެ އިހުސާސެއް ނޫން. އެފަދަ ރަހްމަތްތެރިންނާ އެކު ހޭދަވާ ވަގުތުތަކުގެ ސަބަބުން އަހަރެންގެ އަމިއްލަ ނަފުސަށް ލިބިދޭ ކުރިއެރުން އިތުރުވޭ,"

މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އޭނާގެ ދިރިއުޅުމުގައި ތިބި އަންހެން ރަހްމަތްތެރިންނާ ބެހޭގޮތުން ބުނެފައިވާ ވާހަކައެކެވެ.

އަންހެނުންނާއި ފިރިހެނުންނަކީ އުފެދުމުގައި ވެސް ވަރަށް ބޮޑު ފަރަގެއްވާ ބައެކެވެ. އެހެންކަމުން ދެ ޖިންސުގެ މީހުން ކަންކަމާ މެދު ދެކޭގޮތާއި ވިސްނުމުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ.

އަންހެނުންނާއި ފިރިހެނުން އެކަކު އަނެކަކަށް ތައުރީފުކުރި ނަމަވެސް އަންހެން ރަހްމަތްތެރިންގެ މެދުގައި ކަންކަމާ މެދު ކުރެވޭ މަޝްވަރާތަކަށް ބުރަވެވޭ މިންވަރު މާބޮޑު ކަމަށް ފިސީޝަން އަދި ސެންޓަ ފޯ ޑީސްކަވަރީގެ ކްލިނިކަލް މެންޓަލް ހެލްތު ލިޔުންތެރިޔާ ކްރިސްޓްން ފުލާ ވަނީ ބުނެފައެވެ.

ކިތަންމެ ދުރުގައި ރަހްމަތްތެރިން ތިބި ނަމަވެސް އެ ރަހްމަތްތެރިންނަކީ އަންހެނުންގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ބައި--ފޮޓޯ/ޕިންޓްރެސްޓް

އެކީގައި އުޅޭ އަންހެން ރަހްމަތްތެރިންނާ އެކު ދުވަހުގެ ކަންކަން ހިއްސާކޮށްލަން ހޭދަކޮށްލާ ދިގު ފޯނު ކޯލް، ޓެކްސްޓް މެސެޖުތައް އަދި ހަޔާތުގެ ޚާއްސަ ދުވަސްތަކާއި ކަންކަން ފާހަގަކޮށްލަން ހޭދަކޮށްލާ ވަގުތުތަކަކީ އަންހެނުންނަށް ވަރަށް އަގުހުރި ކަންކަމެވެ.

ކްލިނިކަލް އޮންކޮލޮޖީގައި ޝާއިއުކޮށްފައިވާ ޖާނަލްއެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ތިމާއަށް ހެޔޮއެދޭ ގާތް އަންހެން ރަޙްމަތްތެރިން ތިބުމަކީ ނަފްސާނީ ނަޒަރަކުން ވިސްނާލިއަސް ދިރިއުޅުން ހަރުދަނާކުރުމަށް އެހީތެރިވެދޭ މުހިއްމު ކަމެކެވެ.

ނިއުޔޯކް ޓައިމްސްގައި މިކަމާ ގުޅިގެން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދިރިއުޅުމުގައި ކިތަންމެ ބޮޑު ހަނގުރާމައަކާ ކުރިމަތިލާ އަންހެންނަކަށް ވެސް އެމީހެއްގެ އަންހެން ރަހްމަތްތެރިންގެ ފަރާތުން ލިބޭ ހިތްވަރަކީ އެފަދަ ކަންކަމުން އަރައިގަންނަން ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ދުޅަހެޔޮ ރަހްމަތްތެރިކަމުގެ ގުޅުމެއް ގާއިމު ކުރެވިފައިވާނަމަ އެކަމުން އަމިއްލަ ނަފުސަށް ލިބިދޭ ފައިދާތައް ގުނާ އަދަދު ނުކުރެވެއެވެ. މިފަދަ ރަހްމަތްތެރިންނަކީ ދިރިއުޅުމުގެ އެންމެ ބޮޑު 'ސަޕޯޓް ސިސްޓަމް'ގެ ގޮތުގައި މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ކްލިނިކަލް މެންޓަލް ހެލްތު ލިޔުންތެރިޔާ ކްރިސްޓްން ފުލާ ފާހަގަކުރި ގޮތުގައި ދިރިއުޅުމަށް ރަނގަޅު ބައިވެރިއަކު އައުމަކީ ކޮންމެ މީހަކު ވެސް ދެކެން ބޭނުންވާނެ ހުވަފެނެކެވެ.

ނަމަވެސް ހަޔާތުގައި ތިމާއަށް ހިތްހެޔޮ ހެޔޮ އެދޭ ރަޙްމަތްތެރިން ތިބުމަކީ ދިރިއުޅުން އިތުރަށް އުފާވެރިވުމަށް މަގުފަހިކުރުވާ ކަމެއް ކަމަށް މަޝްހޫރު ލިޔުންތެރިޔާ ރެބެކާ ވެލްސް ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު