މިތުރާ ގަޔާވެލީ... 05

ޔަޒްދާން އެއްޗެއް ބުނަން އުޅެފައި ހިމޭންވިއެވެ. ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި، އޭނާއާއިއެކު ދިޔުމަށް އެދުނެވެ. ކެބިންއިން ނުކުމެގެން ޔަޒްދާން އެރީ ލިފްޓަށެވެ. ލިފްޓުން ދިމާވި މުވައްޒަފުން މާ ވަރަކަށް ބަލާތީ، ރޫބީ ހުރީ އިސްޖަހާލައިގެންނެވެ.

********

"ޓެންތް ފްލޯ..." ލިފްޓްގެ ދޮރު ހުޅުވުމުން، ޔަޒްދާން އަތުން އިޝާރާތްކޮށްލިއެވެ.

ރޫބީ ހައިރާންވެފައި އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އެއީ ރޫބީ މަސައްކަތްކުރާ އޮފީހެވެ. ދިހަވަނަ ފަންގިފިލާއެވެ. ޔަޒްދާން އައީ، އެ އިމާރާތުގެ އެހެން ފަންގިފިލާއަކުންނެވެ. ރޫބީއަށް އެނގިފައިވާގޮތުން އެ އިމާރާތުގެ ހުރިހާ ފަންގިފިލާއެއްގައިވެސް ކުރެވެނީ ޖޭކޭ ބްރަދާސް ކުންފުނީގެ މަސައްކަތްތަކެވެ. ޔަޒްދާންއަކީވެސް އެ ކުންފުނީގައި މަސައްކަތްކުރާ މީހެއް ހެއްޔެވެ؟ އެހެން ފަންގިފިލާއެއްގައި މަސައްކަތްކުރާ މީހަކަށް ދިހަވަނަ ފަންގިފިލާގެ ފައިލްރޫމްގައި ރޫބީ ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެން ފަންގިފިލާއަކަށް ރޫބީ ގެންދަންވީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކުން ރޫބީގެ ސިކުނޑި ފުރި ބާރުވަމުން ދިޔައެވެ.

"މިސް ޢާއިޝަތު ރޫބީ..." ރޫބީގެ ކަރުގައި އަޅާފައިވާ ފާހަށް އަވަސް ނަޒަރެއް ދެމުން، ޔަޒްދާން ބުނެލިއެވެ. "ޔުއަރ ސެކްޝަން... ގޮނޑިއާ ހަމައަށް ގެންގޮސްދޭންވީތޯ؟"

ޔަޒްދާން ހުރީ ލިފްޓްގެ ދޮރު ލެއްޕުނަނުދީ ހިފާއްޓައިގެންނެވެ. މޫނުން ފެންނަން ހުރީ ލާނެތްކަމެވެ. ރޫބީ ތެޅެމުން ފޮޅެމުން ލިފްޓުން ނުކުތެވެ. ޔަޒްދާން ފާޑަކަށް ހިނިއައިސްފައި ބަލަން ހުރީއެވެ. ރޫބީ ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލައިލިއިރު، ލިފްޓްގެ ދޮރު ލެއްޕެނީއެވެ.

"ޔަޒްދާން؟" ރޫބީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

"އަޅޭ، މިތާތަ ތިހުރީ؟" ރޫބީ ސިހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ހިފައި އަނބުރާލުމުންނެވެ.

ރޫބީގެ ކުރިމަތީގައި ހުރީ ވިރުދާއެވެ. ވިރުދާއަކީ ރޫބީއާއިއެކު މަސައްކަތްކުރާ މުވައްޒަފެކެވެ. ވިރުދާގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ.

"އެންމެން އެބައުޅޭ ރޫބީ ގެއްލިގެން... ތްރީ އަވަރސް ވީ... ޑިރެކްޓަރަށް ރިޕޯޓްނުކުރާ ކަމެއްވެސް ނޭނގެ... ހިނގާ އަވަހަށް.." ވިރުދާ ރޫބީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ސެކްޝަންގެ ދޮރު ހުޅުވައިލުމާއިއެކު، ރޫބީ ދިޔައީ ސިއްސައިގެންނެވެ. ނިތްކުރިއަށް ރޫތައް އަރުވާލައިގެން ނިޝްރީން ހުރީ އޭނާގެ ކުރިމަތީގައެވެ. ރޫބީ ފެނުމުން، ފައިން ފެށިގެން މޫނަށް އަވަސް ނަޒަރެއް ދިނެވެ. ނިޝްރީނެކޭ އެއްވަރަށް ސެކްޝަނުގައި ދެން ތިބި މުވައްޒަފުންވެސް ރޫބީއަށް ބެލީ އެފަދަ ގޮތަކަށެވެ.

"ކޮންތާކު އުޅެފަ ތިއައީ؟" ފޮރުވަން އުޅުނަސް، ނިޝްރީންގެ މޫނުން ފެނުނީ ހާސްކަމެވެ. މިއަދު ރޫބީއަށް ބޮޑުކަމެއް ދިމާވިނަމަ، އެކަމުގެ ޒިންމާ ނަގަންޖެހޭނެކަން ނިޝްރީނަށް އެނގެއެވެ.

"ރޫބީ އެއައީ ފައިލުތައް އޯގަނައިޒްކޮށްފަ... ދޯ؟..." ރޫބީއަށްވުރެ ކުރިން ވިރުދާ ބުނެލިއެވެ. އޭނާ މަޑުމަޑުން ރޫބީގެ ކޮނޑުގައި ޖެހިގަތެވެ. ރޫބީ ބޯޖަހައިލިއެވެ.

"މީގެފަހުން މަސައްކަތް ކުރަންވާނީ މިތާ އެތެރޭގަ..." ނިޝްރީން ވިރުދާއަށް އިޝާރާތެއް ކޮށްލާފައި ގޮސް، އޭނާގެ ގޮނޑީގައި އިށީނެވެ. ނިޝްރީން އެދުނީ ރޫބީއަށް ކަންކަން ކިޔައިދޭންކަން އެނގުމުން ވިރުދާ އަވަސްވެގަތީ އެކަން ކުރާށެވެ.

"ސޮރީ... އެތެރޭގަ މީހަކު ނޫޅޭކަމަށް ހީކޮށް ދޮރު ލެއްޕުނީ..." ރޫބީގެ މޭޒާއި ދިމާއަށް ހިނގައިގަންނަމުން ވިރުދާ ބުނެލިއެވެ. "އަހަރެން ފަހުން ދިޔައިރު، އެތާ އެކަކުވެސް ނެތް... ސޮރީ ޑިއަރ...."

"އެކަމާ ދެން ނުވިސްނާ!..." ރޫބީ ހިނިތުންވެލިއެވެ.

ނިޝްރީން އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އިންތިޒާރު ކުރަމުންދިޔަ ކޯލު މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ނިޝްރީން ފޯނު ނަގައި، ނަންބަރަކަށް ޑައިލްކޮށްލަން އުޅެނިކޮށް ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނެގި އިރު ނިޝްރީންގެ ނަޒަރު ހުއްޓިފައިވީ ރޫބީއަށެވެ.

"ސީސީޓީވީ ފްޓޭޖް މެއިލްކޮށްފިން..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ބަރާބަރު... މި ވާހަކަ އެއްވެސް މީހެއް ކައިރީ ދައްކައިގެން ނުވާނެ!" ނިޝްރީން އަމުރުކުރިއެވެ. "ފޮނުވި އެތި ތިކޮޅުން ޑިލީޓްކޮށްލާ!"

ފުޓޭޖުން ފެނުނު މަންޒަރުން ނިޝްރީންގެ ދެލޯ ބޮޑުވިއެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ރޫބީއަށް އަވަސް ނަޒަރެއް ދެވުނީ ބިރުވެރި އެއްޗަކަށް ބަލައިލާ ހެންނެވެ. ރޫބީއަކީ އާދައިގެ ކުއްޖެއް ނޫނެވެ. ސީސީޓީވީއިން ފެނުނު މަންޒަރުން އެކަން ޔަގީންވެއެވެ. ފެނުނީ، ނިޝްރީން ކުޑަކޮށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ރޫބީއަކީ އާދައިގެ ކުއްޖެއްކަމަށް ހީކުރެވުން އެއީ ނިޝްރީނަށް ހެދުނު ގޯހެކެވެ.

