ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް, ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.
ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ މައްސަލަ ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.
ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ހައި ކޯޓުގެ އަޑު އެހުމުގައި ވިދާޅުވީ ޝަމްއާން، ޝަރީއަތް ނިމެންދެން ބަންކޮށް، އަމަލު ކުރަނީ ދުވަހަކު ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ 15 ދުވަހަށް ޝަމްއާން ބަންދުކޮށް އެ މުއްދަތު އިތުރު ކޮށްފައި ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މި މަރުހަލާ ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތިކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ތަހުގީގީ ދެ އިދަރާއެއްގެ އިހުތިޞާސް ހިނގާ މައްސަލަ ތަކުގައި ހާއްސަ އިހުތިޞާސީ އިދާރާއާ އެ މައްސަލައެއް ތަހުގީގު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަން އެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އަދި، މި މައްސަލައިގައި ކޯޓަށް ގޮސްފައި ވަނީ އޭސީސީގެ ބައިވެރިވުމެއް ނެތި ކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.
ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
- މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
- އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
- ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
- އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.
ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ވަނީ ބުނެފައެވެ.
ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
އޭގައިވާ ގޮތުން، ޝަމްއާން ހައްޔަރުކޮށްފައިވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންނެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.
ޝަމްއާނުގެ އާއިލާއިން ބުނި ގޮތުގައި، ހޯމްލޭންޑް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައެވެ. އާއިލާއިން ބުނި ގޮތުގައި ޝަމްއާން ވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނެސްފައެވެ.
ޝަމްއާން ރައީސަށް ފޮނުވި މެސެޖުގައި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އާއިލާއިން ބުނީ ކޮރަޕްޝަނުގެ އަމަލުތައް ސަމާލު ކަމަށް ގެނައުމުން ވެސް ރައީސް އެ ކަމަށް ސަމާލުކަން ނުދިން ކަމަށެވެ.