ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، "މައި ހުޅުމާލޭ ފެސްޓިވަލް"ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ކަމަށެވެ.
އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްސަ ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ ތެރޭގައި ހިމެނޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި:
- ފޮޓޯގްރަފީ ކޮމްޕެޓިޝަން
- ފެމިލީ ކާނިވަލް
- ހުޅުމާލޭ ޑިސްކައުންޓް ވީކް
- ހެލްތް ކޭމްޕް
- ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
- މަސްރޭސް
- ސައިކްލިން ޗެމްޕިއަންޝިޕް
- ބީޗް ފެސްޓް
ހުޅުމާލޭގައި މީހުން އާބާދުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޕްރީލް 2004 ގައެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މީހުން އާބާދުކުރިއިރު، އެ ތަނަށް އޭރުގެ ސަރުކާރުން 62 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ. އެންމެ ފުރަތަމަ އެ ތަނަށް ހިޖުރަކުރީ ގާތްގަނޑަކަށް 100 މީހުންނެވެ.