އިންޑިއާގެ ވޭވްސް ސަމިޓްގައި ގިނަ ތަރިންތަކެއް

މި އަހަރުގެ ވޭވްސް ސަމިޓް 2025ގައި ބައިވެރިވި ބައެއް ފިލްމީ ތަރިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގައި ފުރަތަމަ ފަހަރަށް ބޭއްވި ވާލްޑް އޯޑިއޯ ވިޝުއަލް އެންޓަޓެއިންމަންޓް ސަމިޓް (ވޭވްސް)ގައި އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފުތިތާހުކޮށް ދެއްވި މި ސަމިޓުގައި މީޑިއާގެ ސަމާލުކަން ހޯދި ފިލްމީ ތަރިންގެ ތެރޭ ދީޕިކާ ޕަދުކޯން، އާލިއާ ބަޓް، ހެމާ މާލިނީ، އަކްޝޭ ކުމާރު، އާމިރު ޚާން، ޝާހްރުކް ޚާން، ޝާހިދު ކަޕޫރު އަދި ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ހިމެނެއެވެ.

އިންޑިއާގެ މުމްބާއީގެ ޖިއޯ ވާލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ސަމިޓު ކުރިއަށްދާނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހާ ހަމައަށެވެ.

މި ސަމިޓުގެ ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިންޑިއާގެ އެކި ސިނަމާތަކުގައި މަސައްކަތް ކުރާ ފިލްމީ ތަރިންނާއި ފިލްމު އިންޑަސްޓްރީތަކުގެ އެކި ފަންނުގައި މަސައްކަތް ކުރާ ފަރާތްތައް ފެންނާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

މި އަހަރުގެ ވޭވްސް ސަމިޓް 2025ގައި ބައިވެރިވި ބައެއް ފިލްމީ ތަރިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެގޮތުން, ކުރިއަށް ހުރި ދުވަސްތަކުގައި ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ ރާއީ ބައްޗަން، ވިކީ ކޯޝަލް، ޗިރަންޖީވި، ރަޖްނީކާންތު، މޯހަންލާލް، އަނިލް ކަޕޫރު، ސައިފް އަލީ ޚާން އަދި މިއުޒީޝަން އޭއާރު ރަހްމާން ފަދަ މީހުން ފެންނާނެއެވެ.

ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންނާ އެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދާ މި ސަމިޓުގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންޓެންޓުތައް އުފައްދަން ޝައުގުވެރިކަން ހުންނަ ފަރާތްތައް އެއް ތަނަކަށް ގެނެސްދިނުމަށް މަގުފަހިކޮށްދިނުމެވެ.

ހަމައެއާއެކު އިންޑަސްޓްރީގެ އިސްފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އެއް ތަނަކަށް ގެނެސް މީޑިއާ އަދި މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބައިނަލްއަގުވާމީ ހަބެއްގެ ގޮތުގައި އިންޑިއާ ހިމެނުމަކީ މި ސަމިޓުގެ އެންމެ މުހިއްމު އެއް ބޭނުން ކަމަށް ފޮރިން މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް