ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބޯޑޯ ގްލިމްޓާއި ބައްދަލުކުރި މެޗު ޓޮޓްނަމް ހޮޓްސްޕާއިން ކާމިޔާބުކޮށް، މި ސީޒަންގައި ތައްޓެއް ކާމިޔާބުކުރަން ކުރާ އުންމީދު އަނެއްކާ ވެސް އާކޮށްފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.
ސްޕާސްއިން ވަރަށް ފޯރިއާ އެކު ފެށި މި މެޗުގެ ލީޑު އެ ޓީމުންވަނީ މެޗުގެ ފުރަތަމަ މިނެޓްގައި ނަގައި، މެޗުގެ ފޯރި އިތުރަށް ގަދަކޮށްފައެވެ. މި ލަނޑު މެޗު ތެށިތާ 38 ވަނަ ސިކުންތުގައި ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. މެޗުގައި ސްޕާސްގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ލީޑު ފުޅަކޮށްދިނީ ޖޭމްސް މެޑިސަންއެވެ.
މެޗުގައި ސްޕާސްގެ ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑިމިނިކް ސޮލާންކީއެވެ. މި ފަހަރުގެ މުބާރާތުގައި ހަމަލާއަށް އިސްކަން ދީގެން ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގައި އަޅަައިގެންފައިވާ އަދި މި ފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ބޯޑޯ ގްލިމްޓަށް އެ ޓީމުގެ ކުޅުން ރޭގެ މެޗުގައި ދެއްކޭގޮތެއް ނުވިއެވެ.
މެޗުގައި އެ ޓީމަށް ކިރިޔާ ވެސް އުންމީދެއް އާވީ، 83 ވަނަ މިނެޓުގައި އަލްރިކް ސޯލްޓްނެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މުޅި މެޗުގައި ވެސް އެ ޓީމަށް ސްޕާސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ.
ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު އަންނަ ހަފުތާގައި ކުޅޭނީ ބޯޑޯ ގްލިމްޓްގެ ދަނޑުގައިކަމުން ފައިނަލަށް ދިއުމަށް އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ އުންމީދެއް އަދި އެބައޮތެވެ.