13 ޑޮލަރަށް ގަތް ކުރެހުމެއް އެއް މިލިއަން ޑޮލަރަށް ވިއްކައިފި

އިނގިރޭސިވިލާތުގައި 1926ގައި 13 ޑޮލަރަށް ގަތް ކުރެހުމެއް ދާދިފަހުން އެއް މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މި ކުރެހުން އެއް މިލިއަން ޑޮލަރަށް ވިއްކާލާފައިވަނީ ނީލަން އިވެންޓެއްގައެވެ. ސެންޓްރަލް ލަންޑަންގެ މޯލް ގެލެރީސްގައި ކުރިއަށް ގެންދިޔަ ނީލަމުގައި ވިއްކާލި ކުރެހުމަކީ 1926 ގައި މެންޗެސްޓާއަށް ނިސްބަތްވާ މީހެއް ކަމަށްވާ އޯތާ ވޯލަސް 13 ޑޮލަރަށް ގަތް ކުރެހުމެކެވެ.

މި ކުރެހުމަކީ 1900ގެ ކުރީކޮޅުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ކުރެހުންތެރިޔާ ކަމަށްވާ އެލްއެސް ލައުރީގެ ކުރެހުމެކެވެ. ލައުރީގެ ކުރެހުންތައް މަގުބޫލުކަން ހޯދާފައިވަނީ އެ ދުވަސްވަރުގެ އިނގިރޭސިވިލާތުގެ އިންޑަސްޓްރިއަލައިޒޭޝަންގެ މަންޒަރުތައް ކަރުދާހަށް ގެނެސްދިން ގޮތާ ގުޅިގެންނެވެ. ލައުރީގެ ކުރެހުންތަކުން ފެނިގެންދަނީ މަސައްކަތުގެ މާހައުލުގައި އުޅޭ އާންމުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ވާހަކައެވެ.

ދާދިފަހުން ވިއްކާލާފައިވަނީ އޭނާ 1925ގައި ކުރެހި މަންޒަރެކެވެ. ލައުރީގެ ކުރެހުން އެންމެ ފުރަތަމަ ވިއްކާލުމަށް އިއުލާނުކޮށްފައިވަނީ 40 އެއްހާ ޑޮލަރަށެވެ. ނަމަވެސް ވޯލަސް އަށް އޭނާގެ ކުރެހުން ވިއްކާލީ 13 ޑޮލަރަށެވެ. އެއީ އިންފްލޭޝަނާއި މިހާރުގެ އަގަށް ބަލާނަމަ މިހާރުގެ އަދަދުން 700 އެއްހާ ޑޮލަރެވެ. ބެލެވޭ ގޮތުގައި މި ކުރެހުމަކީ ލައުރީ އެންމެ ފުރަތަމަ ވިއްކާލި ކުރެހުންތަކުގެ ތެރޭގައި ހިމެނޭ އެއް ކުރެހުމެވެ.

ލައުރީގެ މި ކުރެހުން ވިއްކާލާފައިވަނީ ޕްރައިވެޓް ކަލެކްޓަރަކަށެވެ. މިއީ ލައުރީގެ ކުރެހުމެއް ބޮޑު އަގެއްގައި ވިކިގެން ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. ލައުރީގެ ކުރެހުމެއް ކަމަށްވާ "ސަންޑޭ އާފްޓަނޫން" ވެސް ވަނީ މިދިޔަ އަހަރު ބޮޑު އަގެއްގައި ވިކިފައެވެ. މި ކުރެހުން ވަނީ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރާ ގާތްކުރާ އަގަކަށް ވިކިފައެވެ.

comment ކޮމެންޓް