ޓްރީ ޓޮޕްގެ "އެސްތެޓީކް" ޚިދުމަތްތަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓް

އޫރިދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ޚިދުމަތްތަކުން މިހާރު 10 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ސްކީމް ގެ ދަށުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނޭނެ ކަމަށެވެ. އެގޮތުން ހަމުގެ ޚިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ޚިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިންގެ އިތުރުން ޑެންޓަލް ޕޮލިޝިން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭސާ މެޝިން ކަމަށެވެ. އަދި މި ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ޙާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިން ކަަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި ދަތުގެ ފަރުވާތަކަށްވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރި ވާކަމަށާއި އޭގެތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޫރީދޫ ކްލަބް ޕްރިމިއާ އަކީ އޫރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ، އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އަމާޒުކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން، މެންބަރުންނަށް ތަފާތު އެކި އިމްތިޔާޒުތަކާއި، ޚާއްޞަ ޑިސްކައުންޓްތަކާއި، މަތީ ފެންވަރުގެ ދިރިއުޅުމުގެ ތަޖުރިބާތައް ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އެ ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލުގެ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލުގެ ނަމްބަރު 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދިފައެވެ.

comment ކޮމެންޓް