ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް: ރައީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު: ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާއެކުއެވެ. އަދި އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވިއެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން އަހަރެއްވީ އިރުވެސް އެއްބަސްވުންތައް ހާމަނުކުރުމާއެކު އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.

މިއަދު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި އެހެނިހެން ގައުމުތަކާ ދެމެދު ވެފައި ހުރި އެއްބަސްވުންތައް ހާމަކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތައް ހާމަކުރުމަށް އޮތް ހުރަހަކީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލައުސް" އޮތުން ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެއްބަސްވުންތައް ވެފައިވާ ގައުމުތަކުން އެ އެއްބަސްވުންތައް ހާމަކުރުމަށް ހުއްދަ ނުދޭތީ ހާމަނުކުރެވެނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން: -- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް ގައުމުތަކާއެކު އެކަމާ ގުޅިގެން މަޝްވަރާކުރުންތައް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ [ބަލަނީ]،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ އެއްބަސްވުންތަކުގައި ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

"ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން. އެއީ އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ އަސްކަރިއްޔާއެކު އެމްޑީޕީ ސަރުކާރުން ވި އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފައެވެ.

އެގޮތުން ރައީސް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެ ފަހަރަކު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވެސް ވަޑައިގެންފައެވެ. އެގޮތުން ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތެވެ. އަދި ފަހުން އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދްރްޕަތީ މުރްމޫގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އޭގެ ފަހުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް