Dhiraagu
Dhiraagu

"ޔޫޝައު. އައެމް ސޮރީ…." މައުވާ އެހެން ބުނެލާފައި ތެދުވެލަން އުޅުމުން ޔޫޝައު މައުވާއަށް އެހީވާން އުޅުނު ނަމަވެސް އެކަމުން މައުވާ މަނާ ވެގަތެވެ. އެތަން ފެނި ޒާޔާ އެދިމާލަށް ހިނގައިގަތެވެ.

Ooredoo

މައުވާ ޔޫޝައުއާ ނަޒަރު ވަކިކޮށްލިއެވެ. ޒާޔާ އައިސް މައުވާގެ ކައިރިއަށް ހުއްޓުމާއެކު، މައުވާ އެހުރިގޮތަށް ހުރެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އައެމް ރިއަލީ ސޮރީ. އެކުވެރިއެއްގެ ގޮތުގައި ޔޫޝައު ބޭނުމިއްޔާ އަދިވެސް އަހަރެން ހުންނާނަން." މައުވާ އެހެން ބުނެލާފައި ޒާޔާއާއެކު އެތަނުން ދާން ހިނގައިގަތެވެ. އޭރު އޭނާގެ ލޮލުގައިވެސް ވަނީ ކަރުނައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޔޫޝައުގެ އަކީ އޭނާއަށް ހެޔޮއެދޭ ރަޙްމަތްތރިއެކެވެ. ޙަޔާތުގެ އެންމެ ނާޒުކު ޙާލަތުގައި ދެގޮތެއް ނުވެ އޭނާއާ އެކުގައި ހުރި އެކުވެރިއެކެވެ. ދިމާވި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނެވެ. އަބަދުވެސް އޭނާގެ އުފާތަކަށް އިސްކަން ދިނެވެ. އޭނާއަށްޓަކައި އަމިއްލަ ހިތުގެ އިޙްސާސްތައް ފޮރުވިއެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް އެއްފަރާތްކޮށްފައި އޭނާގެ އިޙްސާސްތަކަށް ޤަދަރުކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައިވަނީ އަފްނާންއެވެ. ޔޫޝައުއަށް ފުރުސަތު ދިން ނަމަވެސް އޭނާގެ ފަރާތުން ލޯތްބޭ ކިޔާ ޖަޒުބާތު ޔޫޝައުއަށް ދިނުމަކީ ނާދިރުކަމެވެ. ވީއިރު ޔޫޝައުއަށް ދެރައެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އަދި އަމިއްލަ ނަފްސަށް އޭނާ އޮޅުވާލާނީ ކިހިނެއް ހެއްޔެވެ؟

މައުވާއާއެކު ދަމުން ޒާޔާވެސް ޔޫޝައުއަށް ބަލައިލިއެވެ. ޔޫޝައު ހިތި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ބޯ ޖަހައިލީ އޭނާ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ. މައުވާ ގޮވައިގެން ޒާޔާ ދިޔުމާއެކު ޔޫޝައުއަށް ބެންޗުގައި އިށީނދެވުނެވެ. މައުވާ އޭނާގެ ލޯބި ޤަބޫލު ނުކުރިއެއްކަމަކު، އޭނާގެ އިޙްސާސްތައް މައުވާގެ ކުރިމަތީގައި ހާމަކުރެވުމުން އެހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ދެން ކަންތައްވާނެ ގޮތަކަށް ކަންތައް ވާން ތަޤުދީރުގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލަން ޔޫޝައު ނިންމިއެވެ.

"ޔޫ އޯކޭ؟" ގެއަށް ދާން ޓެކްސީއަށް އަރާފައި، ޒާޔާ މައުވާއާ ސުވާލުކޮށްލުމުން މައުވާ އާއެކޭ ބުނެލިއެވެ. ޒާޔާ ޔޫޝައުއަށް މެސެޖުކޮށްލީ މައުވާއާއެކު އޭނާ ދަނީކަމަށް ބުނެއެވެ. ޔޫޝައުވެސް އާއެކޭ ބުނެފައި ރިޕްލައިކޮށްލީ އޭނާ މައުވާ ދެއްކި ވާހަކަތަށް ޤަބޫލުކުރަމޭ ބުނެފައެވެ.

