16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ނޭޝަނަލް ސާވިސްގައިި ބައިވެރިވާން ހުޅުވާލައިފި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިރޭ ހުޅުވާލައިފިއެވެ.

މި ޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭނެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ޚިދުމަތް ކުރެވޭނެފަދަ ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައި ބަލާނީ މެޑިކަލް އެސެސްމެންޓެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

މި ޚިދުމަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން "ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭނީ އީމެއިލް މެދިވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށެވެ.

މި ފޯމު، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އެކެއް ޖޫން 2025ގެ މެންދުރު 12:00ގެ ނިޔަލެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުން ވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ގައުމީ ޚިދުމަތުގެ ޕްރޮގްރާމް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހެވެ. އެ މަނިކުފާނު ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަޚުލާގު ރަނގަޅު ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއާ ގުޅުމުގެ ފުރުސަތު ދޭނެއެވެ.

comment ކޮމެންޓް