މާލޭގެ މަގެއް މަތީ ހުރި ގަހަކުން ވެއްޓުނު ބޮޑު އޮފިގަނޑަކުން ދެ މީހަކު ސަލާމަތްވި، ސީސީޓީވީ ފުޓޭޖެއް އާންމުވެއްޖެއެވެ.
އެ ފުޓޭޖުން ފެންނަނީ މިއަދު ހެނދުނު 09:22ގައި މާލޭގެ މަގެއް މަތިން މީހަކު ސައިކަލަށް އަރާއިރު، އޭނާގެ ފަހަތުން އިތުރު މީހަކު ހިނގާފައި މަގަށް ނުކުންނަ ތަނެވެ.
މަގަށް ނުކުންނަން ދަމުން ފިރިހެން މީހާ މައްޗަށް ބަލައިލުމަށް ފަހު ދުއްވައިގަތެވެ. އޭގެ އިރުކޮޅެއް ފަހުން ސައިކަލަށް އެރި ފިރިހެން މީހާ ވެސް ދުރަށްޖެހެއެވެ. ދެން ފެންނަނީ އޮފި އެލޭ ގަހެއްގެ ބޮޑު އޮފިގަނޑެއް އެ މަގަށް ވެއްޓޭ މަންޒަރެވެ. ނަމަވެސް، އެއީ މީހަކު އެ ގަސް ކަނޑަނިކޮށް ވެއްޓުނު އޮފިގަނޑެއް ކަމެއް, އަމިއްލައަށް ވެއްޓުނު އޮފިގަނޑެއް ކަމެއް ސާފެއް ނުވެއެވެ.
އޮފިގަނޑު ވެއްޓުނު ކަމަށް ފުޓޭޖުން ފެންނަނީ 09:23 ގައެވެ. އެވަގުތު އެ ސަރަހައްދުގައި އިތުރު މީހުން ވެސް ތިބިއިރު، ސައިކަލުގައި މީހުންދާ މަންޒަރު ވެސް ފެނެއެވެ.
އޭގެފަހުން، ސައިކަލަށް އަރަން އުޅުނު ފިރިހެން މީހާ އައިސް ގަހުގެ އޮފިގަނޑު ދަށުން ސައިކަލު ނަގައިިގެންދާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.
މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އަދި ބަހެއް ނުލިބެއެވެ.