އާސެނަލްގެ ޖާދޫ ޕީއެސްޖީ ކައިރި ނުދެއްކުނު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އާއި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ބައްދަލުކުރި މެޗު ޕީއެސްޖީއިން ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.

ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ޕީއެސްޖީއިންނެވެ. މިހެން ދެއްނެވި ނަމަވެސް އާސެނަލްއިން ވެސް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މިމެޗުގައި އާސެނަލްއިން ކްއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެކޮޅަށް ދެއްކި ކުޅުން ތަކުރާރު ކުރެވޭގޮތެއްނުވިއެވެ.

މި މެޗުގެ ފެށުން ދިޔައީ ޕީއެސްޖީއިން އެންމެ ބޭނުންވި ގޮތަށެވެ. އާސެނަލްގެ ފަރާތުން މެޗުގެ ކުރީކޮޅު ޕްރެޝަރު ކުރިމަތިވާނެކަމަށް ގަބޫލު ކުރެވުނު ނަމަވެސް މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ އާސެނަލްއަށް ޕީއެސްޖީގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނު ތަނެވެ. އަދި މެޗުގެ ހަތަރު ވަނަ މިނެޓުގައި ފެނިގެންދިޔައީ ޕީއެސްޖީއިން ލަނޑެއް ޖަހާ މެޗުގެ ލީޑުވެސް ނެގި ތަނެވެ. މި ލަނޑު ހަވީޗާ ކުވަރަޓްސްހޭލިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ އުސްމާން ޑެންބެލޭއެވެ.

މީގެ އިތުރުން ޑިސައާ ޑޮއު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ވަނީ އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާ ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ލަނޑު ޖަހަން ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުގައި ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ހަމަލާ ވަނީ ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާ ދިފާއު ކޮށްފައެވެ. ޑޮނަރޫމާ ވަނީ މިމެޗުގެ ދެވަނަ ހާފުގައި ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއްވެސް ހުޝިޔާރު ކަމާއެކު ދިފާއުކޮށް އެ ޓީމުގެ ލީޑު ދަމަހައްޓާދީފައެވެ.

ޑޮނަރޫމާ ވަނީ އެންމެ ފަހުން ކުޅުނު ނޮކް އައުޓް ދެބުރުގައިވެސް ވާދަކުރި އިންގްލަންޑްގެ ދެ ޓީމު ކަމަށްވާ ލިވަޕޫލާއި އެސްޓަން ވިލާ އާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި މިކެލް މެރީނޯ އާސެނަލްއަށް ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައި ނުގެންފައެވެ. މި މެޗު ނިމެން ގާތް ވެފައިވަނިކޮށް ޕީއެސްޖީއަށް އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ބަދަލު ދެ ކުޅުންތެރިންކަމަށްވާ ބްރެޑްލީ ބާކޯލާ ފޮނުވާލީ ހަމަލާ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު ގޮންކާލޯ ރާމޯސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މި މެޗު ޕީއެސްޖީއިން ކާމިޔާބު ކުރުމާއެކު މި މުބާރާތުގެ ފައިނަލަށް ދިއުމަށް އޮތް ފުރުސަތު މިހާރު ބޮޑުކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރަނީ ޕީއެސްޖީއަށެވެ. އެއީ މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީގެ ދަނޑުގައި ކަމުންނެވެ.

މި މުބާރާތުގެ ފައިނަލުން އާސެނަލް ޖާގައެއް ހޯދާނަމަ ޖެހޭނީ ދެވަނަ ލެގުގައި ދެ ލަނޑުގެ ތަފާތުން މެޗު ކާމިޔާބު ކުރާށެވެ. އާސެނަލްއިން ކްއާޓާ ފައިނަލްގައި ރެއާލް އާއި އެ ޓީމުގެ ދަނޑުގައި ކުޅެ މެޗު ކާމިޔާބު ކޮށްފައިވުމުން ސެމީ ފައިނަލްގެ ދެވަނަ ލެގުގައިވެސް އެފަދަ ނަތީޖާ އެއް ނެރުމަށް އުންމީދު ކުރާނެކަމަށް ގަބޫލްކުރެއެވެ.

ދެވަނަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ ހަތް ވަނަ ދުވަހުއެވެ. މީގެ އިތުރުން މި މުބާރާތުގައި އެފްސީ ބާސެލޯނާ އާއި އިންޓާ މިލާންގެ މެދުގައި ކުޅެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ކުޅުން މިރޭ ބާސާގެ ދަނޑުގައި އޮންނާނެއެވެ.

comment ކޮމެންޓް