ގޮނޑީގައި އިށީނދެފައި ރޫބީ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އިކާންގެ ކެބިން ހުންނަނީ ރޫބީގެ މޭޒު ކުރިމައްޗަށް ވާގޮތަށެވެ. ވަށައިގެން ބިއްލޫރި ޖަހާފައި ހުންނާތީ، އެ ކެބިންގެ އެތެރެ ރޫބީއަށް ރީތިކޮށް ފެނެއެވެ. ރޫބީގެ ދެލޯ ހޯދައިލީ އިކާންއެވެ. މޭޒުކައިރީގައި އިކާން އިނީ އެއްޗެއް ލިޔާށެވެ. ދޭތެރެއަކުން އަތުގައި އޮތް ގަލަން އަނގަޔަށް ލައެވެ. ގޮނޑީގައި ހަމަޖެހިލައެވެ. ލޯ މަރާލައިގެން އިރުކޮޅަކު އިނދެއެވެ. އަނެއްކާވެސް ލިޔަން ފަށައެވެ. ކޮންމެ ހަރަކާތެއް ކުރިޔަސް، އިކާންގެ ފިރިހެންވަންތަކަން ވަނީ އިތުރެވެ. އެންމެ ފުރަތަމަ ބައްދަލުވުމުން ފެށިގެން ކަންތައް ހިނގައިދިޔަގޮތް ހިތަށް އައުމުން، ރޫބީއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ރޫބީއަށް ކުރެވުނީ މޮޔަ ކަންތަކެވެ. މުޅީންވެސް އިކާން ހިތްހަމަނުޖެހޭ ކަންތަކެވެ. ދެން ކަންތައްވާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

ރޫބީ ބަލަން އިންދާ، އިކާން ރޫބީއާއި ދިމާއަށް ބަލައިލި ތަން ފެނުނެވެ. ކުރި ކަންތައް ފަޅާއެރުމުން، ރޫބީ ލަދުން މަރުނުވީ ކިރިޔާއެވެ. އަވަސް އަވަހަށް ނޫންކަމަށް ހަދައިލިއެވެ. މޭޒުމަތީގައި އޮތް ފޮތް ނަގައި ހުޅުވައިލައިފައި މޫނު ނުފެންނަ ވަރަށް އުފުލައިލިއެވެ. ކުޑަ އިރުކޮޅެއްފަހުން ރޫބީ މަޑުމަޑުން ފޮތް ތިރިކޮށްލިއެވެ. ސިއްސައިގެންދިޔަވަރުން ރޫބީގެ އަތުން ފޮތް ދޫނުވީ ކިރިޔާއެވެ. އިކާން ހުރީ ގޮނޑިން ތެދުވެގެން، ބިއްލޫރިގަނޑުގެ ކައިރީގައި ރޫބީއަށް ބަލާށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން ރޫބީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ރޫބީ ބަލައިލުމުން، އިކާން އަތް އުފުލައިލިއެވެ. އިކާންގެ އަތުގައި ކުޑަ ރިމޯޓެއް އޮތެވެ. ރިމޯޓަށް ފިތައިލުމުން، ބިއްލޫރިގަނޑުގެ އެތެރެއިން އަޅިކުލައިގެ ފަރުދާއެއް ލެވުނެވެ.

"ވަޓް؟..." ރޫބީއަށް އިނދެވުނީ ފެނުނު މަންޒަރު ގަބޫލުކުރަންވެސް ދަތިވެފައެވެ. ރޫބީއަށް ފެންނަގޮތަށް އިކާން އެކަން ކުރީ ގަސްދުގައި ރޫބީ ލަދުގަންނުވައިލަން ހެއްޔެވެ؟

********

ކެފޭ ލާނިޝްގެ ޓެރެސްގައި އިން ނާޝިޒް ދޭތެރެއަކުން ގަޑި ބަލައިލައެވެ. ހިތްފަސޭހަ މާހައުލެކެވެ. ވަށައިގެން ފެންނަނީ ބަގީޗާ ގަސްތަކެވެ. އިސްޕީކަރުތަކުން ދޭތެރެއަކުން އިވިލާ، ދޫނީގެ ހިތްގައިމު އަޑުން މާހައުލަށް ދިރުން ގެނެސްދީފައި ވިއެވެ. ދުރުދުރުގައި ޖަހާފައިވާ މޭޒުތައް ހުރީ ހުހަށެވެ. އެތެރެއަށް ވަދެގެން އައި މީހަކު ފެނުމުން، ނާޝިޒް އަތުން ހަނާ އަޅައިލިއެވެ. އެމީހަކު އައިސް މޭޒު ކައިރިއަށް ހުއްޓުނުއިރު، ނާޝިޒް ހުރީ ކޮޅަށް ތެދުވެއެވެ. ދެމީހުން އެކަކު އަނެކަކަށް ސަލާންކުރިއެވެ. ނާޝިޒްގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

"ހާދަ ދުވަހެއް ފަހުންނޭ މި ބައްދަލުވީ... ކޮބާ ހާލަކީ؟" ގޮނޑީގައި އިށީންނަމުން ފައުދު ބުންޏެވެ.

"ހާލު ގޯހެއް ނޫނޭ... ކޮބާ އިންޑިޔާއަށް ދިޔަ ކަންތައް ވެއްޖެ؟" ނާޝިޒް ސުވާލުކުރިއެވެ.

"އަންހެނުން އެކޮޅުގަ ބަހައްޓާފަ މިބުރު މިއައީ... އޮޕަރޭޝަން ކާމިޔާބު... އެކަމަކު، އަދި ދެތިންމަހު އެކޮޅުގަ މަޑުކުރަން ބުނީ... އަހަންނަށް ދެން ދެވޭނީ މަހެއް ފަހުން... އަންހެނުންގެ ކޮއްކޮ އެކޮޅުގަ ބަހައްޓާފަ މިއައީ..." ފައުދު ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އަހަރެން އެންމެ ބޭނުންވި ދުވަހު ނާޝިޒް އަހަންނަށް ވެދިން އެހީގެ މަތިން... އަންހެނުންނަށް އެކޮޅުގަ ފަރުވާ މިކުރެވެނީ ނާޝިޒް އެހީވާތީ..."

"ދެން އެވާހަކަ ބާއްވާ!... އަހަރެން އަތުގަ ހުރިހާ ދުވަހަކު ފައުދަށް ފައިސާގެ އެހީތެރިކަން ވެދޭނަން..." ނާޝިޒް ޔަގީންކަން ދިނެވެ.

ފައުދު ބޯޖަހައިލީ ޝުކުރުވެރިވަމުންނެވެ. ނާޝިޒާއި ފައުދަކީ އިސްކޫލް ދައުރޫއްސުރެ ދެ އެކުވެރިންނެވެ. އެހާ ދުވަސްވީއިރުވެސް އެ ގުޅުމަށް ބަދަލެއް ނާދެއެވެ.

"އަހަރެން އަބަދު ކަންތަކު އެދޭއިރުވެސް ނާޝިޒް އަހަރެން ކައިރީ ދުވަހަކުވެސް ކަމަކުނުކިޔާ" ޝަކުވާގެ ރާގަކަށް ފައުދަށް ބުނެވުނެވެ.

"ކަމަކު ކިޔާށޭ މިއުޅެނީ..." ނާޝިޒް ބުނެލިއެވެ. "ވަރަށް އެހެން ކަހަލަ ކަމަކާ ލައްވާލައިގެން މިއުޅެނީ..."

ނާޝިޒް ނެގީ އޭނާގެ ޖީބުގައި އޮތް ދެ ކަރުދާސްކޮޅެވެ. ފަތްޖަހާލާފައި އޮތް ދެ ކަރުދާސްކޮޅު ފައުދުގެ ކައިރީގައި ބޭއްވިއެވެ. ފައުދު ހައިރާންވެފައި ކަރުދާސްކޮޅަށް ބަލަން އިރުކޮޅަކު އިނެވެ.

"މިޔޯ؟" ފައުދު އަހައިލިއެވެ.

"ތީގަ އޮތް އެއްޗެއް ބަލާބަލަ!" ނާޝިޒް އެދުނެވެ. "ބުނީމެއްނު ބޮޑުބޭބެއެއް އުޅޭ ވާހަކަ ރުގުޔާކުރާ މީހެއް... އޭނަ ދުނިޔޭގަ އެބަހުރިތަ؟"

"ހާލިދުބެދޯ؟.. އެބައުޅޭ މިދުވަސްކޮޅު މާލެ އައިސްގެން..." ފައުދު ބޯޖަހައިލިއެވެ.

ކަރުދާސްކޮޅުތައް ބަލާފައި ފައުދުގެ މޫނުންވެސް ފެނުނީ ނުތަނަވަސްކަމެވެ. ނާޝިޒްގެ އާއިލާއަކީ ބަޔަކަށް އުނދަގުލެއް ކުރާ އާއިލާއެއް ނޫނެވެ. ކޮންމެ އަހަރަކު އެތައް ބަޔަކަށް އެހީވެއެވެ. ވީއިރު، މީހަކު އެ އާއިލާއަށް އެވަރުގެ ކަމެއް ކުރާވަރުގެ ދުޝްމަނުކަމެއް އޮންނަންވީ ކީއްވެ ހެއްޔެވެ؟

"އަހަރެން ބޭނުންވަނީ ތީ އަސްލު ސިހުރެއްތޯ ޔަގީންކުރަން" ނާޝިޒް ބުނެލިއެވެ. "އަހަރެންވެސް ލައްކަ ސިހުރު ދެކުނިން... ސިހުރާ ވައްތަރުގޮތެއް ތީގަ އެބަހުރި.... އެކަމަކު ތީ ސިހުރެއް ހަދަން މީހަކު ކޮށްފަހުރި ކަމެއްހެން ހިއެއްނުވޭ... ފަލާހާމެން ބިރުން އުޅޭތީ، އެކަން ޔަގީންކުރަން އަހަރެން ބޭނުންވަނީ... އަހަރެން ކޮންމެކޮންމެ މީހަކަށް އިތުބާރެއް ނުކުރަން... އެހެންވެ، ފައުދާ ބައްދަލުކުރަން މިޖެހުނީ..."

"ތިބުނީ ރަނގަޅު ވާހަކައެއް... ބޮޑަށް ހީވަނީ ޖެއްސުމެއް ކުރަން ކޮށްފަ އޮތް ކަމެއްހެން... މިހުރީނު އަކަތައް... އަސްލު ސިހުރެއްގަ މިހެނެއް ނުހުންނާނެ...." ފައުދު ޔަގީންކަމާއި އެކުގައި ބުނެލިއެވެ. "އަހަރެންމީ ދެން އެހާ މޮޅު މީހެއްނޫން... ބޮޑުބެ ކައިރިއަށް ގޮސް ޔަގީންކޮށްފަ ހަބަރެއް ވާނަން..."

"އަހަންނަކަށް ނޭނގެ، އަހަރެންގެ އިކާންދެކެ މީހަކު އެހާ ނަފަރަތު ކުރަންޖެހޭ ސަބަބެއް" ނާޝިޒް ފުން ނޭވާއެއް ދޫކޮށްލިއެވެ. "އުމުރުން ދިހަ އަހަރުގަ ދިމާވި ބިރުވެރި ހާދިސާއިން ސަލާމަތްވިޔަސް، އިކާން އުޅެނީ ވަރަށް އުނދަގޫ ދިރިއުޅުމެއް... އުމުރުން ތިރީސް އަހަރުވީއިރު އަދިވެސް އެދުވަހުގެ ބިރުވެރިކަން އިކާންގެ ހިތުން ފިލައިގެން ނުދޭ... ނިދަންޖެހެނީ ބޭސްކައިގެން... އަހަރެންގެ އިކާނަށް މިނޫން ދުވަހެއް ދައްކަވާނެނަމަ..."

"އެސޮރު މީހަކާ އިންނާކަށް ނޫޅޭތަ؟ މީހަކާ އިނީމަވެސް ތިކަހަލަ ކަންކަން ރަނގަޅުވެފަ އެބަހުރި" ފައުދު ހާމަކުރީ އޭނާގެ ވިސްނުމެވެ.

"އިކާން ބޭނުމެއްނުވޭ ކޮންމެ މީހަކާ އިންނާކަށް..." ނާޝިޒް އިސްޖަހައިލިއެވެ.

