ޔުމްނުގެ އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު؛ ދުވަސްކޮޅަކުން އިށީނދޭ އުޅެވުމުގެ އުއްމީދެއް

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވައިލައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން: ޔުމްނުއަށް މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުން -- ސަން ފޮޓޯ

މި މަހުގެ 18ވަނަ ދުވަހު، ހ. ފެންޓެނޯއިގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރު ހައްވާ ޔުމްނު ރަޝީދު، ކުރަން ޖެހުނު އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން އޭނާ މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ.

ޔުމްނުގެ އާއިލާއިން ބުނީ، މިއަދު މެންދުރު ތިނެއް ޖެހީއްސުރެ އޭނާ ސާޖަރީއަށް ވައްދާފައިވާ ކަމަށެވެ.

މިއީ ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރި އޮޕަރޭޝަނެެކެވެ.

އާއިލާގެ ފަރާތުން ބުނީ ދެން މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއް އޭނާ ކުރަން ނުޖެހޭނެ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުމްނުއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ހަތްލައްކައަށްވުރެ ގިނަ ފައިސާ ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް، މިދިޔަ ހޮނިހިރު ދުވަހު ވަނީ ދޮޅުގަޑިއިރުތެރޭ ހޯދައިފައެވެ.

https://sun.mv/205252

މި ފައިސާ ހޯދީ ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ ކުރިއަށް ގެންދިޔަ ލައިވްއެއްގެ ތެރެއިންނެވެ.

މި ފަންޑްރައިޒިންއިން ލިބިފައި ވަނީ:

  • 565,501.21 ރުފިޔާ
  • 11,015.95 ޑޮލަރު
  • މުޅި ޖުމުލަ: 735,367.16

ފަންޑްރައިޒިންގެ ތެރެއިން ފައިސާ ޖަމާކޮށްފައި ވަނީ ޔުންމުގެ ދައްތަގެ އެކައުންޓަށެވެ.

މީގެ އިތުރުން ފަރުވާއަށް ބޭނުންވާ ފައިސާގެ ތެރެއިން، 25,000 ޑޮލަރު އެންސްޕާ ފަންޑު މެދުވެރިކޮށް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

ފުލުހުން ބުނި ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަށެވެ. އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލެވެ. މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން ކުރާ ތަހުގީގާއި ހާމަކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

comment ކޮމެންޓް