*****

ހޮނިހިރު ދުވަހުގެ ރެއެވެ. އަޒްލަފް ގެއިން ނުކުތްއިރު ނުވައެއްޖަހަނީއެވެ. އޭނާ ލާފައިހުރީ ކަޅާއި އަޅިކުލައިގެ ގޮޅިތަކެއް ޖަހާފައިހުރި ގަމީހެކެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލާފައިވާއިރު ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އެ ފިރިހެންވަންތަކަން ހާމަވަމުން ދިޔައެވެ. ކާރަށް އެރުމަށްފަހު، ލުޔޫނާގެ ނަންބަރަށް އަޒްލަފް ޑައިލްކޮށްލިއެވެ.

"ޔޫ ރެޑީ؟" އަޒްލަފް ސުވާލުކޮށްލުމާއެކު ލުޔޫނާ އެކޮޅުން އާއެކޭ ބުނެލިއެވެ. އެއާއެކު އަޒްލަފް އަވަސްވެގަތީ ލުޔޫނާ ބަލާ ދިޔުމަށެވެ. ލުޔޫނާމެން ގެ ކައިރިއަށް ދިޔައިރު އޭނާ ހުރީ ނުކުމެ އަޒްލަފްގެ އިންތިޒާރުގައެވެ. ވަޅު ފެހިކުލައިގެ ފުޅާ ހަރުވާޅަކާއި ހަމަ އެކުލައިގެ އަރިފެޅި ދޫ ހެދުމެއްގައި ހުރި ލުޔޫނާ އަޅާފައިހުރީ ހެދުމާ ގުޅޭ ފްލޯރަލް ޝޯލްއެކެވެ. ކާރު މަޑުކޮށްލަމުން އަޒްލަފް ކާރުން ފޭބީ ލުޔޫނާ އެ ދިމާލަށް މިސްރާބުޖެހުމުންނެވެ. ލުޔޫނާ އައިސް ކާރާ އަރާ ހަމަވުމާއެކު އަޒްލަފް ކާރުގެ ދޮރުފަތް ހުޅުވައިލަ ދިނުމުން ލުޔޫނާ ޝުކުރުވެރިވިއެވެ. އޭނާގެ ތުންފަތްމަތީގައި އޭރުވަނީ ފުޅާ އެހެނަސް ލަދުވެތި ހިނިތުންވުމެކެވެ. ލުޔޫނާ ކާރަށް އެރުމުން ދޮރުފަތް ލައްޕާލާފައި އަމިއްލަ ނަފްސަށް ހިނިތުންވެލަމުން އަޒްލަފް، ވެސް ގޮސް އަނެއް ފަރާތުން ޑްރައިވަރުގެ ސީޓަށް އަރާ އިށީނެވެ. އެއަށްފަހު އޭނާ ކާރު ސްޓާރޓްކޮށްލާ ދުއްވައިލިއެވެ.

"ވެއަރ އާރ ވީ ގޮއިން؟" ލުޔޫނާ ސުވާލުކޮށްލީ އަޒްލަފް އެއްޗެއް ނުބުނުމުންނެވެ. ހިމޭންކަން އިޚްތިޔާރުކޮށްގެން އަޒްލަފް އިން ނަމަވެސް، އިރުއިރުކޮޅުން އޭނާއަށް ބަލައިލާކަން ލުޔޫނާއަށް އެނގެއެވެ.