"އަހަރެންގެ ކޮއްކޮގެ ދަރިފުޅު އައިޝާވެސް އެހުންނަނީ ހުސްކޮށް... އެއީ އިކާންމެން އުމުރުގެ ކުއްޖެއް... އެއްދުވަހަކުން އެމަންޖެ ފޮނުވާނަށް ތިގެއަށް... ވަރަށް އަނގަ ގަދަވާނެ..." ފައުދު ހިނިގަނޑެއް ޖަހައިލިއެވެ.

********

އިކާން އޮފީސް ނިންމާފައި ނުކުތްއިރު، ރޫބީ ހުރީ އިމާރާތުގެ ޕާކިން އޭރިއާގައެވެ. ހެނދުނު ރޫބީ ފެނުނުއިރު ހުރި ތާޒާކަމެއް ނެތެވެ. އިކާން ދެ ފިކުރެއްގައި ހުރެފައި ކާރަށް އަރަން ދިމާކުރިއެވެ.

"މިއަދުވީ ހުރިހާ ކަމަކަށް މާފަށް އެދެންވެގެން މި މަޑުކުރީ" ރޫބީ އަވަސް އަވަހަށް ބުނެލިއެވެ.

ކާރުގެ ދޮރު ހުޅުވަން ހުރި އިކާން ފަސްއެނބުރުނެވެ. ލޯ ހަނިކޮށްލާފައި ރޫބީއަށް ބަލައިލިއެވެ. ރޫބީއަކީ، މައުސޫމު މޫނެއްގެ ފަހަތުގައި ވަރުގަދަ އެޖެންޑާއެއް ފޮރުވައިގެން އުޅޭ ކުއްޖެކެވެ. ދެމީހުން ބައްދަލުވިތާ ސައުވީސް ގަޑިއިރު ނުވަނީސް، އެތައް ހާދިސާއެއް ހިނގައިފިއެވެ. އެއީ އަޖައިބެއް ކަހަލަ ކަމެކެވެ. އެކަމަކު، އިއްތިފާގަކަށް ވެދާނެކަމަށް ގަބޫލުކުރަން އިކާންގެ ސިކުނޑި ދެކޮޅުހެދިއެވެ. އިކާން މަސައްކަތްކުރީ ރޫބީގެ މޫނުން ކަމެއް ހޯދާށެވެ. އިކާން ބަލަން ފެށުމުން، ރޫބީ ގަދަކަމުން ހިނިތުންވެލިއެވެ.

"މާފަށް އެދެން؟ ހޫމްމްމް..." އިކާން ކާރުގެ ދޮރު ލައްޕާފައި، ކުރިއަށް ޖެހިލިއެވެ. "އަހަރެން މީ އެހާ ފަސޭހައިން މީހަކަށް މާފުކުރާނެ މީހެއް ނޫން... އަހަރެންގެ މާފު ހޯދަން ވަރަށް އުނދަގޫވާނެ... އަދިވެސް ބޭނުންތަ މާފު ހޯދަން؟"

އިކާން ކުރިއަށް ޖެހިލުމުން، ރޫބީ ފަހަތަށް ޖެހުނެވެ. އިކާންގެ ސުވާލަށް ޖަވާބުދިނުމަށް އޭނާ ބޯޖަހައިލިއެވެ. އިކާން ހައިރާންވިކަން އޭނާގެ މޫނުން ފެނުނެވެ.

"މިއަދު ހެދުނު މިސްޓޭކްތައް އެއްހާސް ފަހަރު ގަނޑެއްގަ ލިޔެގެން އާދޭ..." އިކާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރާ ދޮރު ޖެހިއެވެ.

ވީ ފޫއްސަކުން، ރޫބީއަށް ތުން ފިއްތައިލެވުނެވެ. އިކާން ވީ އޭނާ ހީކުރި ވަރަށްވުރެ ބޮޑާ މީހަކަށެވެ. އެކަމަކު އެއީ ރޫބީގެ ވެރިމީހާއެވެ. ގޯސްކޮށް ކަންތައް ކުރެވުނީ ރޫބީއަށެވެ. ވީއިރު، އިކާން ރުއްސަން ރޫބީއަށް މަޖުބޫރެވެ.

"ކުޑަކުއްޖެއްތަ އެއްހާސް ފަހަރު ލިޔަން؟" ރޫބީއަށް ހިތާއިހިތުން ބުނެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު