އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން، ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާ ބައްދަލުކުރީ އިއްޔެއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އެ ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި، ނަފުސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޅެން ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ދިވެހިބަހުގެ މިނިސްޓްރީގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމަކީ، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި އާދަމް ނަސީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ޓަކައި މިދިޔަ އަހަރުގެ މެއި މަހު "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތްވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައެވެ.
އެ ދިރާސާ ކުރިއަށްގެންދިޔުމަށް މިނިސްޓްރީން ގައުމީ ޔުނިވާސިޓީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސާނީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތައް ހިމެނެއެވެ.