ނެޓްފްލިކްސް އިން ނެރުނު އެންމެ ހިޓް ޝޯތަކުގެ ތެރޭގައި ހިމެނޭ "ބްރިޖަޓަން"ގެ އެންމެ ފަހު ސީޒަނާއެކު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދީ ލީޑް ތަރި ނިކޮލާ ކޮފްލަންއެވެ. ނަމަވެސް އޭނާއަށް އޮތް ސަޕޯޓު އާންމުންގެ ތެރޭގައި އިތުރުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގައި އޭނާ ކުރަމުން އަންނަ މަސައްކަތާ ގުޅިގެންނެވެ. މިއީ އޭނާ ކުރުން ހުއްޓާލާނެ ކަމެއް ނޫން ކަމަށް ދާދިފަހުން ހާމަކޮށްފިއެވެ.
އިސްރާއިލުން 2023 ވަނަ އަހަރުގައި ދޭން ފެށި ހަމަލާތަކާއެކު އެންމެ ފުރަތަމަވެސް ހޮލީވުޑްގެ ބޮޑެތި ތަރީންތަކާއި ޕްރޮޑަކްޝަނުން ފެށީ އިސްރާއިލަށް ސަޕޯޓު ކުރާށެވެ. އެއާއެކު ފަލަސްތީނަށް ސަޕޯޓު ކުރާ ބަޔަކު މެއިންސްޓްރީމް މީޑިއާއިން ފެނުނީ ވަރަށް މަދުންނެވެ. އަދި ފަލަސްތީނަށް ސަޕޯޓު ކުރާ ގިނަ ތަރީންގެ ރޯލުތައް ދިޔައީ ޕްރޮޑަކްޝަންތަކުން އަތުލަމުންނެވެ.
ނަމަވެސް އެ ދުވަސްވަރުވެސް އެންމެ ގަދައަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރި ތަރީންގެ ތެރޭގައި ނިކޮލާ ހިމެނެއެވެ. ނިކޮލާ ވަނީ އެކި ކަހަލަ ފަންޑްރައިޒާ ހުޅުވައި އަމިއްލަ ފައިސާގެ އެހީވެސް ފޯރުކޮށްފައެވެ.
ދާދިފަހުން "ވަރައިޓީ"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބައެއް މީހުން މިހާރު އޭނާ ގާތުގައި ވަނީ ފަލަސްތީނުގެ ވާހަކަތައް މަދުކުރަން ވެސް އަންގާފައި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އޭނާ އެކަމެއް ހުއްޓައި ނުލަނެ ކަމަށް ނިކޮލާ ވަނީ ބުނެފައެވެ.
ނިކޮލާ ބުނެފައިވަނީ އޭނާއަށް ފިލްމުތަކާއި އިތުރު ޕްރޮޖެކްޓުތައް ގެއްލުނު ނަމަވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުމަކީ އޭނާ ހުއްޓާލާނެ ކަމެއް ނޫން ކަމަށެވެ.
"އަނިޔާވެރި ގޮތެއްގައި މަރާލަމުންދާ އިންސާނުންތަކެއްގެ ހައްގުގައި ވާހަކަ ދެއްކުން މާ މުހިއްމު އަހަރެންނަށް ޕްރޮޖެކްޓަކަށްވުރެ،" އޭނާ ބުންޏެވެ.
ނިކޮލާ ބުނެފައިވަނީ ޕްރޮޖެކްޓުތައް ގެއްލުމާ މެދު ބިރު ނުގަންނަ ކަމަށެވެ. ނަމަވެސް ކަމެއް ކުރެވޭ ވަރުގެ ބާރު އޮވެ އެއްވެސް ކަމެއް ނުކޮށް ހުރުމަކީ މާ ބިރުގަންނަ ކަމެއް ކަމުގައި ނިކޮލާ ބުންޏެވެ.