އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ކިބައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ މަދު ކުދިންތަކެއްގެ ކިބައިން އެ ބެކްޓީރިއާ ފެނުމުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިހާރު އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އިތުރަށް ފެތުރިފައިވާ ކަން ފާހަގަކުރެވިފައިނުވާ ކަމަށް އައިޖީއެމްޗުން ބުނެފައިވެއެވެ.
އަދި، ބަލި މީހުންނާއި ސިއްހީ މާހިރުންގެ ސަލާމަތަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
އައިޖީއެމްޗުން ބުނީ، މިފަދަ ބެކްޓީރިއާތަކައް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ކަމަށާއި އާންމު އެންޓިބަޔޮޓިކަށް އެ ބެކްޓީރިއާ ނުގުޑާ ކަމަށެވެ. އެހެންވެ، އެކަމުން ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު
އޭގެފަހުން މިރޭ އައިޖީއެމްއެޗުން ވަނީ އެކަމުގެ އިތުރު ތަފްސީލު ހާމަކޮށް، ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވާގޮތުން، އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ މިދިޔަ މާޗު 27ގައި 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުންނެވެ.
އެހެންވެ ވަގުތުން އެ ކުއްޖާ އެކަހެެރިކޮށް، ބެކްޓީރިއާ އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އިތުރަށް ނެގި ސާމްޕަލްތަކުން، ދުވަސްނުފުރާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ ކުއްޖެއްގެ ހަށިގަނޑުން އެ ބެކްޓީރިއާ ފެނުނު ކަމަށް ބަޔާނުގައިވެއެވެ.
"އެއާއެކު، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހެދުނެވެ. އަވަސްކަމާއެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މި އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުނެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
މިދިޔަ މަހު 15ގެފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައިނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އަދި، އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.