"ހުޅުމާލެއަށް ދާނަން؟" ލުޔޫނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒްލަފްވެސް އޭނާއަށް ރައްދުކޮށްލީ ސުވާލެކެވެ. ހީވަނީ އޭނާ އެގޮތް ބޭނުންވެ ހުރެ އެހެންނަމަވެސް، ލުޔޫނާގެ ޚިޔާލެއް ހޯދާލަން ބޭނުންވިހެންނެވެ. އާއެކޭ ބުނުމުގެ ގޮތުން ލުޔޫނާ ބޯ ޖަހައިލުމުން އަޒްލަފް ކާރުގެ މިސްރާބު ބޮޑުތަކުރުފާނު މަގާ ދިމާލަށް އަނބުރައިލިއެވެ. ބްރިޖަށް އެރުމަށްފަހު ހުޅުމާލެއަށް މިސްރާބު ބެހެއްޓި އަޒްލަފްއަށް ހަޤީގަތުގައި ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. ލުޔޫނާއާ ދައްކަން އުޅޭ ވާހަކަތައް ގޭގައި ހުރެ ހިތުގައި ރޭވި ނަމަވެސް ކައިރިއަށް އައުމުން ޖެހިލުންވާން ފެށިއެވެ. އަޒްލަފް އެއްޗެއް ނުބުނާތީ ލުޔޫނާއަށްވެސް މިފަހަރު އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ. ހުޅުމާލެ ދެވެންދެންވެސް އެކަކު އަނެކަކަށް ބަލައިލުން ފިޔަވާ އިތުރު އެއްޗެއް އެކަކުވެސް ނުބުނެއެވެ.

އަޒްލަފް ކާރު މަޑުކޮށްލީ ހުޅުމާލޭ ފޭސްޓޫގެ ބީޗާ ދިމާލުގައެވެ. ކާރު ޕާކުކޮށްލާފައި އޭނާ ގޮސް ލުޔޫނާއަށް ދޮރު ހުޅުވައިލަދިނެވެ. އެއާއެކު ލުޔޫނާ ކާރުން ފޭބިއެވެ.

"ޔޫ ވޯންޓް ސަމްތިންގ؟" އެ ހިސާބުގައި އެކި އެކި އެއްޗެހި ވިއްކާ ސްޓޯލްތަކަށް އިޝާރާތްކޮށްފައި އަޒްލަފް ސުވާލުކޮށްލިއެވެ.

"ނޫން." ލުޔޫނާ އެކަމުން މަނާވެގަތެވެ.

ދެމީހުން ގޮސް އިށީނީ ބީޗާ ވީ ދިމާލުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ. މޫދުގެ ލޮނުގަނޑަށް ހަނދުގެ އަލިކަން އެޅިފައިވާއިރު ރިހި ދަޅައެއްގެ އަސަރު ކަނޑުގެ ސަތަހައިން ފެންނަމުން ދިޔައެވެ. ޖެހެމުން ދިޔަ ލުއި ވައިޅޯޅިތައް ހަށިގަނޑުގައި ބީހިލާއިރު އަރާމެވެ. ގޮނޑު ދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑުން ތަނުގެ ހިމޭންކަން މުގުރަމުން ދިޔައިރު، އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުން، ބާބިކިއު ހަދަންވެގެން ބައިބަޔަށް މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. އަޒްލަފް ލުޔޫނާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ތަނުގައިވަނީ އެއްފަރާތުގައި ދިއްލާފައިހުރި އޮރެންޖު ކުލައިގެ ހޮޅިދަނޑީގެ އަލިކަމެވެ. އެ އަލިކަމުގެ ތެރެއިން ލުޔޫނާގެ ސޫރަފެނިލަނީ ޖާދުވީ ގޮތަކަށެވެ. އެ ތުންފަތް މަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. އެހިތްގައިމު މާހައުލުގެ ކޮންމެ މަންޒަރެއްވެސް ތަނަށް ވެރިކުރުވަނީ މަސްތީކަމެކެވެ. ހީވަނީ އެއީ އެ ދެ ލޯބިވެރިންނަށްޓަކައި، ޚާއްސަ ކުރެވިފައިވާ މާހައުލެއް ހެންނެވެ. ލުޔޫނާ އަޒްލަފްއަށް ނުބެލިއެއްކަމަކު އަޒްލަފްގެ ނަޒަރު އޭނާއަށް ހުރިކަން ލުޔޫނާއަށް ދެނަގަނެވުނެވެ. ހިތުގެ ހިނގުން ބާރުވެލުމާއެކު އޭނާއަށް ދެ އަތް ދެއަތާ މޮޑެވެން ފެށިއެވެ. ލުޔޫނާއަށް ވީ ގޮތް އަޒްލަފްއަށް ނަގައިގަނެވުނެވެ. މިރޭ ލުޔޫނާގެ އަމަލުތައް ހުރި ގޮތުން އޭނާގެ މަޤްސަދު ލުޔޫނާއަށް އެނގޭހެން އަޒްލަފްއަށްވެސް ހީވާން ފަށައިފިއެވެ. އުންމީދުން ފުރިގެންވީ ޙާލު އޭނާގެ ހިތުން ގޮވަން ފެށީ ލުޔޫނާއަށް އެހިތުގެ ޙާލު ބަޔާންކުރުމަށެވެ. ހަނދުހެކިކޮށްފައި އެހަނދުވަރުމަތީގައި ލުޔޫނާއަށް އެހިތުގެ ޖަޒުބާތުތައް ހާމަކޮށްލުމަށެވެ. ލުޔޫނާ އޭނާގެ ހިތަށް އަސަރު ފޯރުވަމުން ދިޔަ މިންވަރު ބުނެދިނުމަށެވެ.

"ލުޔޫ…" ލުޔޫނާ އޭނާއަށް ބަލައިލާތޯ އެތަކެއް އިރަކު އަޒްލަފް މަޑުކުރިއެވެ. އެހެންނަމަވެސް އެކަން އެހެން ނުވާނެކަން އެނގި އޭނާ އެންމެފަހުން ލުޔޫނާއަށް ގޮވައިލިއެވެ. މަޑުމައިތިރި އަޑަކުުންނެވެ.

"ހޫމް." އެ އިން ގޮތަށް އިސްޖަހާލައިގެން އިނދެ "ހޫމްއަކުން" ލުޔޫނާ ފުއްދައިލިއިރު އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެން ފަށައިފިއެވެ.

"އަހަންނާ ދިމާލަށް ނުބަލަން ހިތުލައިގެންތަ ތި އިންނަނީ؟" އަޒްލަފް ލުއިކޮށް ހިނިތުންވެލިއެވެ. އެއާއެކު ލުޔޫނާ ނޫނެކޭ ބުނެ ސީދާ އަޒްލަފްގެ ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ. އެ އޮރެންޖު އަލިކަމުގެ ތެރެއިން އެކަކު އަނެކަކަށް ބަލަހައްޓައިގެން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ދެމީހުންނަށްވެސް ތިބެވުނެވެ. ދުލުން ލަފުޒުތަކެއްގެ ސިފައިގައި ހިތުގެ ޙާލު ބަޔާންނުކުރިއެއްކަމަކު ލޮލުގައިވާ އަސަރުތަކުން އެކަނިވެސް ދެ ހިތުގެ ޙާލުވެސް އެކަކު އަނެކަކަށް ފަހުމްވަމުން ދިޔައެވެ.

ލުޔޫނާގެ ލޮލަށް ގެއްލިފައި އިން އަޒްލަފްއަށް އޭނާގެ ހިއްސުތައް ކިޔަމަން ކުރުވަން އުނދަގޫވާން ފެށިއެވެ. އެންމެފަހުން އަޒްލަފް އޭނާގެ ހިތުގެ ޙާލަތު ލުޔޫނާގެ ކުރިމަތީގައި ބަންޑުންކޮށްލަން ނިންމީ ލުޔޫނާގެ ފުށުން ވެސް އޭނާއަށް އިޝާރާތްތަކެއް ލިބެމުން ދިޔައީތީއެވެ.

"ލުޔޫ…އަހަންނަށް ލުޔޫ ކަމުދޭ… އަހަރެންގެ ކުށްހީއަކަށް ނުވާނަމަ ލުޔޫއަށްވެސް އަހަރެން ކަމުދޭކަންނޭނގެ. ވަރަށް ދުވަސްވެއްޖެ މި އިޙްސާސް އަހަންނަށް ކުރެވޭތާ. އަހަރެންގެ ހިތުގެ ޙާލު ލުޔޫގެ ކުރިމަތީގައި ބަންޑުންކޮށްލަން ބޭނުންވެގެން އުޅޭތާވެސް ދުވަސްކޮޅެއްވެއްޖެ." އަޒްލަފް އެ ހިސާބަށް ބުނެފައި ހުއްޓައިލީ ލުޔޫނާގެ މޫނުމައްޗަށް އަރާފައިބާ ކުލަވަރުތައް ބަލައިލުމުގެ ބޭނުމުގައެވެ. ލުޔޫނާ އޭނާއާ ނަޒަރު ވަކިކޮށްލަމުން އިސްޖަހައިލި ނަމަވެސް، އެ ތުންފަތްމަތިން ހިނިތުންވުން ފަނޑެއްނުވިއެވެ. ވާހަކަ ކުރިއަށް ގެންދަން ހިތްވަރު ލިބުނު އަޒްލަފް އަނެއްކާވެސް ފެށިއެވެ.

"އަހަރެން ބޭނުމެއް ނުވޭ ރައްޓެހިވެގެންނޭ ކިޔާފައި ގިނަ ދުވަހު މަޑުކުރާކަށެއް. ލުޔޫ… އައި ލަވް ޔޫ." އަޒްލަފް ފުރަތަމަ ފަހަރަށް ލުޔޫނާގެ އަތުގައި ހިފައްޓައިލިއެވެ. އެއާއެކު އަޒްލަފްއަށް ބަލާލަން ލުޔޫނާއަށް މަޖުބޫރުވިއެވެ.

"އަހަރެން ބޭނުން ލުޔޫއާ ކައިވެނިކުރަން. އަދި ދިރިއުޅުމެއް ފަށަންވެސް ބޭނުން. ލޯތްބަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެވޭއެއްޗެއްކަން އަހަންނަށް ދަސްކޮށްދިނީ ލުޔޫ… އެކަމަކު…" އަޒްލަފް މަޑުޖެހިލިއެވެ.

"އެކަމަކު؟" ލުޔޫނާ އަޒްލަފް ލައްވާ އެބުނަން އުޅޭ އެއްޗެއް ފުރިހަމަކުރުވަން ބޭނުންވިއެވެ. އޭނާ ފަހު ލަފުޒު ތަކުރާރުކޮށްލި ސަބަބަކީ އެއީއެވެ.

"އަހަރެންގެ ދަރިއަކު އެބަހުރި…. އެ ދަރިފުޅަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައި." އަޒްލަފް ބުނެލިއެވެ.

"ކޮބާ މައްސަލައަކީ؟ އަޒްލަފްއަށް ހީވަނީ އާއިންގެ ސަބަބުން އަހަރެން އަޒްލަފް ޤަބޫލު ނުކޮށްފާނެ ކަމަށްތަ؟" ލުޔޫނާއަށް އާއިންއަކީ އަޒްލަފްއަށް އޭނާގެ ދިރިއުޅުމުގައި ކިހާ މުހިންމު މީހެއްކަން އެނގެއެވެ. އަޒްލަފްއާ އޭނާ ވެސް ގަޔާވެއެވެ. އަދި އަޒްލަފް ދެކެ ލޯބިވެސް ވެއެވެ. އާއިން ހުއްޓޭ ކިޔާފައި އަޒްލަފް ދޫކޮށްލުމަކީ އޭނާ ކުރާނެކަމެއް ނޫނެވެ. ޚުދު އޭނާވެސް އާއިން ދެކެ ލޯބިވެއެވެ. އަޒްލަފް ފުންކޮށް ލުޔޫނާއަށް ބަލައިލުމާއެކު، އޭނާގެ ހިތަށް ފިނިކަން ލިބި ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.

"އާއިންއަށް އަހަރެން މަންމައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދޭނަން. އަޒްލަފްހެން އަހަރެންވެސް އާއިން ދެކެ ލޯބިވާނަން." ލުޔޫނާ އިތުރުކޮށްލިއެވެ. ލޯބިިވާ މީހަކު ޤަބޫލުކުރުމަކީ އެމީހާ ލޯބިވާމީހުންވެސް ޤަބޫލުކުރުމެވެ. އޭނާ ލޯބިވާ މީހުންނާ ތިމާވެސް ގާތް ގުޅުމެއް ބޭއްވުމެވެ. އަނެކާގެ އުފާތައް ގުޅިފައިވާ މީހުންނާ ތިމާވެސް ގުޅުން ބަދަހިކުރަން މަސައްކަތްކުރުމެވެ. އެއްވެސް މީހެއްގެ ޙަޔާތަކީ އެންމެ ފުރިހަމަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެކުގައި ދިރިއުޅުމުގެ ބޭނުމަކީ އެކަކު އަނެކަކަށް ލޯބިދީ އަޅައިލުމެވެ. އިތުބާރުކޮށް ދިރިއުޅުން ފުރިހަމަކުރަން މަސައްކަތްކުރުމެވެ.

"އަހަރެން ބޭނުން ލުޔޫ….ވިލް ޔޫ މެރީ މީ؟" އަޒްލަފް ކައިވެންޏަށް އެދުނެވެ. އޭނާ ލުޔޫނާއަށް ބަލަހައްޓައިގެން އިންދާ ލުޔޫނާ ބޯ ޖަހައިލިއެވެ. އެއާއެކު އަޒްލަފް އޭނާގެ ޖީބުން ނެގި މަހުމާ ފޮށި ހުޅުވާލާފައި އޭގެ ތެރެއިން ނެގި އަނގޮޓި ލުޔޫނާގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވައިލަދިނެވެ. ހަނދުވަރުގެ އަލީގައި، އެ އަނގޮޓީގައި ޖަހާފައިވާ ޖަވާހިރު ވިދައިލިއެވެ. އަޒްލަފް އެހާ އަގުބޮޑު އެއްޗެއް ދިނުމުން އެކަމާ ލުޔޫނާ ކުޑަކޮށް ޝަކުވާކުރިއެވެ. އެހެންނަމަވެސް، އެއީ އަޒްލަފް އޭނާ ދެކެވާ ލޯބީގެ ރަމްޒެއްކަމަށްވީތީ އޭނާ އެ ހަދިޔާ ޤަބޫލުކުރީ އުފަލާއެކުގައެވެ.

"ލުޔޫ…" ލުޔޫނާ އަނގޮޓިއަށް ބަލަން އިންދާ އަޒްލަފް އޭނާގެ ސަމާލުކަން އަތުލިއެވެ. އެ ގޮވުމުގައި ސީރިއަސް އަސަރުތަކެއް ވާތީ، ލުޔޫނާ ވެސް ސަމާލުވެލިއެވެ.

"އާއިންއާ މެދު އެއްވެސް ޝަކުވާއެއް ވާނަމަ މިހާރު އަހަރެންގެ ގާތުގައި ބުނައްޗޭ. އިނުމުގެ ކުރިން މިކަހަަލަ ހުރިހާ ވާހަކައެއްވެސް ދެކެވިފަ ހުންނަންވާނީ. " އަޒްލަފް ބުނެލިއެވެ.

"އަޒްލަފް އަހަންނަށް އިތުބާރުކުރޭ…" ލުޔޫނާ އަޒްލަފްގެ އަތުގައި ހިފައްޓައިލިއެވެ. އޭނާގެ އެ ބުނުމުގައި ވަނީ ތެދުވެރިކަމެވެ. އަޒްލަފްއަށް އޭނާގެ ފަރާތުން ޝަކުވާ ކުރާނެ ފުރުސަތެއް ނުލިބޭނެޔޭ ލުޔޫނާ ބުނާ ފަދައެވެ.

ލުޔޫނާގެ ފަރާތުން ފެނުނު ގާތްކަމާއި އިތުބާރުގެ ސަބަބުން އަޒްލަފްއަށް މިހުރިހާ ދުވަހު އޭނާގެ ހިތުގައި ފޮރުވާފައިހުރި އުދާސްތައް ލުޔޫނާގެ ކައިރީގައި ހާމަކުރުމަށް ފަސޭހަވެގެން ދިޔައެވެ. އޭނާ ދުވަހަކުވެސް އެހެން މީހަކު ކައިރީގައި ނުދައްކާ ވާހަކަތައް ލުޔޫނާއާ ހިއްސާކުރިއެވެ. އެއީ އޭނާގެ ހިތަށް އުނދަގޫވާ ވާހަކަތެކެވެ. އެހިތަށް އަދިވެސް އެހަނދާންތަކުން ފުން ޒަޚަމްތަކެއް ލިބެއެވެ.

"އަހަންނާ ޝައުފާއާ ވަރިވުމަށްފަހު، އެކަމުން އެންމެ އަސަރުކުރީ އަސްލު އާއިންއަށް. އަހަރެން އާއިން ދޫކޮށްލަން ބޭނުންނުވިއިރު ޝައުފާ ބޭނުންވީ އާއިން އޭނާގެ ކައިރީގައި ބަހައްޓަން. ހަޤީގަތުގައި އޭނަ އެގޮތަށް ކަންތައްކުރީ އަހަރެންގެ ނާޖާއިޒް ފައިދާ ނަގަންވެގެން. އަަހަރެމެން ދެމީހުން ވަކިވީމަ އެކަމާ އެންމެ ގިނަ ސުވާލުތައް ކުރިމަތިވީ އާއިންގެ ފަރާތުން. އުމުރުން ހަތް އަހަރުނުވާ ތުއްތު ކުއްޖަކަށް އަހަރެން ކިހިނެއް ހުރިހާ ވާހަކައެއް ކިޔައިދޭނީ.... ޝައުފާގެ ނޭދެވޭ ސިފަތަކުގެ ސަބަބުން އެކުގައި އުޅެން ވަރަށް އުނދަގޫވި. ވަރި ނުކޮށް ވޭތޯ ވަރަށް މަސައްކަތް ވެސް ކުރިން. ހަމައެކަނި އާއިންގެ ހައްޤުގަ. އެކަމަކު…… " އެހެން ބުނެލާފައި އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މިހާރު އާއިން ފެނުނީމަ ނޭނގުނަސް، އޭރު އާއިން ވަރަށް ރުއި. އަހަރެން ކައިރިއަށް އަންނަންވެގެން. މަންމައާއި ބައްޕައާ ދެމީހުން އޭނަ ކައިރީގައި ހުންނަން ބޭނުންވާތީ. އަހަރެން އަދިވެސް ހަނދާން އެބަ ހުރި އެއް ދުވަހަކު ރޮމުން އާއިން ބުނި ވާހަކައެއް. އެއީ ވަރިވިތާ ކުރީކޮޅު. އާއިން ބުނީ ޑެޑީ ވަރަށް ގޯހޭ. މަންމި އެގެއަށް ނުގެންދާތީއޭ. އާއިން ގެންނައިރު ޝައުފާ ނުގެންދާތީ ސުވާލުކުރި. އަހަރެން މަސައްކަތްކުރީ ކޮންމެ ވަގުތަކު ކޮންމެ ކަމެއް ކުރަން ހުރެފަވެސް އާއިންގެ ކަމެއް ވިއްޔާ އެކަމެއް ހުއްޓާލާފަ ދާން. އަހަންނަނީ އާއިންއަށް ގޯސް ބައްޕައެއް ނޫންކަން ވިސްނައިދޭން. ނޭނގެ ކީއްވެގެންކަމެއް؟ އަދި އަދަށްވެސް އަހަރެން އެ ދުވަހުގެ ހަނދާންވޭ. " އަޒްލަފް ބުނެލިއެވެ.

"އަޒްލަފް." ލުޔޫނާ އަޒްލަފްގެ އަތަށް ބާރުކޮށްލިއެވެ.

