ކެފޭއަކަށް ވަދެ، ބިއްލޫރި ރެކު ތަޅާލި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް ބަންދުކޮށްފި

ކެފޭއަކަށް ވަދެ، ބިއްލޫރި ރެކު ތަޅާލި ކަމަށް ތުހުމަތުވާ ރަޒީނު: އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި --- ފޮޓޯ/ ޕޮލިސް

މާލޭގެ ކެފޭއަކަށް ވަދެ ބިއްލޫރި ރެކު ތަޅާލި މައްސަލައިގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލަ ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 08:56 އެހާކަންހާއިރު ރިޕޯޓުކުރިއެވެ.

އެހިސާބުން ފެށިގެން މައްސަލަ ތަހުގީގު ކުރަން ފަށައި، މި މައްސަލައިގައި މިއަދު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައެވެ. އެއީ، މ.ސްޓާ 49 އަހަރުގެ މުޙައްމަދު ރަޒީނެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދިވެސް، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ އައިސް ބްރޭކް ނަމަކަށް ކިޔާ ކެފޭއެއްގައެވެ. ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ފުޓޭޖުން ފެންނަ ގޮތުގައި، ކެފޭގައި މަސައްކަތް ކުރާ މީހަކު ރެކު މަތީ އަތް އަޅުވައިލައިގެން ފޯނާ ކުޅެން ހުއްޓައި މަގުމަތިން ދާ މީހަކު ކެފޭގައި މަސައްކަތް ކުރާ މީހާއާ ވާހަކަ ދައްކައެވެ. އަދި ވާހަކަ ދައްކަމުން ކެފޭގެ އެތެރެއަށް ވަދެ އަތުގެ އިޝާރާތުން ބިންމަތި ދައްކައި ވާހަކަ ދައްކައެވެ.

މޭޒެއް މަތީ އަތް އަޅުވައިލައިގެން ހުރެ ވާހަކަ ދެއްކުމަށް ފަހު ފައިން ރެކުގައި ޖަހައި އެ ރެކު ތަޅާލައި އޭނާ ނުކުމެގެން ދެއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ކެފޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިދެއެވެ.

comment ކޮމެންޓް