ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުން ފޮނުވާ ސިޓީޓަކާއި އީމެއިލްތަކަށް މިހާރު ތިން ދުވަހުގެ ތެރޭގައި ޖަވާބުދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދަރިވަރުންގެ ލޯން ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.
އެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.
މަޖިލީހަށް ލިޔުމުން މިއަދު ފޮނުވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭ ކަމަށެވެ.
ބައެއް ދުވަސްވަރު އެ އަދަދު އެއަށްވުރެ ވެސް އިތުރުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބޭ އީމެއިލްތަކާއި ސިޓީތަކަށް އެންމެ ގިނަވެގެން ވެސް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދެވޭތޯ ބަލާފައިވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެކަމަކު، އެ މުއްދަތު ވެސް ކުރުކޮށް، މިހާރު ތިން ދުވަހުގެ ތެރޭގައި ސިޓީތަކާއި މެއިލްތަކަށް ޖަވާބުދޭން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދަރިވަރުންނަށް އެކަށިގެންވާ އަވަސް މިނެއްގައި ޖަވާބުދޭން މިނިސްޓްރީގައި ކޯލް ސެންޓަރެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ހައިދަރު ވިދާޅުވީ، ލޯނާއި ސްކޮލާޝިޕްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ވެސް އެގޮތަށް ލިބޭ ސުވާލުތައް އިތުރުވާ ސަބަބެއް ކަމަށެވެ. އެ ގޮތުން، މި އަހަރާއި މިދިޔަ އަހަރު ކުރިން ރާވާފައި އޮތް ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ލޯން ސްކީމް ދޫކުރުމުގެ ސަބަބުން ދަރިވަރުންނާ މުއާމަލާތްކުރަން ޖެހުނު ވަރު އިތުރުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު: މިނިސްޓަރު ވިދާޅުވީ، ކޯލް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ޚާއްސަކޮށް، ދަރިވަރުންނަށް ފައިސާ ދޫކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވާ ތާރީޚުގެ ކުރިން ފައިސާ ޖަމާކުރަން އެދި ގިނަ އަދަދެއްގެ ދަރިވަރުން ގުޅުމުން ވެސް މިނިސްޓްރީގެ މަސައްކަތްތައް ބާރުބޮޑުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެކަމަކު، މިނިސްޓްރީން އެންމެ އިސްކަމެއް ދިނީ ދަރިވަރުންނަށް ފައިސާ ދޫކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ދަރިވަރުންގެ ކޯސް ފީއާއި ދިރިއުޅުމުގެ ޚަރަދާއި އެހެނިހެން ކަންކަމަށް ދަރިވަރުންގެ ނަމުގައި 1.2 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުން ފޮނުވާ ސިޓީތަކާއި މެއިލްތަކަށް ޖަވާބުދިނުން ލަސްވުމާއި ފައިސާ ޖަމާކުރުން ލަސްވާތީ ގިނަ އަދަދެއްގެ ދަރިވަރުން މި ފަހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ދަރިވަރުން ފޮނުވި މެއިލްތަކަށް ތިން މަސް ވީއިރު ވެސް ޖަވާބު ނުލިބޭ ކަމަށް އެ ދަރިވަރުން ބުނެފައިވެއެވެ.
އެ ގޮތުން، ސްޕެއިންގައި ޕައިލެޓްކަން ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާގެ ދަތިތައް ދިމާވެގެން ވެސް މި ފަހުން ކަންބޮޑުވުން ބޮޑުވިއެވެ.
ސަރުކާރުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ކަމުގައި ހުރީ ނިޒާމީ މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.