ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ބޭންކް ފަންޑް'އަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.
ބޭންކް ފަންޑަކީ ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން މިދިޔަ އަހަރު ތައާރަފުކުރި ފަންޑެކެވެ.
އެ ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.
ބީއެމްއެލްއިން ބުނީ އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެ ކަމަށެވެ.
އެ ފަންޑަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.
އެ ފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.
އެ ފަންޑުގެ އިތުރުން ބީއެމްއެލްއިން ވަނީ، 2019އިން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ ބޭންކުން ވަނީ، މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއްދޭ ކަމަށް ބުނެއެވެ.
ބީއެމްއެލްގެ ބޭންކް ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.