ތިމާވެއްޓަށް ގެއްލުންވާތީ ގެމަނަފުށީ ބޭރު މަގު ހެދުން ކޯޓުން ހުއްޓުވައިފި

ގއ. ގެމަނަފުށި: އެ ރަށުގެ މަގުހެދުމުގެ މަސައްކަތް ވަނީ ހުއްޓުވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ވަރަށް ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައި އޮތް ސަރަހައްދެއްގައި ހުރި ގަސްތަކެއް ކަނޑައިގެން މަގު ހަދާތީ، ގއ. ގެމަނަފުށީ ކައުންސިލުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުއްޓުވައިފިއެވެ.

ގެމަނަފުށީ ވަށައިގެން މަގެއް ހަދަން ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހު 17 ގައެވެ.

އެކަމަކު، އެ ރަށުގައި މަގުހަދަން ނިންމާފައިވާ ސަރަހައްދުގެ ތެރެއިން އެއް ބަޔަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ސަރަހައްދަކަށްވެފައި، އެއީ ވަރަށް ބޮޑަށް އުދައިގެ އަސަރުކުރާ ސަރަހައްދަކަށްވުމުން އެ ހިސާބުގައި ދިރިއުޅޭ އަމިއްލަ މީހަކު ވަނީ އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދި ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.

ގެމަނަފުށީގައި މަގުހަދާ ސަރަހައްދު: އެ މަސައްކަތް ވަނީ ހުއްޓުވާފައި -- ފޮޓޯ/ އަހުމަދު ޝާފިއު

މި މައްސަލަ ހުށަހެޅި އެ ރަށުގެ އަހުމަދު ޝާފިއު ވަނީ މައްސަލަ ޖެހުނު ހިސާބުގައި ހުރި އޭނާ ދިރިއުޅޭ 'ރިހުލާ' ކިޔާ ގެޔާއި ހޭޅިފަށާ ދެމެދު ހުރީ އެންމެ 13.6 މީޓަރުކަމަށް ބުނެފައެވެ. މިހާރު ވެސް އެ ސަރަހައްދުން 25 ފޫޓު އެތެރެއަށް އުދައަރާ ކަމަށާއި މަގު ހެދުމުން އެ މަގުގެ ތިން ފޫޓު އެތެރެއަށް ރާޅުއަރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވަނީ މަގުހަދަން ނިންމި ސަރަހައްދަކީ އުދައަރާ ސަރަހައްދެއްކަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް އަންގާފައިނުވާ ކަމަށް ބުނެފައެވެ.

މި މައްސަލަ ހުށަހެޅި ޝާފިއުގެ ފަރާތުން އީޕީއޭއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ އެޖެންސީން ވަނީ ދިވެހިރާއްޖޭގެ ގަސްކަރަ ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ ހ.ގެ އެއްވަނަ ނަންބަރުގައި ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު (66 ފޫޓު) ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަސްތައް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެއްކަމަށް އަންގާފައިވާނެ ކަމަށް ބުނެފައެވެ.

ގެމަނަފުށީގައި މަގުހަދާ ސަރަހައްދުގެ ތެރެއިން ރިހްލާ ގޯތި ހިމެނޭ ބްލޮކް: އެ ހިސާބުގެ މަގުހެދުމުގެ މަސައްކަތް ވަނީ ހުއްޓުވާފައި --

ވަގުތީ އަމުރުގެ މައްސަލައިގައި އަޑުއެހުމެއް ތާވަލުކުރުމުން އެ ރަށު ކައުންސިލުން ވަނީ ވަކީލަކު ހަމަޖެއްސުމަށާއި މައްސަލައިގައި ޖަވާބުދާރީވާން އިތުރު މުއްދަތު ދޭން އެދިފައެވެ. އެކަމަކު، މަގުހެދުމުގެ މަސައްކަތް ފަށާފައިވާތީ ކޯޓުން ވަނީ ކައުންސިލްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ.

އެ މައްސަލައިގައި ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ރަށް ވަށައިގެން މަގެއް ހަދަން ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ރިޙްލާ ގޯތި ހިމެނޭ ބްލޮކްގެ މަސައްކަތް ހުއްޓައިލަން އަމުރުކޮށްފައެވެ. އަދި، މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ހުއްޓުވަން ފުލުހުންގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ސައްހަ ލިޔެކިޔުންތައް ފޮނުވުމުން އީޕީއޭއިން ވެސް އިއްޔެ ވަނީ އެ މަސައްކަތް މަޑުޖައްސާލަން ކައުންސިލަށް އަންގާފައެވެ.

comment ކޮމެންޓް