"އާއިން ކުޑައެއްނު. ދެމީހުން ވަކި ވިޔަސް ޔޫ ޓްރައިޑް ޔޯ ބެސްޓެއްނު. އަހަންނަށް ޔަޤީން އަޒްލަފްއަށް ވުރެ އާއިލް ދެކެ ލޯބިވާ އެހެން މީހަކު ނުހުންނާނެކަން. ދެމީހުން ވަކިވެފަ. އަދި ޚާއްސަކޮށް ޝައުފާ އެގޮތަށް ކަންތައްކޮށްފަ ވަރިވީމަ އަހަންނަށް އެނގޭ އަޒްލަފްއަށް އުނދަގޫވާނެކަން އަބަދު އޭނަ ފެންނަ ހިސާބަށް ގޮސް އުޅެން. އެކަމަކު ޔޫ ޑިޑް އިޓް. ފޯ އާއިން. ފޯ ބޯތް އޮފް ޔޫ. އަޒްލަފް އާއިންއަށް ވަގުތު ދިނިން. ޚަރަދު ދިނިން. ލޯބި ދިނިން. އަޒްލަފްއަށް ވީ އެންމެ ރަނގަޅަކަށް ހުރިހާކަމެއް ވެސް ކޮށްދެވޭތޯ ބެލިން. އަޒްލަފް ވިސްނާލަބަަ ރާއްޖޭގެ ގިނަ މީހުންގެ ޙާލަތު. ވަރިވުމަށްފަހު ދަރިންނަށް ޚަރަދުނުކުރާ ބައްޕައިންވެސް ބައިވަރު. ޚަރަދު ކީއްކުރަން ލޯތްބާއިއެކު ދަރިފުޅާ އަނގައިން ނުބުނާ މީހުންވެސް ބައިވަރު. ކުޑަ މިނުން ދަރިފުޅު ދެކިލަން އެމީހުންނަށް ނުދެވޭ… " ލުޔޫނާގެ އެ ބަސްތައް ވީ އަޒްލަފްގެ ތަދުވަމުން ހިތުގައި އަޅައިލަދިން ގަނޑުފެންގަނޑަކަށެވެ. އޭނާ ހިތުގެ އުދާސްތައް ހާމަކުރިއިރު ލުޔޫނާގެ ވާހަަކަތަކުން އެހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. އެތައް ދުވަހަކު ހިތުގައިވީ ބަރުކަމެއް ފިލައިގެން ދިޔަ އިޙްސާސް އަޒްލަފްއަށް ކުރުވިއެވެ އޭނާ ޝުކުރުވެރިކަމާއެކު، ލުޔޫނާއަށް ބަލައިލަމުން ލުޔޫނާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.

*****

ސޯފާގައި އިށީނދެގެން އިން އަފްނާން އިނީ އިސްޖަހާލައިގެންނެވެ. އޭރު އޭނާގެ ކައިރީގައި ރިސާމާއާއި ނަޖީބާ ދެމީހުން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ތިބީ ދެންމެ އަފްނާން ބުނެލި ވާހަކައަކުން ހައިރާންވެފައެވެ. ޚާއްސަކޮށް ރިސާމާގެ މޫނުމަތިން ހައިރާންކަމުގެ އަސަރާއެކު، ދެރަވެފައިހުރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

"ދަރިފުޅާ…" ރިސާމާއަށް އަފްނާންއަށް ގޮވައިލެވުނެވެ. އެ އަޑުގައިވަނީ އާދޭހުގެ އަސަރެކެވެ.

"ތިއީ އަފްނާންގެ އެންމެ ފަހުގެ ނިންމުންތަ؟" ރިސާމާއަށް ބަލަން އިނުމަށްފަހު ނަޖީބު އަފްނާންއަށް ނަޒަރު ހުއްޓައިލިއެވެ.

"ލައްބަ ބައްޕާ. މިކަމާ މެދު އަޅުގަނޑު ވަރަށް ވިސްނައިފިން، މިއީ މިހާރު އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު ގޮތް." އަފްނާން ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ސ

3 day 16 hour ago

މައު ޔޫސައު އައްދީފަ އަފްނާން އައް ރައްޔާ ދީފަ ވާހަކަ ނިއްމާލަ

Dhiraagu
ގުޅޭ ޚަބަރު
ގުޅޭ ޓެގު