ރޭގެ މުޒާހަރާ ތެރެއިން ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ދައުރުވަމުން އަންނަ ފޮޓޯއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުއިއްޒު އާންމުކުރި ފޮޓޯއެއް ނޫން ކަމަށް އެ އާއިލާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.
ޒުވާނުން ރޭ ކުރި މުޒާހަރާގެ ތެރެއިން ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އަދި، މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ވަނީ ހައްޔަރުކޮށްފައެވެ.
މީސްމީޑިއާގައި އަންނަނީ ރޭ ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރުމުން އުންމީދުގެ އަލިމަގެއް ފެނިއްޖެ ކަމަށާއި ވަރަށް އަވަހަށް އިންސާފު ގާއިމުކުރެވޭނެހެން ހީވާ ކަމަށް ބުނެ، ޔާސްމީން ކިޔާ އިންސްޓަގްރާމް އެކައުންޓެއްގެ ސްޓޯރީގެ ސްނެޕްޝޮޓް ދައުރުވަމުންނެވެ. އަދި، ހައްޔަރުކުރި ޝިމަންއަށް މަލާމާތް ކުރާ މޭރުމަކުން ވެސް ވާހަކަދައްކައިފައިވެއެވެ.
އެއީ، ރައީސްގެ ދަރިކަނބަލުން ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ޕޯސްޓާ ގުޅިގެން އާޒިމާ ވަނީ ވާހަކަދައްކާވާފައެވެ. އޭނާ ވިދާޅުވީ، ދައުރަވަމުން އަންނަނީ ޔާސްމީންގެ ސްޓޯރީގެ ފޮޓޯއެއް ނޫން ކަމަށެވެ. އަދި، މުޒާހަރާގެ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ދޮގު މައުލޫމާތު ފެތުރުމާއި އާންމުންނަށް އޮޅުވާލުން ހުއްޓާލުމަށް އާޒިމާ ވަނީ ގޮވާލައްވާފައެވެ.
އެސްއޯ ފުލުހުންގެ ޓީމެއް ރޭ ވަނީ، ހައްވާ ޔުމްނު ރަޝީދުގެ އިންސާފަށް ގޮވާލައި ޒުވާނުން ކުރި މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ. އެ މުޒާހަރާ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުން މުޒާހަރާގެ މަޝްރަހު ރޭވަރަށް ބޮޑަށް ގޯސްވިއެވެ.
މި މައްސަލައިގައި ސިޔާސީ ގިނަ ޕާޓީތަކުންނާއި ލީޑަރުން އަންނަނީ އެކަން ކުށްވެރިކޮށް، ހައްޔަރުކުރި ޒުވާނުން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.