ދެ ދަރަޖަ ކުރިއަށް، އެކަމު އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭ

ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި މި އަހަރު ވެސް ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން އެކުލަވައިލި މިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ 104ވަނައިގައި ރާއްޖެ އޮތްއިރު، ސްކޯއަކީ 52.46އެވެ.

އެހެން ނަމަވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރަށްވުރެ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ދުނިޔޭގެ 180 ގައުމުގެ ތެރެއިން 2022ވަނަ އަހަރު ރާއްޖެ އޮތީ 87ވަނައިގައެވެ. ޖެހިގެން އައި 2023ގައި 13 ދަރަޖަ ފަހަތަށް ސޮއްސާލައި، 87 ވަނައަށް ރާއްޖެ ވެއްޓުނެވެ.

ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު، 2018އިގައި ރާއްޖެ 120ގައި އޮތުމަށް ފަހު 2019 ވަނަ އަހަރު 98ވަނަ ދަރަޖައަށް އުފުލުނެވެ. އެއަށް ފަހު، 2020ގައި 19 ދަރަޖަ ކުރިއަށް ޖެހި، 79އަށް އެރުމަށް ފަހު 2021ގައި 72އަށް އުފުލުނެވެ.

ޕްރެސް ފްރީޑަމް އިންޑެސް ތަރުތީބު ކުރަނީ އެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، މުޅި ޖުމްލަ 100 އަކުން ދޭ ސްކޯގެ މައްޗަށެވެ.

މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމު:

  1. ނޯވޭ (ގްލޯބަލް ސްކޯ - 92.31)
  2. އެސްޓޯނިއާ - (ގްލޯބަލް ސްކޯ - 89.46)
  3. ނެދަލެންޑްސް - (ގްލޯބަލް ސްކޯ - 88.64)
  4. ސްވިޑެން - (ގްލޯބަލް ސްކޯ - 88.13)
  5. ފިންލޭންޑް - (ގްލޯބަލް ސްކޯ - 87.18)

މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެންމެ ފުލުގައި އުޅޭ ފަސް ގައުމު:

  1. އެރިޓްރިއާ (ގްލޯބަލް ސްކޯ - 11.32)
  2. ނޯތު ކޮރެއާ (ގްލޯބަލް ސްކޯ - 12.64)
  3. ޗައިނާ (ގްލޯބަލް ސްކޯ - 14.8)
  4. ސީރިޔާ ( (ގްލޯބަލް ސްކޯ - 15.82)
  5. އީރާން (ގްލޯބަލް ސްކޯ - 16.22)
comment ކޮމެންޓް