އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި ރޯވެ، ކުއްލި ހާލަތަކަށް

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފިއެވެ.

ގުދުސްގެ ވަށައިގެންވާ ފަރުބަދަތަކާއި އިސްރާއީލުގެ އުތުރާއި ދެކުނުގެ ވަށައިގެންވާ ފަރުބަދަތަކުގައި ރޯވެ، އަލިފާންގަނޑު ދަނީ ފެތުރެމުންނެވެ.

އަލިފާނުގެ ސަބަބުން މިހާތަނަށް ދިހަ ސަރަހައްދަކުން މީހުން ހުސްކޮށް، ގުދުސްއިން ތެލް އަވީވަށް ދަތުރުކުރާ މައި މަގު ވަނީ ބަންދުކޮށްފައެވެ.

މިއީ އިސްރާއީލަށް ވަރަށް ހޫނުގަދަ ދުވަސް ވަރެކެވެ. އަދި ވައި ވެސް ގަދަވުމުން، އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވޭ ވަރަށް ފެތުރެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

"މިއީ އިސްރާއީލުގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ،" ގުދުސް ސަރަހައްދުގެ ފަޔާ ޑިޕާޓްމަންޓުގެ ކޮމާންޑަރު ޝްމުލިކް ފްރީޑްމަން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ގަޑިއަކު 60 މޭލަށް ވުރެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭތީ، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި ރޯވުން: އަލިފާނާ ގުޅިގެން ގައުމު ކުއްލި ހާލަތަކަށް ގޮސްފައިވާ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ/ ރޮއިޓާސް

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގުދުސްއާއި ތެލް އަވީވާ ދެމެދު އޮންނަ މައި މަގުގައި އަލިފާން ރޯވެ، ވަށައިގެންވާ ފަރުބަދަތަކުގެ މަތިން އަންނަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު ސާފު ނުވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އަލިފާން ރޯކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު އިރުމަތީ ގުދުސްއިން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލު ފުލުހުންގެ ބަޔާނަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

އަލިފާންގަނޑު ނިއްވާލުމަށް އިސްރާއީލުން ބޭރުގެ އެހީތެރިކަން ހޯދަމުން އަންނައިރު، އެ ގައުމު މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާއާ ވަނީ އަލިފާން ނިއްވާ މަތިންދާބޯޓުތައް ގެނައުމަށް އެހެން ގައުމުތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިޓަލީ އާއި މެސަޑޯނިއާގެ ތިން މަތިންދާ ބޯޓެއްގެ އެހީތެރިކަން ވަރަށް އަވަހަށް ލިބޭނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ބުނީ އަލިފާން ނިއްވާ 120 ވަރަކަށް ޓީމްގެ އިތުރުން އަލިފާން ނިއްވާ 12 މަތިންދާބޯޓާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދުގައި މިދިޔަ ހަފުތާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

comment ކޮމެންޓް