މި ހަފުތާ ތެރޭ މާލޭގައި ހުޅުވި ފަސް ތަރީގެ ހޮޓެލް ނަސަންދުރައިގައި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު 17ގައި ބާއްވަން ނިންމައިފިއެވެ.
މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވެސް ބައިވެރިވެވޭ މި ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުން ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އެ ޖަލްސާގައި ހަ އެޖެންޑާ އައިޓަމެއް ފާސްކުރަން ހުށަހެޅުމަށް އެސްޓީއޯއިން ނިންމާފައިވެއެވެ. އެއީ،
- 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ
- މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު
- މިދިޔަ އަހަރު އޮޑިޓުކޮށްފައިވާ ހިސާބުތައް
- އެސްޓީއޯގެ ފައިދާއިން މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދު
- މި އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމަށް
- ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަނުކުރުމާއި އިންތިޚާބު ކުރުން
މި ޖަލްސާގައި ހިއްސާދާރުން ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭނީ އެސްޓީއޯގެ ޕޯޓަލެއް މެދުވެރިކޮށެވެ. އެ ޖަލްސާގައި ބައިވެރިވާން އެދުމުގެ ސުންގަޑިއަކީ މި މަހުގެ 14ވާ ބުދަ ދުވަހުގެ 23:59ގެ ކުރިއެވެ.
މިދިޔަ އަހަރު އެ ކުންފުނިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ، 2023ވަނަ އަހަރުގެ އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފައެވެ.