މީގެ ކުރީގައި އަބަދު އިސްލާހީ މަސައްކަތުގެ ވާހަކަދެއްކެވި ލީޑަރުން މިއަދު ގައުމުގެ ކަންކަމާ އަޑުއުފުލާތަން ނުފެންނަ ކަމަށާއި ގައުމުގެ ހައްގުގައި ހަމައެކަނި ވާހަކަދައްކަނީ 'ބަދިގެ ޖަލްސާ'އިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ގެންދަވަނީ އަމިއްލަފުޅު ގެކޮޅު، ހ. ދޫވެހީގައި ޕާޓީ އޮފީސް ހައްދަވައިގެން ސިލްސިލާ ޖަލްސާތައް ބާއްވަވަމުންނެވެ. އެ ޖަލްސާތަކަށް ފާޑުވިދާޅުވެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެއީ 'ބަދިގެ ޖަލްސާ' ކަމަށް ސިފަކޮށްފައެވެ. މަޒާޖީ ގޮތެއްގައި އެ ޖަލްސާއަށް ޔާމީން ވެސް 'ބަދިގެ ޖަލްސާ'އޭ ވިދާޅުވީ އެހެންވެއެވެ.
އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކުރީގައި އިސްލާހީ މަސައްކަތުގައި އަޑުއުފުއްލެވި ލީޑަރުން މިއަދު ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.

ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމަލުތަކާ މެދު ލީޑަރުން ކަންބޮޑުނުވާ ކަމަށް -- ފޮޓޯ/ މޫސާ ނަދީމް
އެ މަނިކުފާނު ވިދާޅުވީ، ކޮންމެހެން އެ މަސައްކަތްކުރައްވަނީ ވެރިކަން ބޭނުންފުޅުވާތީ ނޫން ކަމަށެވެ. އެއީ، ގައުމުގެ ހައްގުގައި ކުރައްވާ ކަމެއް ކަމަށާއި ބޭނުންފުޅުވަނީ ގައުމުގެ ކަންކަން އިސްލާހުވާން ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަން ކުރައްވާނެ އިތުރު ލީޑަރުން މިހާރު ނެތް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެ ގޮތުން، ކުރީގެ ރައީސް އަދި ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުން ކޮބައިތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެ ބޭފުޅުން ގައުމު ހަމަ މަގަށް އަޅުވަން މަސައްކަތް ނުކުރައްވަނީ ސަރުކާރުން 'ފައިދާ ތަކެއް' ލިބޭތީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
"މި ބޭބޭފުޅުން ކީއްވެތޯ ހަމައަކަށް އަޅުއްވަން އަޑު ނުއުފުލައްވަނީ މިހާރު؟ މި ބޭފުޅުންނަށް އަޑެއް ނުއުފުލޭ. އަދިވެސް އަޑުއުފުލަނީ ހަމަ ބަދިގެ ޖަލްސާތަކުންނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
" އަދިވެސް ގެންދޭ ޖަލަށް. އެކަމަކު، އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އަނގަމަތީގައި ޓޭޕެއް ނޭޅުވޭނެ،"

އެ މަނިކުފާނު ވަނީ ދީނީ އިލްމުވެރިން ކޮބައިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.
އެ ބޭފުޅުން މިހާރު ތިއްބެވީ 'ހައްޕު ކިޔައިގެން' ކަމަށާއި އޭގެ މާނައަކީ އެ ބޭބޭފުޅުންނަށް ސަރުކާރުން 'ނަފާގަނޑެއް' ލިބެނީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވަނީ އެ ބޭފުޅުންނަކީ ގައުމަށް ހެޔޮ އެދިގެން މަސައްކަތްކުރެއްވި ބައެއްތޯ ސުވާލު އުފައްދަވައިފައެވެ.
"ގައުމުގެ ހާލަތު މި މީހުންނަށް އެންމެ ބޮޑަށް އެދި ގޮވާއިރު މި މީހުން ކޮންތާކުތޯ މި ތިބީ؟،" ޔާމީން ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުން އެއްޗެހިތަކެއް ދޭތީތޯ އަޅުގަނޑުމެން މި ގައުމު ހަމައަކަށް އެޅުވޭތޯ މި މަސައްކަތްކުރަނީ؟ އަޅުގަނޑުމެން އަތަކު ނެތޭ ފައިސާއެއް. އެހެންވެގެން ދެއްތޯ ދަތުރުތައް ވެސް ނުކުރެވިގެން މި އުޅެނީ،"
އެ މަނިކުފާނު ވަނީ ގައުމު ދަނީ ރަނގަޅު މިސްރާބަށް ނޫން ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން، ގެއްލުނު ކަމަށް ބުނި ކަނޑު ވެސް ނުހޯދުނު ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވެސް ފޮނުވައިނުލެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ވެސް ނުބަލައި ރައްޔިތުންގެ މުދާތަކަށް އަރައިގަންނަމުންދާ ކަމަށް އެ މަނިކުފާނު ވަނީ ތުހުމަތުކުރައްވައިފައެވެ.
ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލެއްވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެެވެ.
އެކަމަކު، މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޕާޓީ ބައިބައިވެ، ޔާމީން ވަނީ އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ. އޭގެ ފަހުން، މި ސަރުކާރު ހިންގަނީ ވައުދުވި ގޮތަށް ނޫން ކަމަށް ވިދާޅުވެ، ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.