ޣައްޒާ (3 މެއި 2025) : ޣައްޒާއިން ކާބޯތަކެތި އެއްކޮށް ހުސްވެ ހައިހޫނުކަން އާންމުވެފައިވާތީ އާންމުންގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނީ މުޅި ޣައްޒާވަނީ ހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ. ބޯފެން ވެސް ޣައްޒާއިން ހުސްވެފައިވާ ކަމުގައެވެ. ހައިހޫނު ކަމުގެ ވޭނުގައި އާންމުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުންދާކަމުގައެވެ.
އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުންނާއި ހަމާސް ޖަމާއަތް އިސްރާއީލަށް އަމާންދޭން މަޖުބޫރު ކުރުވުމަށްޓަކައި އެމެރިކާގެ އެހީތެރިކަމާއެކު ކާބޯތަކެތި ހަތިޔާރަކަށް ހެދުމުގެ ލާއިންސާނީ ސިޔާސަތެއް ތަންފީޒު ކުރަމުންނެވެ.
މި ލާއިންސާނީ ސިޔާސަތުގެ ދަށުން ފާއިތުވި ދެމަސްތެރޭގައި އިސްރާއީލުވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ވެއްދުން މަނާކޮށްފައެވެ. ޣައްޒާގެ ރައްޔިތުން ފާއިތުވި ދެމަސްތެރޭގައި ކެއުމަށް ބޭނުންކުރީ ކުރިން ވައްދާފައިހުރި ކާބޯތަކެތީގެ ސްޓޮކުންނެވެ. މިހާރު އެސްޓޮކްވެސްވަނީ ހުސްވެފައެވެ.

ހައިހޫނުކަން ތަހައްމަލް ކުރާ ޣައްޒާގެ ތުއްތު ކުއްޖަކު ކާބޯތަކެއްޗަށް އެދި އާދޭސް ކުރަނީ
އދ. ބުނާގޮތުން މިއީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވެގެންދިޔަ އެންމެ ދިގު މުއްދަތެވެ.
ހަމާސް އަސްކަރީ ގޮތުން ބަލިކޮށް ހަމާސް އިން ކުރިޔަށް ގެންދާ މިނިވަންކަމުގެ ޖިހާދު ހުއްޓުވުމުގައި އަސްކަރީ ގޮތުން އިސްރާއީލުވަނީ މުޅިން ނާކާމިޔާބު ވެފައެވެ. އަދި ހަމާސް އާ ދެކޮޅަށް ޣާއްޒާގެ ރައްޔިތުން ނެރުމުގައިވެސް އަދި ހަމާސްގެ ވެރިކަން ވައްޓާލުމުގައިވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބު ވެފައެވެ.
އިސްރާއީލުވަނީ 17 މަސްދުވަސްވާންދެން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި ޣައްޒާގެ 60 ހާހެއްހާ މީހުން ޝަހީދުކޮށްލާފައެވެ. އަދި ދެލައްކައަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. މުޅި ޣައްޒާވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ހޮސްޕިޓަލްތައްވަނީ ހަލާކުކޮށްލާފައެވެ.
އިސްރާއީލުން މިހާރުވެސް ކޮންމެ ދުވަހަކު ހަމަލާދީ ޣައްޒާގެ 50 ނޫނީ 60 ވަރަކަށް މީހުން ޝަހީދުކޮށްލައެވެ. ހަމަލާތައްދެނީ އާންމުން ދިރިއުޅޭ ފޮތި ފޭލިގެތަކަށެވެ. ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ރާވައިގެން އިސްރާއީލު ހިންގާ މި ހުރިހާ ޖަރީމާތަކާއެކުވެސް ހަމާސް ޖަމާއަތް ބަލިކުރުމުގައާއި ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރު ކުރުމުގައި އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ.
އަސްކަރީ ގޮތުން އިސްރާއީލަށް ކުރިމަތިވި މި ނާކާމިޔާބީ އާއެކު އިސްރާއީލު މިހާރުވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުން އެއްކޮށް މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް މެރުމުގެ ސިޔާސަތެއް ތަންފީޒު ކުރަންފަށާފައެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާހިރު ބުނިގޮތުގައި ޣައްޒާގެ ރައްޔިތުން ކާންބޯން ބޭނުންވާނަމަ އޮތް ގޮތަކީ ހަމާސްގެ ވެރިކަން ވައްޓާލައި ހަމާސް އަތުން ހަތިޔާރު އަތުލުމަށްޓަކައި ޙަމާސްއާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައިގާ ޣައްޒާގެ އާންމުން ބައިވެރި ކުރުމެވެ. ނޫނީ ޣައްޒާ ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކުރުމެވެ.
ޣައްޒާގެ ބައެއް ހިސާބުތަކުގައި ހައިހޫނު ކަމުގައި މިހާރު މީހުން މަރުވާން ފަށާފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި ކާބޯތަކެތި ހުރިތޯ ބެލުމަށްޓަކައި ޣައްޒާގެ އާންމުންގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާކަން އދ. ންވެސްވަނީ ކަށަވަރު ކޮށްދީފައެވެ.
އދ. ގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޣައްޒާގެ ތެރެއިން ފެންނަނީ އިންސާނުންގެ ހިތްތަކަށް ކެތްކުރަން ނުކެރޭފަދަ ހިތްފަޅައިގެންދާ ފަދަ ވޭނީ ކެކުޅުމުގެ މަންޒަރުތަކެވެ.