ސަރުކާރުގައި ނުހިމެނޭ އަދާލަތު ޕާޓީއާ ޝަހީމް ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އިސްލާމިކް މިނިސްޓަރު ޝަހީމް--

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަ ކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަހީމް އެ ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ. އޭނާ އެ ފަހަރު ޕާޓީން ވަކިވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

ފަހުން ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފައެވެ. އެ އިންތިޚާބު ނާކާމިޔާބުވުމުން ދެން އޭނާ ވަޑައިގެންނެވީ, އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށެވެ.

މި ސަރުކާރުގައި އަނެއްކާ ވެސް އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ޝަހީމް މިއަދު ވިދާޅުވީ އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ޚިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި އަހަރު ފަހުކޮޅުގައި އެ ޕާޓީއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެނބުރި އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނަވަން ނިންމެވުމުން, އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އިލްޔާސް ހުސައިންނާއި އެ މަޖިލީހުގެ މެންބަރު ޝެއިހް މުޙައްމަދު އަނިލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ, ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ. އެ ދެ ބޭފުޅުންނަކީ ވެސް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އަދާލަތު ޕާޓީގެ ރައީސަކަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހުންނަވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އޭނާ ގެންދަވަނީ މިހާރު ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިހާރު ބޭންކޮކުގައި ދިރިއުޅުއްވާ އިމްރާން ކުރިއަށް އޮތް އެ ޕާޓީގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރައްވައެވެ.

އަދާލަތު ޕާޓީ މިހާރު ލީޑް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ, ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ޒާހިރަކީ އެމްޑީޕީއާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވާއިރު އެ ޕާޓީ އަދި އޮތީ ސަރުކާރާއެކުގައެއް ނޫނެވެ.

ދީނީ ގިނަ އިލްމުވެރިންތަކެއް އިސްވެ އަދާލަތު ޕާޓީ އުފެއްދީ 18 އޮގަސްޓް 2005 ވަނަ އަހަރެވެ. މި ސަރުކާރު ފިޔަވާ އުފެދުނު އެހެން ހުރިހާ ސަރުކާރުތަކެއްގެ ކޯލިޝަންގައި އެ ޕާޓީ ހިމެނިފައިވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާގޮތުން އެ ޕާޓީގައި މި ވަގުތު 9049 މެންބަރުން އެބަތިއްބެވެ.

comment ކޮމެންޓް